ވެރިކަމުގެ ސިޔާސަތު

ރަސްކަމުގައި ނަމަވެސް، ޖުމްހޫރިއްޔާގައި ނަމަވެސް އަދި އެހެން ބާވަތެއްގެ ވެރިކަމެއްގައި ނަމަވެސް، ވެރިކަމުގެ ސިޔާސަތު ހިންގަނީ، އެކިވެރިން އެކިގޮތަށެވެ. އޭގެތެރޭގައި ޖަދަލުކުރުމުގެ ސިޔާސަތު، ބަދަލުހިފުމުގެ ސިޔާސަތު، ބިނާކުރަނިވި ސިޔާސަތު، ދަޅަދެއްކުމުގެ ސިޔާސަތު ހިމެނެއެވެ. ބަދަލުހިފުމާއި ޖަދަލު ކުރުމުގެ ސިޔާސަތަކީ ވެރިކަމުގެ ޝާނާއި ޝައުކަތު ދެއްކުމުގެ ތެރޭގައިވާ ކަމެކެވެ.

ދޮންބަންޑާރައިން ރާއްޖެ މިނިވަން ކުރެއްވުމަށްފަހު، ރަސްކަމަށް އިސްކުރެއްވީ، ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ އާމިނާކަނބާފާނެވެ. ވެރިކަން ހިންގަވަނީ ދޮންބަންޑާރައިންނެވެ. ކުޑަދުވަސް ކޮޅަކަށްފަހު، އާމިނާކަނބާފާނު ރަސްކަންދޫކޮށްލައްވައި، ފިރިކަލުން ގޮވައިގެން ފިރިކަލުންގެ ރަށަށް އައްޑުއަތޮޅަށް ވަޑައިގެންފިއެވެ.

ދުވަސްކޮޅަކަށްފަހު، މާލެއިން އެރަށަށްދިޔަ ޚަބަރަކާގުޅިގެން، ކަނބާފާނުގެ ދެމަފިރިކަނބަލުން ފިއްލަވައިގެން މަލިކަށް ވަޑައިގަތުމުގެ ދަތުރެއް ފެއްޓެވިއެވެ. މިކަން ދޮންބަންޑާރައިންނަން އެނގިވަޑައިގަތުމުން، އެދެކަނބަލުން ހޯއްދަވައިގެން ގެންނަވައި، ފެންފުށްޓަށް އަރުވާ ލައްވައިފިއެވެ.

ދޮންބަންޑާރައިންނަށްފަހު، ރަސްކަމަށް އިސްކުރެވުނީ ދިޔަމިގިލީ ދަރިކޮޅުގެ މުޙައްމަދު މަނިކުފާނު ހާޖީބަންޑާރައިންނެވެ. މިރަސްކަމުގައި، ދޮންބަންޑާރައިންގެ ދޮށީދަރިކަލުން ރަސްކަމަށް ވެރިވެވަޑައިގަންނަވާން އުޅުއްވާ ޚަބަރެއް ލިބިވަޑައިގެން، ދޮންބަންޑާރައިންގެ ހުވަފަތް އަނބިކަނބަލުންނާއި، ބޭފުޅުން، ފެންފުށްޓަށް އަރުވައިލައްވައިފިއެވެ. މިއީ ބަދަލުހިފުމުގެ ވަރަށް ރީތި މިސާލެކެވެ.

އޭގެފަހުން، ފެންފުށިން، އައްޑުއަތޮޅަށް އެޢާއިލާ ބަދަލުކުރެއްވިއެވެ. އެފަހަރު އަރުވާލެއްވީ، އައްޑޫ ހިތަދޫ "ރަސްގެދަރު" އަށެވެ. "އިހުއޮތްދަރަށް އޮބުނީއޭ" މުސްކުޅިން ބުނާގޮތަށް "ރަސްގެދަރަށް އޮބުނީއޭ" ބުނާންވެގެން އެސަރަހައްދަށް ރަސްގެދަރު ކިޔައިނަންދެވުނެވެ. ("އިހުއޮތް ދަރަށް އޮބުނީއޭ" ބުނަނީ، "އިހުއޮތްގޮތަށް އަލުން ބަދަލުވީއޭ" ބުނުމަށެވެ.) އާމިނާކަނބާފާނުގެ ޢާއިލާ ދޮންބަންޑާރައިންގެ ވެރިކަމުގައި (ރަސްކަން ދޫކުރައްވައި) އައްޑުއަށް ވަޑައިގަތީ، ދޮންބަންޑާރައިންގެ މައްޗަށް އެހެންމީހަކު ނުބެހެއްޓުމަށްޓަކައި، ބޮޑުން އުނދަގޫ ކުރުމުންކަމަށް ބުނެވެއެވެ. އެޢާއިލާވެސް ވަޑައިގަތީ އައްޑުއަށެވެ. ދޮންބަންޑާރައިންގެ ޢާއިލާވެސް އައްޑުއަށެވެ. އެހެންވީމާ "ރަސްގެދަރަށް" އޮބުނީއެވެ. ބަދަލުހިފުމާއި ޖަަދަލުކުރުމުގެ ރީތި ނަމޫނާއެކެވެ.

ހާޖީ ބަންޑާރައިންގެ ރަސްކަމުގައި، އެރަދުން ޙައްޖަށް ވަޑައިގެން ހުންނަވަނިކޮށް، ހުރާ ދަރިކޮޅުގެ ބޭފުޅުން ރަސްކަން ބަދަލުކުރައްވާ، ދޮންބަންޑާރައިންގެ ބޮޑުބޭބެ ކޮއްކޮ ޝަމްޝުއްދީން(2) ރަސްކަމަށް އިސްވެ ވަޑައިގަތެވެ. ހާޖީބަންޑާރައިން އެނބުރި ރާއްޖެވަޑައިގަތުމުން ކަނޑުފެއްތީއެވެ. (އެކަމެއް ހިނގީ ޝައުބާން މަހެއްގެ 7 ވަނަ ރޭގައެވެ.) ބަދަލުހިފައި ނިމުނީއެވެ.

އެކަމަކު، ޞަލީބީ ހަނގުރާމައިން ފަތަޙަ ލިބިވަޑައިގަތުމުން، ހައްޔަރުވި ހުރިހާ ކާފަރުންނަށް ޞަލާޙުއްދީނުލް އައްޔޫބީ މަޢާފުދެއްވިއެވެ. އިބްރާހީމް ނާޞިރުގެ ވެރިކަމަށްފަހު މައުމޫނުގެ ސަރުކާރުން ނާޞިރާމެދު ކަންތައްކުރަނީ ކިހިނެއްހެއްޔެވެ.

Read more...

އިންސާފާއި ހަމަހަމަކަން

އިންސާނީ ފިޠުރަތުގެ ބިންގަލަކީ، އިންސާފާއި ހަމަހަމަ ކަމެވެ. މިޔާޚިލާފަށް އުފެދޭ އެއްވެސް މުޢާމަލާތެއްގައި ކާމިޔާބެއް ނެތެވެ. ތަޢުރީފު ލިބުމެއްވެސް ނެތެވެ. ދުނިޔޭގެ ކާމިޔާބު ޙަޟާރަތުތައް އައިސްފައިވަނީ މިބިންގަލުގެ މަތީގައި ބިނާވެގެނެވެ. އިސްލާމީ ތާރީޚުގެ އެންމެ މުހިއްމު ދައުލަތް ކަމަށްވާ ޢައްބާސީ ދައުލަތުގެ މަޝްހޫރު ޚަލީފާ ހާރޫނުއްރަޝީދަކީ، އިންސާފާއި ހަމަހަމަކަން ޤާއިމް ކުރެއްވުމުގައި ލާމަސީލު ވެރިޔެކެވެ.

ޚަލީފާހާރޫނުއްރަޝީދުގެ ރަސްކަމުގައި، ބަޣުދާދުގެ ރަށްފުށުގެ ގޭގެއަށް ދަންވަރުވަދެ، ވައްކަންކޮށް، ފޭރި އަދި، ޖާރިޔާއިންނާ މައްލަވަކޮށް (މިހާރުނަމަ ބިޓްހިއްލައި) އުޅޭ ދެމީހަކުގެ ޚަބަރު ރަސްގެފާނަށް ލިބިވަޑައިގަތެވެ. ޚަބަރުގެނައި މީހުން ދެންނެވީ، އެއީ، ޚަލީފާގެ ދެބޭފުޅުން ކަމަށްވާ، އަމީނާއި މައުމޫނު ކަމުގައެވެ. މިޚަބަރު އައްސަވައި، އެދެމީހުން އުޅޭ ހިސާބެއް ޔަގީންވުމުން، ރަސްގެފާނަށް ދެންނެވުމަށް އަމުރުކުރެއްވިއެވެ.

މިހެންވެފައި ވަނިކޮށް އެއްރެޔަކު، އެދެމީހުން އުޅޭ ހިސާބުގެ ޚަބަރު، ރަސްގެފާނަށް ލިބިވަޑައި ގެންފިއެވެ. އެހިނދު ހަތިޔާރުއެޅި ލަޝްކަރާއެކު، އެހިސާބުގަނޑަށް، ވަރަށް އަވަހަށް ދަތުރު ކުރައްވައިފިއެވެ. އޭރު، އެދެ މީހުން ވަދެއުޅޭގޭގެ ފިިރިހެންވެރިން ނުކުމެ މަގުމަތީގައި ތިއްބެވެ. އެދެމީހުން، އެގޭގައި ޖާރިޔާއިންނާ (މަސައްކަތްކުރާ އަންހެންކުދީންނާ) ސަމާސާ ބުނަމުން ގެންދެއެވެ.

މިކަން ޔަގީންވެ ވަޑައިގަތުމުން، ރަސްގެފާނުގެ ޖައްލާދު މަސްރޫރަށް އެންގެވީ އެގެޔަށް ވަދެ، ބައްތި ނިއްވާލައި، އެދެމީހަކުގެ ބޯކަނޑައިލުމަށެވެ. ދެން މަސްރޫރު، އެގެޔަށްވަދެ (ކަނޑީގެ އަލީގައި) އެދެމީހަކުގެ ބޯކަނޑާލައި، މަގުމައްޗަށް، ރަސްގެފާނުގެ ކުރިފުޅުމައްޗަށް ނެރެފިއެވެ.

ރަސްގެފާނުގެ ކުރިފުޅުމައްޗަށް، އެދެބޯ ވައްޓާލުމުން، އެދެބޮލަށް ބައްލަވާފައި ވިދާޅުވިއެވެ. "މާތްﷲއަށް ޙަމްދުހުއްޓެވެ. މިރޭ، އަހަރެންގެ އިންސާފުވެރި ކަނޑީން، އަހަރެންގެ ދެދަރިން ސަލާމަތްވެއްޖެއެވެ." އެވަގުތު، ގޭގެވެރިމީހާ ދެންނެވިއެވެ. "މަނިކުފާނުގެ ދެބޭފުޅުން ކަމަށްވެސް ހީފުޅު ކުރެއްވީތޯއެވެ." ރަސްގެފާނު ވިދާޅުވިއެވެ. "ޚަބަރު ލިބުނީ، އަހަރެންގެ ދެދަރީންނާ އެއްގޮތް ސިފައެއްގައި އެދެމީހުން އުޅޭ ކަމުގައެވެ. އަހަރެން ގަސްތު ކުޅައީ، އެދެކުދީންނަކީ ޒުވާނުން ކަމަށްވާތީ، އެކަހަލަ ކަމެއްވެސް ކޮއްފާނެ ކަމަށާއި، އެދެކުދީން ކަމަށް ވިޔަސް، އެނުބައި ޢަމަލުން މިރަށް ސަލާމަތް ކުރުމަށެވެ."........ ވެރިއެއްގެ އިންސާފާއި ހަމަހަމަކަން ހުންނާންވީ ގޮތުގެ މިސާލެކެވެ.

މިއަދު، ދިވެހިރާއްޖެއިން ފެންނަމުންދާ މަންޒަރުތަކާ، އިސްވެބަޔާންކުރި ހާދިސާއާ، އަޅާކިރާލާށެވެ.

Read more...

ތަޖްރިބާއަށް ބަލާށެވެ. ވޭތުވީ ކޮންކަހަލަ ތިރީސްއަހަރެއް ހެއްޔެވެ.

ޙާޖީޢިމާދުއްދީން ސުވޭހު ކައިވެނިފުޅަށް ވަޑައިގެން، ސުވޭހުގައި ހުންނަވަނިކޮށް، އަތިރިގޭ ޢަބްދުލްމަޖީދުދީދީ (ރަންނަބަނޑޭރި ކިލެގެފާނު) އިސްވެހުންނަވައި، މުލީގޭ މަނިއްޕުޅު މުޙައްމަދު ޝަމްސުއްދީން، ރަސްކަމަށް އިސްކުރިއެވެ. އެހާތަނުން މައްސަލަޖެހޭގޮތް ވެއްޖެއެވެ. ހާޖީޢިމާދުއްދީން އެނބުރި ސިލޯނަށް ވަޑައިގެންފިއެވެ. އޭރު، ރާއްޖެ އޮތީ އިގިރޭސި އިސްތިޢުމާރުގެ ދަށުގައެވެ. ސިލޯނުގައި އޮތް، އިގިރޭސި ސަރުކާރުން، ރަސްކަން ބަދަލުވިގޮތް ތަޙްޤީޤު ކުރަން ގަސްތުކޮށްފިއެވެ.

ރަސްކަން ބަދަލުވީ މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި، މާލެއައީ، ލެފްޓިނެންޓް ގަވަރުނަރ އެވެ. މީނާ މާލެއައީ، އެޗްއެމްއެސް، ހައިފްލަޔަރ (މަނަވަރު) ގައި 1903 މެއި 16 ވަނަ ދުވަހުއެވެ. 17 ވަނަދުވަހުގެ މެންދުރު ލެފްޓިނެންޓް ގަވަރުނަރ މާލެފައިބައި، ރަސްކަން ބަދަލުވި މައްސަލަ ތަޙްޤީޤުކުރުމުގެ ދަރުބާރު ބޭއްވިއެވެ.

އެ ތަޙްޤީޤުގައި، މާލޭގެ ރައްޔިތުންނާއި، ފަޅުއޮޑިފަހަރުގެ މީހުން ދެދުރޯށި ދޭތެރެއަށް އެއްކުރެވުނެވެ. އަދި، ޙާޖީޢިމާދުއްދީންގެ ރީޖެންޓް މާންދޫގެ ދޮށީމަނިއްޕުޅާއި، ޝަމްސުއްދީން ރަދުން ގެނެސް، ރައްޔިތުންގެ ކުރިމަތީގައި ބައިތިއްބިއެވެ. ދެން، ލެފްޓިނެންޓް ގަވަރްނަރ، ރައްޔިތުންގެ ތެރޭގައި ހިންގައި، "ތިޔަބައިމީހުން ރުހެނީ ކޮންރަސްކަލަކާހޭ" އަހައި ސުވާލު ކުރަމުން ދިޔައެވެ. އެންމެން އެކުގައިހެން "ޝަމްސުއްދީނޭ، ޝަމްސުއްދީނޭ" ގޮވައި، ހަޅޭއްލަވަމުން ދިޔައެވެ. ތަޙްޤީޤަކީ އެއީއެވެ. ރައްޔިތުން ބޭނުންވާ ރަސްކަލަކު ބެލުމެވެ. އެދުވަހު ރައްޔިތުންބެލީ ތަޖްރިބާއަށެވެ.

ހާޖީ ޢިމާދުއްދީންގެ ރަސްކަމުގެ ފަހުކޮޅު ސަރުކާރު ހިންގަވަން ތިއްބެވީ އަނބިކަނބަލުންގެ ގާތް ބޭފުޅުންކަމަށްވާ އެއްގަމުގޭ ބޭފުޅުންނާއި، ތިމާގެފުޅު ބޭފުޅުން ކަމަށްވާ މާންދޫގޭ ބޭފުޅުންނެވެ. ބޮޑުބަނޑޭރި މުލީގެ ދޮށީދީދީ އިސްތިއުފާ ދެއްވުމުން ބޮޑުބަނޑޭރިއަކީ، ހާޖީޢިމާދުއްދީންގެ ޅިޔަނު ތުއްތުއަލިދީދީއެވެ. ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނާއި، މާލޭގެ އެހެނިހެން ބޮޑުންނާ ގުޅުމެއްނޯވެއެވެ. އެބޭފުޅުން "ރާއްޖޭން ބޭރަށްކުރައްވާ އެކިއެކިދަރުރުފުޅުގައި 14 ހާސް 15 ހާސް ގެންދަވާފައިވެސް، ސަރުކާރަށް ކުޑަލާރިއެއްގެ މިންވަރުވެސް ނުގެންނަވާ" ކަމަށްވެއެވެ. "ދެންވާންފެށިގޮތަކީ، ގިނަފޮއި އަންނައިރު ބަނޑުދޭނެ ހަނޑުލެއް ސަރުކާރުގައި ތައްޔާރުވެފައެއް ނުހުރެއެވެ." ދެން ބުންބާ ފިހާރަތަކުން ދަރަންޏަށް ހަނޑޫ ގެނެސްގެން ބަނޑު ދެނީއެވެ. ރައްޔިތުން، ޝަމްސުއްދީނުރަދުން ޚިޔާރުކުރީ މިތަޖްރިބާއަށް ބަލައިގެންނެވެ.

މިއަދުވެސް ރައްޔިތުން މިއޮތީ މިތަޖްރިބާއަށް ބަލާންޖެހިފައެވެ. ވޭތުވީ ކޮންކަހަލަ ތިރީސް އަހަރެއް ހެއްޔެވެ.

Read more...

ޒަމާން ބަދަލުވެއްޖެއެވެ. ވިސްނުން ބަދަލު ކުރާށެވެ!

ދުނިޔޭގެ ޠަބީޢީ ޙާލަތު އަބަދު އެއްގޮތަކަށް ނޯވެއެވެ. ބަދަލުވެއެވެ. ފޮރޮޅެއެވެ. ދުނިޔެވެސް އެނބުރެނީއެވެ. ފޮރޮޅެނީއެވެ. މިއަދު މިފެންނަނީ އިއްޔެ ފެނުނު ގޮތްތަކެއް ނޫނެވެ. ޒަމާން ބަދަލު ވެއްޖެއެވެ. އެޔާއެއްގޮތަށް ވިސްނުންވެސް ބަދަލުކުރާށެވެ!

އިންސާނާގެ ވިސްނުން އަބަދު ހުންނަންޖެހެނީ އެއްމިޞްރާބެއްގައެއް ނޫނެވެ. ޒަމާނާ އެއްގޮތަށް ވިސްނުމުގެ މިޞްރާބު ބަދަލުކުރަން ޖެހޭނެއެވެ. ޙާލަތު ބަދަލުވުމުން، ގޮތްވެސް ބަދަލުކުރާން ޖެހެއެވެ. ހަވީރުފިންޏަށް ޤުދުރަތީ މަންޒަރުދެކިލަން އަތިރިމައްޗަށް ދާމީހާ، ރައްވިލާ އޮއްސުމުން ގެއަށްދެއެވެ. މައިމީހާގެ ގާތުން ކިރުފޮދެއް ނޫނީ ނުބޮވޭ ކުޑަދަރިފުޅު، ވަކިއުމުރަކަށް ދިއުމުން ކާންފަށައެވެ. ކަނޑުވެފައިވާ މީހާ، އެއްގަމަށް އެރުމުން ބޭނުންވަނީ ހީފިލުވާށެވެ. ޙާލަތު ބަދަލުވީމާ، ގޮތްވެސް ބަދަލުވަނީއެވެ.

މިއަދު ދިވެހީންނަށް އޮތީ، ވިސްނުން ބަދަލުކުރާން ޖެހިފައެވެ. ކުރީގެ އަޅުވެތި ފިކުރު ދޫކޮށް، މިނިވަން ފިކުރަށް އިންތިޤާލުވާން ޖެހިފައެވެ. އެހެންނޫނީ، ކާމިޔާބެއް ނުހޯދޭނެއެވެ. ސައްޔިދުނާ ޢުމަރުގެފާނު ވިދާޅުވިކަމަށް ރިވާ ވެފައިވެއެވެ.

"ޖާހިލިއްޔަ ޒަމާނުގައި އަހަރެން ވިޔަފާރި ދަތުރަކު ދިޔައީމެވެ. އަހަރެން ރަށުންނުކުތީ، އަޅުކަން ކުރުމަށްޓަކައި، ކަލާނގެ ހަދައިގެން އެ ހިފައިގެންނެވެ. މަންޒިލަށް މަޑުކޮއްފައި، ކަލާނގެ ނަގައި ބަހައްޓައިގެން އަޅުކަން ކުރަނީއެވެ. މިހެން އުޅެނިކޮށް، ދަތުރުގެ ކޮއްތު ހުސްވެއްޖެއެވެ. ދެން ބަނޑުހައިވެގެން، ކަލާނގެ އެއްއަތް ކާލައިފީމެވެ. އަނެއްފަހަރު އަނެއްއަތް ކާލައިފީމެވެ. މިހެންގޮސް، ބާޒާރަކާ ހަމައަށް ދެވުނުއިރު، ކަލާނގެ ކައި ހުސްވެއްޖެއެވެ. އަހަރެންގެ ހިތަށް މިހާރު އަރައެވެ. އަހަރެން އެއާ ތަބާވެ ސަޖިދަކުރާ ކަލާނގެ މިހަދަނީ ގޮދަންފުށުން ތެލުލައިގެނެވެ. އަހަރެން ވާގިއެދެނީ އޭގެ ކިބައިންނެވެ. ބަނޑުހައިވީމާ ކަނީ އެކަލާނގެއެވެ. އެންމެފަހުން، ކަލާނގެ ކައިހުސްވީއެވެ. އޭރު އެހެރީ ކޮންކަހަލަ ވިސްނުމެއް ހެއްޔެވެ. މިހާރު އަހަންނަށް ތެދުމަގު ފެނުމުން އެނގެނީ އަދި ޤަބޫލުކުރަނީ، އަހަރެން ތަބާވާ ފަރާތް ވާންޖެހޭނީ، ހުރިހާ ފަރާތަކަށްވުރެ ބާރުގަދަ ގަދަފަދަ ފަރާތަކަށް ކަމުގައެވެ." މިއީ ރަނގަޅު ފިލާވަޅެކެވެ.

މީގެކުރިން ދިވެހިން ހީކުރަނީ، މިދިވެހިބިމަކީ ވަކިބައެއްގެ އެއްޗެއް ކަމުގައެވެ. ތަބާވާންޖެހޭނީ އެމީހުނަށް ކަމުގައެވެ. މިއަދު، ބަލަންވީ އެހެނަކުން ނޫނެވެ. މިއަދު ބަލަންވީ، މިއީ އެންމެންގެ ޤައުމު ކަމުގައެވެ. ތިމާ ތާއީދުކުރަންވީ، ޤައުމަށް ހެޔޮއެދޭ އެހީތެރިޔާއަށް ކަމުގައެވެ.

Read more...

އިންސާނުންނާއި ޙައިވާނުން

ދުނިޔޭގައި މާތްﷲ އުފެއްދެވި ހުރިހާ އެއްޗަކީ (ނުވަތަ ޚަލްޤުކުރެއްވި ހުރިހާ ތަކެއްޗަކީ) މަޚްލޫޤުންނެވެ. އޭގެތެރޭގައިވަނީ ފުރާނަ އެޅުއްވި ތަކެއްޗާއި، ދިރުން ލެއްވި ތަކެއްޗާއި، ފުރާނައާއި ދިރުންނެތް ތަކެއްޗެވެ. މިސާލަކަށް، ހިލަގަނޑަކީ ދިރުންނެތް ފުރާނައެއްނެތް އެއްޗެކެވެ. ގަސްގަހާ ގެއްސަކީ ފުރާނަނެތް ދިރުންހުރި އެއްޗިއްސެވެ. ފުރާނަ އެޅުއްވި އެއްޗިއްސަކީ، އެއަށް ޙަޔާތެއްވާ ކޮންމެ އެއްޗެކެވެ. އެއީ އިންސާނުންނާއި ޖިންނީންނާއި، ވަލުޖަނަވާރާއި، މަސްމަހާމެއްސާއި، ދޫނިސޫފާސޫތްޕާއި، ފަނިފަކުސައެވެ. ޙައިވާނޭ ކިޔަނީ މިބަޔަށެވެ.

ޙައިވާނޭ ބުނެވޭ ބަހުގެ މާނައަކީ އެއަށް ޙަޔާތެއް ވުމެވެ. ޙަޔާތުގެ މާނައަކީ ފުރާނަ ލިބުމެވެ. ޙައިވިއްޔަތަކީ ފުރާނަ ހުރުމެވެ. ޙައިވީއަކީ ފުރާނަހުރި އެއްޗެތި މާނަކޮށްދިނުމެވެ. ބަޔަލޮޖީ ނުވަތަ ބަޔަލޮޖިކަލްއޭ ބުނަނީވެސް މިއުސޫލުންނެވެ. އެންމެހާ ޙައިވާނުން، ނުވަތަ ފުރާނަ އެޅުއްވި އެންމެހާ ތަކެތި، މައިގަނޑު ދެބަޔަކަށް ބެހެއެވެ. އެއީ ވާހަކަދައްކާ ޙައިވާނާއި، ވާހަކަ ނުދައްކާ ޙައިވާނެވެ. ވާހަކަދައްކާ ޙައިވާނަކީ އިންސާނާއެވެ. ވާހަކަނުދައްކާ ޙައިވާނަކީ، ދެންހުރި އެހެން ބައިތަކެވެ. ޖަނަވާރާއި ދޫނިސޫފާސޫތްޕާއި މަސްމަހާމެއްސާއި ފަނިފަކުސައެވެ.

ވާހަކަނުދައްކާ ޙައިވާނުންގެ ތެރޭން ޖަނަވާރަކީ، ހަތަރު މޮއްގަނޑުޖަހައި ބަނޑުބިމުން އުފުލައިގެން އުޅޭ ބާވަތްތަކެވެ. ދޫނިސޫފާސޫތްޕަކީ، ހިނގާބިނގާވެ އުދުހި އުޅޭ ބާވަތްތަކެވެ. މަސްމަހާމެއްސަކީ ފެނުގާ ދިރިއުޅޭ ބާވަތްތަކެވެ. ފަނިފަކުސައަކީ، އެއްގަމާއި ފެނުގައި ފިރުކިއުޅޭ ބާވަތްތަކެވެ. ވާހަކަދައްކާ ޙައިވާނަކީ، އަޝްރަފުލް މަޚްލޫޤާތުގެ ދަރަޖަދެއްވި އާދަމުގެ ދަރީންނެވެ. މިބަޔަށް "އިންސާން" ކިޔާފައިވަނީ ޢަރަބި ބަހުގެ "އުންސު" މިލަފްޒާ ގުޅުވައިގެނެވެ. އުންސުގެ މާނައަކީ، ގާތްކަން އެނގުމެވެ. އެންމެހާ ޙައިވާނުންގެ ތެރޭން ގާތްކަން ނުވަތަ މައިދަރި އަޚުވަންތަކަން ޙިއްޞާކުރާ އެއްޗަކީ އާދަމުގެ ދަރީންނެވެ.

އާދަމުގެ ދަރީންނަކީ، ސައްޔިދުނާ އާދަމް ޢަލައިހިއްސަލާމްގެ ދަރިކޮޅެވެ. އާދަމުގެފާނު ހެއްދެވީ މަށީންނެވެ. (ޖިންނީން ހެއްދެވީ އަލިފާނުންނެވެ.) އެންމެ ފުރަތަމަ އިންސާނަކީ އާދަމްގެފާނެވެ. ދެވަނަ އިންސާނާ ޙައްވާގެފާނު އުފެއްދެވީ، އާދަމްގެފާނުގެ ވާތުއަރިކަށިފުޅުގެ ކަށިކޮޅަކުން ކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ. ދުނިޔޭގެ އިންސާނީ ޙަޔާތް އުފެދުނީ، ޙައްވާގެފާނު އުފަންވުމާ ގުޅިގެންނެވެ. ޙައްވާގެފާނަށް "ޙައްވާ" ކިޔައިފައިވަނީ، "ޙައިވާން" މަލަފްޒާ ގުޅޭގޮތުން ކަމަށް ބުނެވެއެވެ. މިހެންމިކަން ހުރުމުން، ފުރާނަ އެޅުއްވި ހުރިހާ އެއްޗަކީ ޙައިވާނުންނެވެ. "ބަސްނުމޮށެވޭ ޙައިވާނެކޭ" ބުނަނީ، އިންސާނުންނާއި އެހެނިހެން ޙައިވާނުން ވަކިކުރުމުގެ ގޮތުންނެވެ.

އެހެންނަމަވެސް، ވަރަށްގިނަބަޔަކު ބަލަނީ، ޙައިވާނަކީ ހަމައެކަނި ވަލުޖަނަވާރު ކަމުގައެވެ. މިއީ، ވަރަށް ބޮޑުއޮޅުމެކެވެ. މަޚްލޫޤުންނަކީ، ދުނިޔޭގައި ޚަލްޤުކުރެއްވި އެންމެހާ ތަކެއްޗެވެ. ޙައިވާނަކީ، ދުނިޔޭގައި ހެއްދެވި ފުރާނަހުރި އެންމެހާ ތަކެއްޗެވެ. މީގެތެރޭން ބަސްމޮށޭ ޙައިވަނަކީ އާދަމުގެ ދަރީންނެވެ. ޖަނަވާރާއި، ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި ފަނިފަކުސައަކީ ބަސްނުމޮށެވޭ ޙައިވާނެވެ.

Read more...

ޤާނޫނުއަސާސީ ތަޞްދީޤުކުރެއްވި ދުވަހަށްޓަކައި ޝުކުރާއި ތަޢުރީފުގެ ޖިޒީއެއް

ރާގު: ޖަހާން ތޫހޭ ވޮހާންކީ
މިއީ ދިވެހިންގެ ޤައުމީ އާ ޙަޔާތުގެ އަލިވިލޭ ދުވަހޭ
މިއީ ދިވެހިންގެ މިނިވަން އާ ނަސީބުގެ މާފޮޅޭ ދުވަހޭ
* * * * * * * * *
މި މިނިވަން ސާފު ޤާނޫނީ ހިޔާވަހިކަން ލިބޭ މިފަޒާ
ދިމިޤްރާޠީ ޝަބިމްގެ ވިލާތަކުން ދުންފިނިވެގެން ތާޒާ
މިމިތުރުންނާ އެކީ ނަށަމުން އަލުން ހިނހިތުންވެލާ ދުވަހޭ

ނުކުމެގެންދާ ހިނދުން ދުސްތޫރު އޭގެ ޝަބާބް މެޙެފިލްގައި
ޝުކުރުވެރި ބާނިތައް ފިރުމާހިނދުން ދީބުގެ މިސާޙިލްގައި
ރުކުރުވާ އަޑުތަކުން މަޖިލިސް ރައީސުގެ ނަންކިޔޭ ދުވަހޭ

ދިރޭ އުއްމީދުތައް، ކުރި އިންތިޒާރުގެ ރޭދުވާނިމިގޮސް
މިރޭވުން ހޫނު ޚުދުމުޚުތާރު އަދި އަޅުވެތި، އެކީ ނެތިގޮސް
ވިރޭ މިނިވަންކަމުގެ ނަލަދޯދިތައް ޖައްވުން ވިދާ ދުވަހޭ

ރިޔާސަތު ދައްކަމުންދިޔަ ޚިދުމަތާ ޙިކުމަތުގެ ޤުރުބާނީ
ސިޔާސަތުގައި އެވާސާބިތުކަމާ ކެރުމާއި އީމާނީ
ޚިޔާލަށް މުޅި ވަޠަންގެ އައިސް، ސަނާތަކުރާރުވާ ދުވަހޭ

ހަދާ، ޝާހީވިރާސީ މިލްކަކަށް ދިވެހިންގެ ނަލަބިންތައް
ޢަދާލަތު ވެރިކަމުގެ ރޭވުންތަކާ ގުޅުވާ، ނަގާ ހިތްތައް
ތަދާ އަނިޔާގެ މަންޒަރު ދެއްކި މަސްރަޙުބަންދުވާ ދުވަހޭ

ހުރަސްތައްހުރި ގިރާކުރަމުން ދިވެހި ޤައުމަށްޓަކާ ޤާސިމް
ކުރެއްވެވި ޚިދުމަތަށް ތަޢުރީފު ރައްދުކުރުން ވެގެން ލާޒިމް
ދުރަށް ނުމެގޮސް މަލުންފަރި ހާރުތައް، ޤައުމީ ގަތާދުވަހޭ

އަތުން ތިންބާރުގޮސް ޤާނޫނުދަށުގައި ބޯލަނބަންޖެހިފައި
ކަތުންނަށް ޙައްޤުތައްދީ، ޢަދުލު އިންސާފަށް ފެތެންޖެހިފައި
ރަތުން ކުރިހާ ތަޙައްދީނިމި، މުޅިން ފެހިކުލަ ފެވޭ ދުވަހޭ

މިއީ ފަހެ، އިންޤިލާބެއް ނޫންހެ، ޤާނޫނީސިޔާސީ އައި
މިއީ ޤާސިމްގެ ޚިދުމަތް ނޫންހެ އިޚްލާޞްތެރިކަމާއެކު އައި
މިއީ ދިވެހިންގެ ޢީދޭ، އަދި އުފާވެރި އެންމެ ފޮނި ދުވަހޭ

މިނުރާނީ ވުޖޫދު ފަތިސްވުމާއެކު އައި ޚިޔާލާތުން
މިރޫޙު އުފެއްދި "އިދިކޮޅު" މެމްބަރުންނަށް ހެޔޮ ވަކާލާތުން
މިމޫރިތި ޅެންބަހުން ވެދުމާސަނާ ބަރުތީލަވާ ދުވަހޭ

Read more...

ތަޞްދީޤުކުރުން އަވަސްވުން

ރެފަރެންޑަމަކަށް ނުގޮސް، އަލުން ވިސްނުމަށް ނުފޮނުވާ، ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ. ޚާއްޞަ މަޖިލީހުން އެފޮތް ތަޞްދީޤު ކުރުމަށްޓަކައި، ފޮނުވިތާ މަހެއްހާ ދުވަހުގެތެރޭ ތަޞްދީޤު ކުރާގޮތަށް ހަމަޖެހިގެން ދިއުމުގައި، ޤާނޫނީ ސިޔާސީ ސަބަބެއް އެބައޮތެވެ. އެކަމަކު، އެސަބަބާމެދު ވިސްނައި އެއްޗެއް ބުނާކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. އެއީ، ތަޞްދީޤުކުރުން އަވަސްކުރުމަށް އެދިއެދި ފެންބޮވައިގެންފައި ތިބިލެއް ބޮޑުކަމުންނެވެ. އިންނަހިތުން މަރުކުއްތާންޖެހިފައި ހުއްޓާ ކުއްލިއަކަށް، މިއަންނަ މަހުހަތެއްވާ ދުވަހު ކައިވެނިކުރަން ތައްޔާރުކުރާށޭ އަންހެންމީހާ ބުނީމާ، ކުއްލިއަކަށް އެހެން ބުނި ސަބަބު ހޯދާކަށް އެންމެ ފިރިހެނެއްވެސް ނޫޅޭނެއެވެ. ހިތަށްއަރާނީ، އަހަރެން ޗާލުކަމުން ނީނދެ ނުކެރެނީ ކަމުގައެވެ.

މިތާގައިވެސް މިވީ އެހެނެވެ. އިދިކޮޅު މީހުނަށް މިހީވީ، އަހަރުމެން އިޝާނަމާދަށް އަރާލާ، މަގުމަގަށް ޒުވާނުން ނެރިލާ، އިންޒާރުގެ ނޯޓިސް ފޮނުވާލާ ހެދީމާ، ހަމަބިރުން ކެތްކޮށް ނުލެވުނީ ކަމުގައެވެ. އެހެންވެ، މާއަވަސް ކޮއްލަން ޖެހުނީ ކަމުގައެވެ. އެކަމަކު، އަހަރެން ވިސްނަނީ އެހެން ނަޒަރަކުންނެވެ.

އަހަރެން ވިސްނާ ގޮތުގައި، ތަޞްދީޤުވުން އަވަސްވީ، ސިވިލް ޤާނޫނާ ހެދިއެވެ. ސިވިލް ޤާނޫނުން ބާރުހޯދައިގެން، ދެކަމުންކުރެ އެއްކަމެއް ނަގަންއެންގީމާ، ކަހާތަން ހިރުވާވެސް ނުލި ޑީއާރްޕީން، ސިވިލް ވަޒީފާއިން ވަކިކުރުމުން، ޙައްޤު ގެއްލިގެން އިންސާފު ހޯދަން ނައިބުގެއަށް ދިޔައީއެވެ. ނައިބު ކަލޭގެ ބަހަކީ، ޤާނޫނުއަސާސީއާ ޚިލާފަކަށް، އެއްޤާނޫނުވެސް ނުހެދޭނެޔޭ، ސިވިލް ޤާނޫނުން ބާރުހޯދައިގެން، އެމީހުން ޙައްޤުން މަޙުރޫމެއް ނުކުރެވޭނެޔޭ، ޤާނޫނު ތަޠުބީޤު ކުރުމަކީ ނައިބުގޭގެ އިޚްތިޞާޞްގެ ތެރޭގައިވާ ކަމެކޭ، އެމީހުންނަށް، މަޑުމަޑުން އަވަހަށް ވަޒީފާ ދޭން އުޅެހެރެވެ.

މިކަމާ ވިއްދައިގެން ސިވިލް މީހުން ފަނޑިޔާރުގެއަށް ދިއުމުންވެސް، ޖެހުނީ ހަމަ އެއްތަނެއްގައެވެ. މިހިސާބުން، ޙައްޤު ގެއްލުނުމީހުން، ޙުކުމް ތަންފީޒު ކޮށްދެހެރޭ ކިޔައިގެން ދެފައި ތަޅައިގެންފިއެވެ. ސިވިލް މީހުން ސުޕްރީމް މަރުޙަލާއަށް އިސްތިއުނާފު ކުރަން ދިއުމަށް ތެޅިގެންފިއެވެ. ނައިބުގޭން، ޙުކުމް ތަންފީޒުކުރަން ވެއްޖެޔޭ ގޮވާލައިފިއެވެ. މިހާތަނުން މިފެށުނީ އަސްލު މައްސަލައެވެ.

ސުޕްރީމް މަރުޙަލާގެ ވެރިޔަކީ، ރައީސް ކަމަށްވާއިރު، ސުޕްރީމުން ބުނަންއޮތީ ދެބަހެކެވެ. އެއްބަހަކީ، ސިވިލް ޤާނޫނު ރަނގަޅެވެ. ނައިބުކަލޭގެ ގޯހެވެ. ވަޒީފާދޭނެ ކަމެއް ނެތެވެ. އެހެންބުނެފިއްޔާ، ޕާޓީ ކުދިން މާޔޫސްވެ ހޮޑުލަވައިފާނެއެވެ. ދެން އޮތް އަނެއްބަހަކީ، ސިވިލް ޤާނޫނު ރޯގޯހެވެ. ބަންޑާރަ ޙަސަނު މަށަށް ކެހިދިނީއެވެ. ނައިބުކަލޭގެ ބަސް ޞިދުޤެވެ. އަވަހަށް، ނެގި ވަޒީފާ އަނބުރާދެހެރެވެ. މިހެން ބުނެފީވިއްޔާ، ޕާޓީ ކުދިން ހިނިފަޅައިގެން ދިޔަސް، ޤާނޫނުއަސާސީގެ ބާރުކަނޑުވާލި މީހަކަށް މީނާވެ، އެންމެ ބޮޑު ޚިޔާނާތުގެ ކުށުން ކުށްވެރިވެދާނެއެވެ. މިހެންވީމާ، ދެން ހަދާންއޮތް އެންމެ މޮޅު ފަންޑިތައަކީ، ތަޞްދީޤު ކުރުމެވެ. ސިވިލުން، ސުޕްރީމް މަރުޙަލާއަށް ހުށަނާޅަނީސް، އާޤާނޫނުއަސާސީ ތަޞްދީޤު ކޮއްލީމާ އެއޮތީ ހުރިހާކަމެއް ނިމިފައެވެ. ތަޞްދީޤު ކުރުން އަވަސްވީ މިހެން ވެގެނެވެ. އަލިފުހާ.

Read more...

"ސިނަފް"ގެ ޒިކްރާ

ސައިކުރާ އިބްރާހީމް ނަޢީމް "ސިނަފް" ގެ ހަނދާންތަކަކީ "ތާއަބަދު ދެމިހުންނަ ހެޔޮ ޒިކްރާ" އެކެވެ. އެޔަކަށް "ނިމުމެއް ނެތެވެ." އެއީ ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. ޅެންވެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. ޚާއްޞަކޮށް ޢިޝްޤީ ދާއިރާގައެވެ. "ހުވަފެން ފޮނިވަނީ ޙަޤީޤަތާ އެކުވީމައެވެ."...... "ތުންފަތަށް ތަދުވީމާ، ދޭނެ ކުޅި ސައިތަށްޓެއްވެސް މިހާރަކު ނެތެވެ."... މިކަހަލަ ލޯބީގެ އަސަރުގަދަ، ފުން ކިތަންމެ ޖުމްލައެކެވެ.

ނައީމުގެ އެންމެ މަޝްހޫރު ވާހަކައަކީ "ޔަމަނުގެ މަޢުޞޫމާ" އެވެ. ޅެންވާހަކައެވެ. އެއީ ޅެންވެރިކަމުގެ އުސޫލުންނަމަ "މަލާޙިމް" ނުވަތަ "މަލްޙަމާ" އެކެވެ. (އެޕިކް ނުވަތަ އެޕިކްސް އެކެވެ.) މިޅެންބައި ނުވަތަ ޤަޞީދާ ހެއްދެވީ، ނަޢީމުގެ ލޯބިވެރިޔާ، އަދި ޙަޔާތުގެ ބައިވެރިޔާކަމަށް ޚިޔާލުކުރެއްވި އަންހެންކުއްޖާ، މުއްސަނދި ފައިސާވެރި ބާރުވެރިޔަކު، އެކަންކަމުގެ ނުފޫޒު ބޭނުންކޮށްގެން އަތުލައިގަތީމާ، އެކަމަށް ނިސްބަތްކޮށް ކަމަށް ބުނެވެއެވެ. ޔަމަނުގެ މަޢޫސޫމާގައި އޮންނަނީ، ޝާހިދު އާއި ޝާއިރާ ކައިވެނިކުރާން ގާތްވެފައި ވަނިކޮށް، ޝާހުލްޔަމަން، ބާރތުޑޭ ޕާޓީއަކަށް ދަޢުވަތު ދެއްވައިގެން ޝާއިރާ ގެންދަވައި، ރޭޕްކޮށް ދެލޯއަނދިރިކޮއްލި ވާހަކައެވެ. މިވާހަކައިގެ ގިނަ ޅެންބައިތަކީ، ޢާއްމުމާނަ ނެގިދާނެ މޮޅު ޚިޔާލު ތަކެކެވެ. މީގެ ދެތިންބައިތު، ސިޔާސީ މާނަ އަޅައިގެން ގެންނަމެވެ.

"ވެދިޔަތަން ވެހިނގައްޖެޔޭ، ކުރިޔަށް އޮތީ މުސްތަޤްބަލޭ
މިދެއަތުން ތިޚަރީފަކަށް ފެންދޭކަށެއް ދުވަހަކު ނެތީން"

(އޮނަތިރީސް އަހަރުވޭތުވެ ހިނގައްޖެއެވެ. (އަނިޔާވެރި ޚުދުމުޚުތާރު، އަދި ޢަދުލު އިންސާފުނެތް ވެރިކަމެއްގައެވެ.) ދެން ކުރިޔަށްއޮތީ ޑިމޮކްރަސީގެ މިނިވަން ހަމަހަމަ ވެރިކަމުގެ ދުވަސްތަކެވެ. ދެން، އަހަރެން، އެ އަނިޔާވެރި ޚުދުމުޚުތާރު އަދި ބޭއިންސާފު ވެރިކަން ނަގަހައްޓައި އިޙްތިރާމް ކުރާކަށް ދުވަހަކުވެސް ނެތީމެވެ.)

"ނެތްކަމެއް ތަޤްދީރުގައިވާކަށް ނުވެސް އޮންނާނެޔޭ
އެއްކަމެއްވެސް ނުހިނގަޔޭ ތަޤްދީރުކުރެހި ޕްލޭނަކުން"

(އިންތިޤާލީ ސަރުކާރެއް އުފައްދައިގެން، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭތޯ، ވެސްޓް މިންސްޓަރ ހައުސްގަޔާއި، ދަރުބާރުގޭގައި ކިތަންމެ ވާހަކައެއް ދެއްކިޔަސް، އަދި ޤާނޫނުއަސާސީއަށް އިންތިޤާލީ ބާބު ހުށަހެޅިޔަސް، އެކަންކަން ކާމިޔާބުވާގޮތް ނުވީ، ތަޤްދީރުގައި ނެތީމައެވެ.)

"ދެންނެތޭ މުސްތަޤްބަލެއް ފެހި ކޮއްލެވޭހާ ހިތްވަރެއް
ދެންއޮތީ ކުށްތަކުގެ ތައުބާގައި ދުޢާއަށް އަތްނެގުން"

(ސިޔާސީ ޕާޓީތައް ގިނަވެ، ރައްޔިތުން ރުޅިއައިސް، ގައިބާރުދެރަވެ އަބަހައްދަވުމުން، ބޮޑުކާފު ޖައްސައިގެން އަލުން އިތުރުދައުރަކަށް ހޮވޭތޯ އުޅޭހާ ހިތްވަރެއްނެތެވެ. ދެންއޮތީ، ޓެރަރިޒަމާއި ކޮރަޕްޝަންގެ މައްސަލަތަކުން ސަލާމަތްވޭތޯ އިޢުތިކާފަށް އިނދެ ދުޢާކުރުމެވެ.)

Read more...

ދަށުންމައްޗަށް އަމުރުކުރުން

އަހަރެން ހީކުރާގޮތުގައި ދަށުން މައްޗަށް އަމުރުކުރަނީ އެންމެވަގުތެއްގައި، އެންމެ ކަމަކާހުރެއެވެ. ޤައުމުގެ ސިޔާސީ ކަންކަމުގައި ދަށުންމައްޗަށް އަމުރުކުރާކަމެއް އަހަންނެއް ނުދެނެހުރީމެވެ.

މީގެ ތަންކޮޅެއްކުރިން، އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ، ކެބިނެޓުން ވަކިގޮތަކަށް ކަމެއް ނިންމާފައިއޮއްވާ (އެބަހީ، ދައްޖާލު ފޮތާއި، އިއްޔެ މަޖައްލާ މަނާކޮށްފައިވަނިކޮށް) އިންފޮރމޭޝަން މިނިސްޓަރ އެކަން އަނެއްއަތަށްޖަހައި، އެނިންމުން ބަދަލުކޮށްލައި (ދެފޮތްނެރުން ހުއްދަކޮށް) ފި ކަމުގައެވެ. އެކަމަކު، އެގޮތް ރަނގަޅެވެ. މިހާރު، އަނެއްކާ އެކަހަލަކަމެއް ފާޅުވެއްޖެއެވެ.

މިފަހަރު ފާޅުވީ ކަމަކީ، މިއަހަރުގެ މިނިވަންދުވަހުގެ ކުޅިވަރުތައް ނުބޭއްވުމަށް ކެބިނެޓުން ނިންމާފައި އޮއްވާ ހޯމް އެފެއާރޒުން، އެނިންމުން ބަދަލުކޮށް، އެކަން އަނެއްއަތަށް ޖެހުމެވެ. ކުރީގެ މިސާލުގައި އެއޮންނަ ކަމަކީ، ޤައުމަށް ގެއްލުމެއް ލިބޭނެ ކަމެއްނޫނެވެ. އެކަމަކު، މިފަހަރު މިކުރިކަމަކީ ޤައުމަށް ގެއްލުން ލިބޭނެ ކަމެކެވެ.

މިފަހަރު މިނިވަންދުވަހު، އެއްވެސްކަހަލަ ކުޅިވަރެއް ނުބޭއްވުމަށް ކެބިނެޓުން ނިންމީ، މިއަހަރު މިރާއްޖެ މާބޮޑަށް ޑައުންވެފާ އޮތީމާ ކަމަށްވެއެވެ. ބަޖެޓްގެ ދަރަނިބޮޑުވެ، ލިބޭނެކަމަށް ހީކުރi ޑޮލަރުތައް ނުލިބި، ދަރާވިކި، ސިވިލް މުއައްޒަފުންގެ މުސާރަ ބޮޑުކުރާނެ އެއްޗެއް ނެތި، ޓީޗަރުން ދިގުސިންގާ ހަޅުތާލެއް ކުރަން ތައްޔާރުވެ، ތެޔޮއަގުބޮޑުވެ، އިންފުލޭޝަން އަތްނުފޯރާ ހަމައަށްގޮސް، ބޮޑުތަދުލައިގެން، މަގޫފަތްކާން ޖެހުމުންކަމަށް ޚަބަރުލިބެއެވެ.

މިކަމާހެދި، ރައީސްގެ މުސާރަފުޅުވެސް ބޮޑުނުކޮށް، މިނިސްޓަރުންގެ މުސާރައިން ހަތަރުބައިކުޅަ ތިންބައިކަނޑާލައި، ބޭރުދަތުރުތައް ހުއްޓާލައި މިކަހަލަ އިޤްތިޞާދީ ގޮތްތައް ގެނެސްގެންފިއެވެ. "ޚަރަދުކުރުމުގައި ބަލައިގެންއުޅުމީ ދިރިއުޅުމުގެ ދެބައިކުޅައެއްބައި" ކަމަށްވާތީއެވެ. މިހެންހެދީމާ މެގަޕްރޮޖެކްޓްގެ ލާރިގަނޑު ބާކީކުރެވޭނެ ކަމަށްވެއެވެ.

ކޮންމެއަކަސް، މިއަހަރުގެ މިނިވަންދުވަހުގެ ފުޅަނދުބުރާއި، އުޅަނދުބުރާއި، ކުޅަނދުބުރާއި، ކުޅަނދުރު ބުރާއި، ކަނޑިބަޑި ލޮންސި ހަލާދަނޑި ދުނި ދުނިދަނޑީގެ ކުޅިވަރުތަކާއި ލަނގިރިޔާއި ބަނޑިޔާ ކުޅިވަރުތަކާއި ރުމާލާއި ދުނީ ކުޅިވަރުތައް ނުބާއްވައި، ހަމައެކަނި ސަލާންކޮށްލައި ބިލެތް މީރުކޮއްލުމުން ނިންމާލަން ކެބިނެޓުންވަނީ ނިންމާފައެވެ. އަމުދުން، ސިޔާސަކަން ބޮޑު ބަޔަކު އުޅޭވެސް ގޮތުންނެވެ.

އެކަމަކު، ކުއްލިއަކަށް ހޯމްމިނިސްޓަރީއަށް މައިންބަފައިންނާއި ބެލެނިވެރިން "ޕެޓިޝަނެއް" ހުށަހެޅީޔޯލައޭ، ހަމަ އިހުވަރު އަރުވާލައި، ބަޖެޓް ދުޅަހެޔޮކޮށްއޮތްއިރު، މިނިވަންދުވަސް ގެންނަގޮތަށް ގެންނަން އެމިނިސްޓްރީން އިއުލާންކޮއްފިއެވެ. މިހެންވީމާ، މިއަމުރުކުރެވެނީ ދަށުން މައްޗަށެވެ.

Read more...

ސަރުކާރުގެ ސަޕޯޓް

މިނިވަންދުވަހުގެރޭ، އިޝާނަމާދުން މީހުން ފޭބިއިރު، ގަލޮޅު ބޯޅަދަނޑުގެ ހަތަރުދުރޯށީގައި ކިޔޫ ދެމިގެން ގޮސްފައި އޮތެވެ. ކިޔޫގެ ދިގުމިން، ކޮންމެ ދުރޯއްޓަކުން ފެށިގެންގޮސް ތިންހަތަރު ސަތޭކަ ރިޔަނަށް ދެމިފައި ވެއެވެ. ކުޑަކުދީން އުރައިގެންނާއި، އިނގިލިކުރި ލަވައިގެންނެވެ. ފިރިން އަނބީންގޮވައިގެންނެވެ. ބައެއް ފިރިން އަނބިމީހާގެ ބޮޑީގާޑެއްގެ ގޮތުގައި ހުރެއެވެ. ބައެއް ފިރިން، އަނބިމީހާ ފުރަގަހުގައި ތަތްކޮށްގެން ތިބެތެވެ. ކިޔޫ ކުރިޔަށް ދަނީ ބޮޑުފުޅަހިރޭ މިސާލުންނެވެ.

މިގޮތަށް މަޑުމަޑުން ބޯޅަދަނޑަށް ވަންނަމުން ދިޔައިރު، ވައިރޯޅި މަޑުކަމާއި، ހޫނުމިން މަތިކަމާއި، ބައިބޯކަމުން، މުޅި ތިމާވެށި އޮތީ ("ބަޔަކު މީހުން") އުދާސްކޮއްލައިފިއެވެ. އެހެންވުމުން، ޓައީ ބައްދައި ބެގީ ކޮށްގެން ތިބިމީހުންނާއި، ބާރަށް ފަތިޖަހައި ބުރުގާ އަޅައިގެން ތިބި މީހުން، އޮށްދަލާއި ފުއްކުދިދާހިއްލައި ފޯވެ، މޫނުގައި އުނގުޅާފައިހުރި ރީތިވާ ކްރީމްތަކާއި ފުށްތަކާއި ކުލަތައް ތަޣައްޔަރުވެ, ދެކިހިލިދަށް ތެމި، އަދި ކަރުދަށުން ތިކިތަޅައި، ޖަހާފައިވާ ސެންޓްވަސް ކެނޑި ބަބުރުވަސް ދުވާގޮތް ވެއްޖެއެވެ. ބަންގާޅީންތައް، އަރިއަރިމަތީން ބަލާން ތިބެއެވެ.

މިފަދަޔަކުން މިކަން ވަމުންދަނިކޮށް، އަހަރެންގެ ރައްޓެހި މޫސައޭ ކިޔާސޮރަކު އައިސް ބުންޏޭ، "ގިޔާމަތްދުވަހުގެ ކަމެކޭ އެއްގޮތެވެ." އަހަރެން ބުނީމޭ، ކަލޭ ކިޔުޖެހެން ނުދިޔައީ ކީއްވެހޭ، އޭނާ ފޫހިވާގޮތަކަށް ބުންޏޭ، "ހަތަރު ފާސް ލިބުނޭ، ކުދިވެރިންނާއި ވަރިކުރިފުޅަށް ދީފީމެވެ."

އެހެންބުނެފައި، އޭނާ ދިޔަތަނުން، ވޮޗަރުންގެ ޔުނިފޯމްގައި ހުރި ދެކެފަރިތަ މީހަކު ދަމުންދަމުން، އަރާހަމަވެފައި ބުންޏޭ "ސަރުކާރަށް ހާދަ ސަޕޯޓެއް އެބައޮތޭ ދޯއެވެ." އަހަރެން ބުނީމެވެ. ސަޕޯޓް އޮތީ ސަރުކާރަށްހޭ، މިނިވަންދުވަހަށްހޭ، ސްކޫލްކުދިންގެ ކުޅިވަރަށްހޭ، އޭނާ އަހަރެން ދައްކާ ވާހަކަޔަކާ އަޅައެއްނުލައޭ، ކިޔޫއާ ދިމާއަށް ބަލާންހުރެ، އެއްމިޔަކަނުން ހެނއެވެ. އިރުކޮޅަކު ހުރެފައި ބުންޏޭ "ނޫނޭ ސަރުކާރަށް ސަޕޯޓް ބޮޑެވެ." އެހިސާބުން މަކުޑަކޮށް ބުންވެފާ، ސަޕޯޓް އެއޮތީ ކިޔު ޖެހިފައޭ ބުނީމެވެ.

އަދި އަހަރެން ބުނީމެވެ. ބޭބެގާތު ވާހަކައެއް ބުނަންތާއެވެ. ދިވެހިންނަށް މިނިވަންކަން ހޯދައިދިނީ ކާކުހެއްޔެވެ. ވޭތުވެދިޔަ ތިރީސް މިނިވަންދުވަހު، މިނިވަންކަމުގެ ބަޠަލުގެ މަތީން އެކަކުވެސް ހަނދާން ކުރިހެއްޔެވެ. މިނިވަން ފަންސަވީހުގައި، މިނިވަންކަމުގެ ބަޠަލަށް "މާފުދީފައި" އޭނާގެ ނަން، ދުލުން ބޭރުކުރިއެވެ. ދެފުށް ދެގޮތްވެފައި، މުނާފިޤުކަން ހުއްޓަސް މިވަރު ބޮޑެވެ.

ވާހަކަނިމުނީމާ، ދަމުންދަމުން "ނޫނޭ ސަރުކާރަށް ސަޕޯޓް އެބައޮތޭ" ބުނެފައި، ފާޑަކަށް އޭނާ ހިނިގަނޑެއް ދުއްވާލިއެވެ.

Read more...

މައުމޫނާއި، މާރިޔާ

އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމަށް، އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ "ބޭބެ" ކިޔުއްވާ ކަމަށްވެއެވެ. އެދެބޭފުޅުން ތިމާގެވީ، މައުމޫނުގެ ބައްޕަ ފަރާތާއި މާރިޔާގެ މަންމަ ފަރާތާ ގުޅިގެންނެވެ.

• މައުމޫނުގެ ބައްޕައަކީ، ކާމިނީގޭ ޢަބްދުލްޤައްޔޫމް ދޮންސީދީއެވެ. މިދޮންސީދީ އަކީ، ލެއްގި ބަބުރުސާލިމުލް ޙަބްޝީގެ، ބަބުރުނައިބު ކަލޭފާނުގެ، ކަޅުޢަލިމަނިކުގެ، ޢުމަރުމަނިކު (ދޮންމަނިކު) ގެ، ދޮންތުއްތު (ނުވަތަ އިބްރާހީމް މާފަތްތަކުރުފާނު) ގެބޭފުޅެކެވެ. ކަޅުޢަލިމަނިކުގެ ދޮންމަނިކަށް 5 ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ދޮށީހުއްތު، ތުއްތުމަނިކު، ޙުސެންމަނިކު، ދޮންތުއްތު (އިބްރާހީމްމާފަތް ތަކުރުފާނު) އަދި ކުޑަހުއްތު (ޢަލީ) އެވެ.

• ޙުސައިންމަނިކުގެ ބޭފުޅުންނަކީ، މަޝްހޫރު ޢަބްދުލް ޙަކީމް ހުސެންމަނިކު، ފިޔާތޮށި އަޙްމަދު މަނިކު، އަތަމާ ޢަބްދުއްލަޠީފް، ޢައިޝަތު ޙުސެންމަނިކު، މޫސާ ޙުސެން މަނިކެވެ.

• ދޮންތުއްތު (އިބްރާހީމް މާފަތްތަކުރުފާނު) ގެ ބޭފުޅުންނަކީ، ދޮންސީދީ (ޢަބްދުލްޤައްޔޫމް)، ދޮންސިއްތި، މާފަތްގޭ ޙަސަންމަނިކު، މާފަތްގޭ ދޮންމަނިކު، ރަންފުޅު އެވެ. ދޮންސީދީ (ޢަބްދުލް ޤައްޔޫމު) ގެ މަންމައަކީ ގަލޮޅު ސީދީގެ ސިއްތިއެވެ. އެއީ، ޔަމަން ކަރައިގެ މުޙައްމަދު ބަޢުލަވީގެ، އިބްރާހީމް ދޮށީކަލޭގެފާނުގެ ގަލޮޅުސީދީ (ޢަބްދުﷲ) ގެ ސިއްތިއެވެ. މިއީ ބޮޑުފެންވަޅުގޭ ސީދީގެ ބައްޕަ ފަރާތު ޢާއިލާއެވެ.

• ކުޑަހުއްތު (ޢަލީ) ގެ ބޭފުޅުންނަކީ، ޅަހުއްތު (ޙުސޭން މއ. ފިނިފެންމާގެ) އާއި ޙައްވާމަނިކެއެވެ.

• ކަޅުޢަލިމަނިކުގެ ދޮންމަނިކުގެ އަނބިކަނބަލުންނަކީ (ޙުސެންމަނިކާއި، ދޮންތުއްތުއާއި، ކުޑަހުއްތުގެ މަންމައަކީ) ދިއްފުށީ ހަނދޭގިރި ތަކުރުފާނުގެ، މާކޮށާރު ޢަލިމަނިކުގެ، މާކޮށާރު އިބްރާހީމް މަނިކުގެ، މާކޮށާރު ޢާއިޝާ މަނިކެވެ.

• މާރިޔާގެ މަންމައަކީ، ކުޑަހުއްތު (ޢަލީ) ގެ ޅަހުއްތު (ޙުސޭން)، މާދޫގޭ އަޙްމަދު ކަލޭފާނުގެ ދޮންމަނިކެއާ ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް 5ބޭފުޅުންގެ ތެރެއިން އަމީނާމުފީދުއެވެ. (މާރިޔާގެ ބައްޕައަކީ ތުއްތު އަހަންމައިދީއެވެ.)

• އަމީނާ މުފީދުއާއި، ތުއްތު އަހަންމައިދީ އަށް 11 ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެތެރޭގައި މާރިޔާގެ އިތުރަށް، ޑރ. ޝަހީދުގެ ކުރީގެ އަނބި އާޝިޔާ އާއި، ސީވީޑް އަޙްމަދު ލަޠީފުގެ އަނބި ފަޒީނާއާއި، ޢުމަރުޖަމާލުގެ އަނބި ރުޤިއްޔާ ހިމެނެއެވެ.

މިހެންވުމުން، މައުމޫނާއި މާރިޔާ އެހާ ގާތެއްނޫނެވެ. ޗާޓުބަލާށެވެ!

Read more...

މިނިވަންދުވަހުގެ ކުޅިވަރު ފެށުނީ

ރޭއިރާކޮޅު ދިހައެއްޖަހާ އެހާކަންހާއިރު، ސަގަރޭޕާކަށް ފިނިކޮއްލާން ދިޔަތަނުން، ބުންބާ މިސްކިތާ ހިސާބުގައި ބަޔަކު ބޮނޑިވެގެން އުޅޭތަން ފެނުނެވެ. އަހަރެން ހިތަށްއެރީ، އެސްޓީއޯއިން "އިރުވައި ސޭލް" އަޅުވައިގެން، އިންފްލޭޝަން ދަންކުރަނީ ކަމުގައެވެ. އެހެން ހީކޮށްފާ އެހިސާބަށް ގޮސްލީމެވެ.

އެހިސާބަށް ދިޔައިރު، ބުންބާ މިސްކިތް ކައިރީގައި ބަޔަކު ކޯޅިވަރަކަށް ތިއްބެވެ. ދެން އަހަރެން ވިސްނީ، ރޯދަމަސް ގާތްވާތީ ތަރާވީސްކުރުމުގެ ރިހާސަލެއް ހަދާން އައިސްއުޅޭ ބައެއް ކަމުގައެވެ. އެހެންވެގެން، އެނބުރި އައިކޮޅަށްދާން އުޅެލިތަނާ، މިއުޅޭ ދަގަނޑު ދަހަނާ އެޅި ބާގައިގެ މީހުން، އަރިއަރިމަތިން އައިސް މުޅިތަންފުރާލައި، ބޮޑުގަނޑުވަރުގެ ދެކޮޅުގައި ދެސަފު ރުކުރުވާލައި، ނިވައިފަތްގަނޑުތަކުން ދެފާރު ރާނާލައިފިއެވެ. އަހަރެން ހިތަށްއެރީ މިނިވަންދުވަސް ގާތްވާތީ ފަރިތަކުރުމެއް ބާއްވަނީ ކަމުގައެވެ.

މިހެންހިތާ، އެމީހުންގެ ފޯސް ހެދުމަށް ކަރަންޓްގެ އަލި އެޅިލީމާ އެހަރަ އަރާ ވިދުކަންޏާއި، ބަބުޅާ ބެބުޅުން ބަލާން އާސޯޚުވެފައި (ނޫނޭ ސަޅިއޭ ކިޔާލަ ކިޔާލާ) ހުއްޓައި، ކުއްލިއަކަށް ފެނުނީ ފޯސްމީހުން އައިސް، އެއްކަލަ ކޯޅިވަރަށް އެއްވެ، ބުންބާ މިސްކިތް ކައިރީ ތިބިމީހުން ލަވާ ދުރަށް ފޮނުވާން ފެށިތަނެވެ. މިއިރު މިހިސާބުގައި ފަންސާހަކަށްބޯ ހިމެނޭނެކަމަށް ހިތްބުނެއެވެ.

އެގޮތަށް ލަވާ ގެންދާން ފެށީމާ، މަސްބައިގެ ފަހަތުން މަވެސް، ސަގަރޭޕާކާ ދިމާއަށް ހިނގައިގަތީމެވެ. ސަގަރޭ ކައިރިން ޗާންދަނީމަގު ހަތަރަންގޮޅިއާ ހަމަތަނަށް ގޮސްފައި، އައިނު އަޅައި ބަލައިލިއިރު، މަނިކާ ރޯއްޖާ! ދެނަކާ ދެނެއްނެތެވެ. އެއްކަލަ ފަންސާހަކަށް މީހުން ފަސްހާހެއްހާ މީހުންނަށް ވެއްޖެއެވެ. ޖިންނި ހަނގުރާމައެކޭ އެއްގޮތެވެ.

އެހާތަނުން ފާޑެއްގެ ގޮވެއްޔެއްވެސް ގޮވާން ފަށަތްޕެވެ. އެކަކު ނަގާކިޔާފައި ހުރިހާ އެންމެން ޒުވާބު ކިޔަނީއެވެ. ހިތަށްއެރީ، އެއްކަލަ ތަރާވީހުގެ ރިހާސަލް ހަދާމީހުން ކިޔާ އެއްޗަކަށޭވާނީ. އެކަމަކު، އެތާގައި ތިއްބަކަ ނުދިނޭ. ލަވާ ގެންދާން ފަށަތްޕެވެ. މީހުންގަނޑު އަނބުރާލީ ޗާންދަނީ މަގަށެވެ. ތަންކޮޅަކަށް ދިޔަތަނުން، މީހުން ގިނަވެ، ފާޑުފާޑުގެ ބޯޑުތައްވެސް ފެންނާން ފަށަތްޕެވެ. ފޯސްމީހުން، ލަވާގެންދެއެވެ.

އިސްކަންދަރާ ހަމައިން ތަންކޮޅެއް އަޑުބަޑު މަޑުވެލިތަނުން، ދުވާރުމަތީހުރި އަންހެނަކު ގޮވާލިއެވެ. "އޭ އަންހެނުންތަކާއޭ! ތިޔަހެން މަޑުމަޑުން ތިބެގެން ފިރިހެނުން އަތަށް ފޯރިއެއް ނާންނާނެއޭ، ތެޅެފޮޅޭށެވެ." އެހެން ގޮވާލުމާއެކު އަންހެނުންތައް، ތަންތަން ތަޅުވާން ފަށަތްޕެވެ.

އެތަންވަޅު، އެތަނަށްއައި ގެސްޓް ދެމަފިރިން، ޒުވާނަކު ކުރެން "މިވަނީ ކީއްހޭ" އަހާލިއެވެ. އެޒުވާނާ ބުންޏޭ "މިނިވަންދުވަހުގެ ކުޅިވަރު ފެށުނީއެވެ!" އަހަރެން ހިތަށް އެރިއެވެ. އެހެން ފަހަރަށް ކުޅިވަރު ފެށެނީ ސަލާންކޮށް، ބިލެތްމީރު ކޮއްލުމަކުންނޭ، މިފަހަރު މިފެށުނީ، ސަލާންނުކޮށް، ދާހިއްލާ ފޯވުމަކުންތާއެވެ.

Read more...

ސިވިލް އުފެދުނަސް ވަޒީފާދިނުން ސަކަރާތް

ސަރުކާރުގެ ވަޒީފާތައް (ނުވަތަ މަޤާމްތައް) ދެބަޔަށްބަހައި، އެއްބަޔަށް ސިޔާސީއޭ، އަނެއްބަޔަށް މަދަނީއޭ ކިޔައި ނަންދީ، ދެބައިގެ ދެމެދުގައި ލޯފާރުލައި، އެއްބައި މައުމޫނަށް އަނެއްބައި ލަޠީފަށް ދީފިއެވެ. ފަހެ، މިގޮތަށް މިކަންމިކުރީ، އިޞްލާޙީ އެޖެންޑާގައި އިތުރު އަޅިބޮނޑިއެއް އަޅާންވެގެން ކަމަށްވެއެވެ.

މިގޮތުގެ މަތީން، ވަޒީފާތައް ދެބަޔަށް ބެހުމަށްފަހު، ސިޔާސީ ބައިގެ ވަޒީފާ ދިނުމުގައި، ހަމައެއް ލަމައެއް، ފެންވަރެއް މިންވަރެއް، ގޮތެއްފޮތެއް އޮންނަކަމަކަށް ނުވެއެވެ. މުސާރާގައި ކޮޅެއްމިނެއް، ފުލެއް މައްޗެއް އޮންނަކަމަކަށް ނުވެއެވެ. ފަހެ މިހެންވިޔަސް، މަދަނީ ބައިގެ ވަޒީފާ ދިނުމުގައި، ދުނިޔޭގައިވާ އެންމެބޮޑު އެންމެފުރިހަމަ އިންސާފު އޮންނަކަމަށް ކިޔައި އުޅެއެވެ. އަދި މުސާރަ ދިނުމުގައިވެސް އޮނިގަނޑެއް އޮންނަކަމަށް ވެއެވެ.

ޚަބަރު ލިބިފައިވާގޮތުގައި، މަދަނީ (ސިވިލް) ބައިގެ ވަޒީފާތަކަށް މީހުން ހޯދުމުގެ ކަންކަން ކުރަނީ، ހަމަކުރިއެކޭވެސް އެއްގޮތަށް، އޮފީސް އޮފީހުންނެވެ. އެއޮފީހަކަށް މީހަކު ބޭނުންވީމާ، އެއޮފީހަކުން އިޢުލާން ކުރަނީއެވެ. އެކަމަކު އިހުނާ ތަފާތު ގޮތްތަކެއް ހުންނަކަމަށް އެނގިފައިވެއެވެ. އެއީ، އިންޓަވިއު އާއި ޓެސްޓް އޮތުމާއި، ޢިލްމީގޮތުން މަތީމީހަކު ބެލުމާއި، އުމުރުން ހަގުމީހަކު ހޮވުންފަދަ ކަންކަމެވެ. މިއީ ސިވިލް ސާރވިސް ކޮމިޝަނުން ހަދާފައިވާ ޢަދުލުއިންސާފު ޤާއިމްކުރެވޭ ގަވައިދު ތަކެވެ.

މިހެންވިޔަސް، މިހާރު މިހާއަވަހަށްވެސް، ހަމަ ކުރީގެ ދަރަށް ވެއްޓިއްޖެއެވެ. ޚުދުމުޚުތާރިއްޔާއި ކޮރަޕްޝަނުން ކުލަޖެހިފައިވާ އަމިއްލަ އެދުންގަނޑު، ވަޒީފާ ދިނުމުގެ ތެރެއަށް ވަދެއްޖެއެވެ. މިބާވަތުގެ ވަރަށް ގިނަކަންކަން ސާބިތުވެފައި ވެއެވެ. އޭގެތެރެއިން ދެމިސާލެއް (ދެޙަޤީޤަތް) ގެނެސްދެމެވެ.

ރަށެއްގެ ރަށުއޮފީހަށް އެސިސްޓެންޓް ސެކްރެޓެރީއަކު ބޭނުންވެގެން އިޢުލާން ކުރިއެވެ. އޭލެވެލް، އޯލެވެލް ކުދިން ކުރިމަތިލިއެވެ. ޓެސްޓާއި، އިންޓަރވިއު އޮތެވެ. އެންމެފަހުން ވަޒީފާ ލިބުނީ 65 މާރކްސް ލިބުނު ކުއްޖާއަށެވެ. 73، 83، 92 މިހެން މާރކްސް ލިބިފައިތިބި ކުދީން ޝަރުޠު ހަމަވެފައި ތިއްބައެވެ. މިކަން މިބަދަލުކޮއްލަނީ އެޓޯލްސާ ހަމައިންކަމަށް އެނގިފައިވެއެވެ.

އަނެއްކަމަކީ، ރަށުކޯޓެއްގެ މަސައްކަތު މީހެއްގެ މަޤާމެވެ. ޓެސްޓާއި އިންޓަވިއުއިން މޮޅުވެ، ވަޒީފާއަށް ދެންނެވީ، ކުރިމަތިލީ މީހުންގެ ތެރެއިން އެންމެ ތަޢުލީމީ ފެންވަރު ރަނގަޅު، އެންމެ ހަގު މީހާއަށެވެ. އެއީ އަންހެންކުއްޖެކެވެ. އޭރު، އެކޯޓާ ހަވާލުވެހުރީ އެހެން ރަށެއްގެ ގާޒީއެކެވެ. ކޯޓްގެ ސެކްރެޓަރީ ބުނާގޮތުގައި، ވަޒީފާދޭން ދެންނެވީވެސް އެެއަންހެން ކުއްޖާގެ ނަމެވެ. އެހިސާބުން ކޯޓުގެ ގާޒީ މާލޭގައި ހުއްޓައި މިކަން އެނގިއްޖެއެވެ. ވަޒީފާ ލިބުނީ، މާދޮށި، އަދި ނުކުޅެދޭ ހާލަތުގައިވާ ފިރިހެނަކަށެވެ. ބަދަލުކޮއްލީ، ޖަސްޓިސް ތެރޭން ރަށުގެ އަސްލު ގާޒީއެވެ. ސިވިލް އުފެދުނަސް ކޮރަޕްޝަނެއް ނުފިލައެވެ.

Read more...

ފަސް ބުހުތާން- ބުހުތާން ލިސްޓުން

- "ގާދޫނި ހޯރަޔަށް ކިޔަވައިދިންގޮތް" : ކުރީ ޒަމާނުގައި މަސްއައިނުގައި އުޅެނީ ހޯރައެވެ. ގާދޫނި އުޅެނީ އައިނާދިމާ މަތީގައެވެ. މިހެން އޮއްވާ އެއްދުވަހަކު، ގާދޫނި ހޯރަ ގާތު ބުންޏެވެ. "މަތީގައި އޮންނައިރު، މާގިނަ ކާނާ ލިބެއެވެ. ތިޔަހެން އުޅުނީމާ، ހީކެރުވުން ނޫންކަމެއް ނުވާނެއެވެ. މަ މިއޮންނަ ހިސާބު މަތީގައި އޮންނާށެވެ." އަނެއްދުވަހު، ހޯރައޮތީ ގާދޫނި އޮންނަ ހިސާބު މަތީގައެވެ. މަސްއައިނުގައި އުޅެނީ ގާދޫންޏެވެ. އަދި އަދަށްވެސް، ހޯރަ އޮންނަނީ، އައިނާދިމާ، މާމަތީގައެވެ. އައިނުތެރޭން ކައިބޮއި އުފާކުރަނީ ގާދޫންޏެވެ.

2- "ވާލުގެ ފިނދުފަތްގަނޑު، ކުރަނގި ގެންދިއުން" : ކުރީ ޒަމާނުގައި، ކުރަނގީގެ ފިނދުފަތްގަނޑެއް ނޯވެއެވެ. ވާލުގެ ފިނދުފަތް އޮވެއެވެ. ކުރަނގި އުޅެނީ މަދުގަހުގައެވެ. ވާއުޅެނީ މަސްއައިނުގައެވެ. އެއްރެއަކު ވާލާދިމާވެގެން ކުރަނގި ބުންޏެވެ. "މާދަމާ އަހަރެން ދެއައިނެއްމަތީ ކުރުއްސާލަން ފިނދުފަތް ދެއްޗެވެ." ވާ ބުންޏެވެ. "އަނބުރާ ދޭންވާނެއެވެ." ކުރަނގި އާއެކޭ ބުންޏެވެ. ފަތިހު ފަޖުރުލިއިރު، ވާލުގެ ފިނދު ހިފައިގެން ކުރަނގި އުދުއްސައިގެންފިއެވެ. ދޮންމަދުގަހުގައި، ވާ އެލިގެންއޮތެވެ. ކުރަނގި ގޮސް އަނދިރިވަންދެން މަސްއައިނުގައި ކޮށައިފިއެވެ. އޭގެ ފަހުން އަދި އަދަށްވެސް ދޭނަމޭ ބުނި ފިނދުފަތްގަނޑެއް ނުދެއެވެ. ކުރަނގި އެއްގޮތަކަށްވެސް، ވާއުޅޭ ހިސާބަކަށް ނާދެއެވެ.


3- "މާކަނާ ކަޅުއޮށްގަނޑަށް ފުރަގަސް ދިނުން" : ކުރީ ޒަމާނުގައި މާކަނާ މުޅީންވެސް ކަނީ ކަނޑުގުރުވައެވެ. ކަނޑުގުރުވަ ނުލިބޭންފެށީމާ، ދެން ކައިއުޅެނީ ކަޅުއޮށެވެ. އެއްދުވަހަކު، ކަޅުއޮށްހިފަން ގޮނޑުދޮށުގައި އިންދާ، އުދުހިފައި ދިޔަ ރާބޮންޖެއް ގޮވައިލިއެވެ. "މިއޮތީ ކަޅުއޮށް ގަނޑެކެވެ." ވަގުތުން، މާކަނާ ކޮށްޖެހިއެވެ. ހަމައެއާއެކު މުޅިވައިނޮޅީގައި ތަތްލާބޯވާ ތަތްކޮށްލިއެވެ. އަދި މާކަނާ މޫދަށް ގަންބައިލިއެވެ. އެއީ ކަޅުއޮށްގަނޑެއް ނޫނެވެ. ބޯވަ ތަކެކެވެ. އޭގެފަހުން، އަދި އަދަށްވެސް މާކަނާ ކަޅުއޮށްގަނޑެއް ފެނިއްޖެއްޔާ އިންނަނީ ފުރަގަސްދީގެންނެވެ.

4- "ކާޅާވާލާ އިންރޭ ލީއަތަރުވަސް" : ކުރީޒަމާނުގައި އެއްދުވަހަކު، ކާޅުގޮަސް ވާގާތު ބުންޏެވެ. "އިންނަން ކެރޭނެހެއްޔެވެ." ވާބުންޏެވެ. "ނަޖިސް ނުކާ މަތިން އިނދެފާނަމެވެ." ކާޅު އެއްބަސްވީހާ އިރުން އިނދެފޫއެވެ. އެރޭ ރޭކޮށްފައި، ފަތިސްވިތަނުން ކާޅު އުދުއްސައިގެން ހިނގައްޖެއެވެ. އެނބުރި އައީ އަނދިރި ޖެހުނުފަހުންނެވެ. އާއިރު އަނގަދުރޯށި ދޮށުގައި ހުސް ނަޖިހެވެ. ދުވަނީ ރޯނަޖިސް ވަހެވެ. ވާ އަހާލިއެވެ. "ފިރިކަލޭގެޔާއެވެ. އެދުވަނީ ކޮންވަހެއް ހެއްޔެވެ." ކާޅު ގައިހަދާލައި ތުންތަޅުވާލާފައި ބުންޏެވެ. "މަށާކަލެޔާ އިންރޭ ލީ އަތަރު ވަހެވެ." އޭގެފަހުން އަދި އަދަށްވެސް، ކާޅާވާލާ ވާހަކައެއް ނުދައްކައެވެ.


5- "ހަތްތޮށިމަތިން ދިޔަސް ދޫކޮށްނުލާންކަމަށް" : ކުރީޒަމާނުގައި ދެވެލާ ހިފާގޮތަށް ދެކަހަނބު ހިފައެއް ނޫޅެއެވެ. އެއްދުވަހަކު، ފިރިހެން ކަހަނބު އައިސް، އަންހެން ކަހަނބު ގާތު ސިއްރުން ބުންޏެވެ. "ދެވެލާ ހިފާހެން ހިފަމާ ބަނހީއެވެ." އަންހެން ކަހަނބު ބުންޏެވެ. "ހަތްތޮށިމަތިން ދިޔަސް ދޫކޮށްނުލާން ކަމަށެވެ." ފިރިހެން ކަހަނބު ހުވާކޮށްފައި ބައްދައިފިއެވެ. އެންމެ މަޖާވީ ތަންވަޅު، ދޯންޏެއް ކައިރިވާތީ ފެނުނެވެ. ހަމަވަގުތުން ފިރިހެން ކަހަނބު ބަޑިޖަހާފައި ދުރަށް ހިނގައްޖެއެވެ. އަދި އަދަށްވެސް، ބައްދަނީ އެގޮތަށް ހުވާކޮށްފައެވެ. އެކަމަކު، ބަޔަކު އަންނައިރަށް ދުވެފިލައެވެ.

Read more...

"މިނިވަން- ސަންގުކެމްޕޭން" ނިމުނީ

އިންތިޚާބީ ކެމްޕޭން ނިމެނީ، ވޯޓްނަގަން ފެށީމައެވެ. ޢިޝްޤީ ކެމްޕޭން ނިމެނީ މާމުއިހަނދު އެރީމައެވެ. "މިނިވަން- ސަންގު" ކެމްޕޭން ނިމުނީ، ޤާސިމް އިބްރާހީމާއި، މަޙްމޫދު ޝައުޤީ އިސްތިޢުފާ ދެއްވީމައެވެ.

ޤާސިމް އިބްރާހީމަށް މާލީ ވަޒީރުކަމާއި، އެމްއެމްއޭގެ ގަވަރނަރކަން ލިބުނުދުވަހު، މިނިވަންނޫސް ކެމްޕޭން ފަށައިފިއެވެ. އެކަމަކު އެކެމްޕޭން މަޑުޖައްސާލަން ޖެހުނީ، ލޭގެގުޅުން އުފެދުނީމައެވެ. (އެއްކިރުގެގޮތުން އަޚްކަން އުފެދުނުމާ އެކީގައެވެ.) އެއީ، ޤާސިމް އިބްރާހީމަށް ޚާއްޞަ މަޖިލީސްގެ ރައީސްކަން ލިބުމެވެ. އެހިސާބުން، އެމްޑީޕީގެ ލޭގެގުޅުން ޤާސިމް އިބްރާހީމާއެކު އުފެދުނީއެވެ. މިގޮތަށް މިގުޅުން އޮއްވާ، ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިމި، އިންތިޤާލީ ބާބަށް ފެށިއްޖެއެވެ. އެހިސާބުން، ލޭގެގުޅުން ކެނޑިއްޖެއެވެ. 29 މަދުކުރުމަށް ހުށަހެޅި މައްސަލާގެ ދުވަސްވަރާ އެއްފެންވަރުގައެވެ. ޤާނޫނުއަސާސީ މުޅީން ނިމުނީމާ، ލޭގެގުޅުން މުޅީން ނިމުނީއެވެ. އަނެއްކާވެސް ކެމްޕޭން ފެށީއެވެ. އޭރު، ސަންގު މިއޮތީ ކެމްޕޭން ޖައްސައިފައެވެ.

ސަންގުނޫސް އުފަންވީ ކެމްޕޭނާހެދިއެވެ. ކޮންމެ ދުވަހެއްގެ ސަންގުގައި، މަދުވެގެން އެއްޕޭޖް، ކެމްޕޭނަށް ޚާއްޞަ ކުރެވެއެވެ. އާދައިގެ އެވްރެޖް ގޮތެއްގައި ދެޕޭޖް އޮންނާނެއެވެ. ކަވަރސްޓޯރީ ޖަރީކޮށް ރަންފެހި ފިޔާތޮށި އޮރެންޖު ބުލޫ ޑިސްކޯ ކުލަތަކުން ފަވާލާނީ ކެމްޕޭންގެ ހެޑިންތަކެވެ. އޭގައި ހުންނާނީ، ސަރުކާރުން ތަބަކަށްލައިގެން ބެހި، މީޑިޔާއާ ނޫސްވެރިކަމާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ރޫޙާއި މާނަޔާ އެއްގޮތަށް ހުންނަ އިޤްތިޞާދީ ފަލްސަފާތަކެވެ. މިގޮތަށް މިކެމްޕޭން ކުރީ، މިނިވަނާއި ސަންގާދެމެދު އޮންނަ ރޫޙާނީ އެއްބަނޑުއެއްބަފާ ކަމެއްގެ ތެރޭންނެވެ. މިނިވަން ނޫހުގެ ސިއްކައަށް (ނުވަތަ ލޯގޯއަށް) ބަލާލީމާ އެކަން ސާބިތުވާނެއެވެ. މިކެންޕޭނުގައި ގެންގުޅޭ މަސްދަރުތައް ތިރީގައި އެބަލިޔަމެވެ.

1- ބަޖެޓްގެ ދެކޮޅުނުޖެހުން 2- ޚިޔާލީ ބަޖެޓް 3- ބޭރުން ލޯނު ނެގުން 4-އިންފްލޭޝަން 5- ބަނޑަށްޖެހުން 6- ސިވިލް މުއައްޒަފުންގެ މުސާރަ 7- މަނިޓަރީން ލޯނު ނެގުން 8- ސަރުކާރުގެ އިސްރާފު 9- ދޯހަޅި އިގްތިޞާދީ އަދި މާލީ ސިޔާސަތު 10- ވޯޓް ގަންނަން ފައިސާބެހުން 11- ފިނޭންސްގެ ބާރުގައި ރާއްޖޭން ބިންތައް މިލްކުކުރުން 12- މައުމޫން ސަރުކާރު ދަމަހައްޓަން އުޅުން 13- ގުޅިފަޅާއި، އިހަވަންދިއްޕޮޅާއި، ހުޅުމާލޭ އަނެއްބައި 14- ބިޔާދޫ އާއި، ހުސްފަޅުފަޅާއި ފަޅުރަށް ތަކުގެ ބީލަން މިއެވެ.

މިމަސްދަރުތައް ނަގާ ކޮނޑަށްލައިގެން، މީގެތެރެއަށް ވެއްދުނުހާ ބައެއް ވައްދައިގެން ކެމްޕޭންކުރީ އެންމެ ކަމަކާހެދިއެވެ. ޤާސިމާއި ޝައުޤީ މިނިސްޓަރުކަމު ތިބީމައެވެ. ޖުލައި 10 އެއީ ކެމްޕޭން ނިމުނު ދުވަހެވެ. އިއްޔެއަކީ، ޤާސިމް އިބްރާހީމްގެ ބޮލުން އެ 14 މަސްދަރުނެއްޓި "ޝާމިލްވާ ފަރާތްތަކުގެ" ބޮލުގައި އެޅުނުދުވަހެވެ. ދެން، މިނިވަނާއި ސަންގުގައި، އެކެމްޕޭނެއް ނުކުރާނެއެވެ.

Read more...

ޕީއޭގެ ސަޕޯޓް

ދުނިޔޭގެ އާދަޔަކީ، އާކަމެއް ބޮޑުކަމެއް ވެއްޖިއްޔާ އެތަނެއް ބަލާން ދިއުމެވެ. އާދަޔާޚިލާފު މީހަކު ފާޅުވެއްޖިއްޔާ ދެކޭންދިއުމެވެ. ދިވެހިރާއްޖެއަކީ މިކަން އަދި ވަކީން ބޮޑު ތަނެކެވެ. އެހެން އެވަނީ ރަށްރަށް ކުދިވެފައި، މީސްކޮޅު މަދުވެފައި، ހޭލުންތެރިކަން ކުޑަވެފައި، ޒަމާނަށް ނުހޭނޭތީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު، އެމެރިކާގެ ބޮޑުގެ ވެއްޓުނުދުވަހު، ދެވުނު މީހަކުވިއްޔާ އެތަނަށް ދިޔަކަމަށް ވެއެވެ.

ރާއްޖޭގެ ރަށްފުށުގައި އޮންނަ އާދަޔަކީ، ބީރައްޓެހި ރަށެއްގެ ދޯންޏެއް ލެފިޔަސް އައިބަޔަކު ދެކޭން ދެވުނުހާ މީހަކު ދިއުމެވެ. އަތޮޅުވެރިން ލެފިޔަސް، ހަމަ މިގޮތެވެ. މާވަހަރެއް ހޮވިޔަސް، ދޯންޏެއް ގިނައިން މަސްބެޔަސް، އެތަންބަލާން ގޮސްއުޅެއެވެ. ދާދިފަހުން ދުވަހަކު ތާޖުއްދީންގެ ގޯތިތެރޭގައި، ފަތްތަކުން ޝަހާދަތް ލިޔެވިއްޖެޔޭ ކިޔައިގެން މާލޭ ރައްޔިތުން އެތަނަށް އެއްވިއެވެ. މިގޮތަށް، ނުދެކޭ ބޮޑުން ލެފިވާހަކަ އިވުމުންވެސް ދެކޭން ދެއެވެ. މިކަހަލަކަމެއް މިހާރު، ދެކުނު އަތޮޅުތަކުގައި އެބަހިނގައެވެ.

އެކަމަކީ، ރޭޑިޔޯއާއި ޓީވީން، ނަންކިޔާއަޑުއިވިފައި، ފޮޓޯނޫން އެއްޗެއް ނުފެންނަ މީހަކު ދެކުނުގެ ރަށްރަށަށް ދަތުރުކުރުމުން، އެމީހަކު ދެކޭން ދިއުމެވެ. ރާއްޖޭގެ ރައްޔިތުންނަށް އެނގެނީ، ރައީސް މައުމޫނުގެ ކޮއްކޮއަކު، މާމައްޗަށް ކިޔަވައިގެންއައިސް، މައުމޫނު ސަރުކާރުގެ އިޤްތިޞާދާއި ފައިސާޔާބެހޭ ހުރިހާ މަތީ މަޤާމްތަކެއް އަދާކޮށް މިނިސްޓަރުކަންކޮށް، މައުމޫން ސަރުކާރު ނަގަހައްޓައި ދަމަހައްޓައި އުފުލައި ބަގުޑިލައި އުސްކޮށް މަތިކޮށް ރީތިކޮށް ދޮންކޮށް ޗާލުކުރަން 28 އަހަރު ވަންދެން އުޅެފައި، މިހާރު، މައުމޫނާ ރުޅިވެ، ހުރިހާ މަޤާމުތަކުން ފޭވެ، ސިޔާސީ ޕާޓީއެއް ހަދައި، މައުމޫނު ހަލާކުކޮއްލަންވެގެން ތެދުވެ، މަހުޖަނުންކޮޅެއް ގޮވައިގެން އުޅޭކަމެވެ. އޭނާގެ އަސްލު ސިފައެއް ބޮޑެއްކޮށް ނުފެނެއެވެ. ފެންނަނީ ފޮޓޯއެވެ. އިވެނީ ނަމުގެ އަޑެވެ.

މިހެންވެފާ އޮއްވާ، އައްޑުއަތޮޅުގެ ރަށްރަށުގައި ކުއްލިއަކަށް ހިނގައިގަތް ޚަބަރަކީ، އެއްކަލަމީހާ ލެފިޚަބަރެވެ. އެންމެންގަނޑު ރާސްލާފައި މިދުވެގަތީ އެމީހާ ދެކިލާން ވެގެނެވެ. މައުމޫނުގެ އެއްބަފާ ކޮއްކޮއަކު މައުމޫނު ހަލާކުކޮއްލަން އުޅޭތީ، އެމީހާ ދެކިލާ ހިތުންނެވެ. ގިނައިން ދުވުނީ މުސްކުޅިވަރުގެ އަންހެނުންނެވެ. 65 ވެފައިތިބި އަންހެނުން ދުވަމުން އެހިސާބަށް ދެވުނުއިރު، ބުރުގާގަނޑު ވެއްޓި، ފައިވާންގަނޑު ގެއްލި، ކަނޑިއްކިގަނޑު ބޭލި، ދާހިއްލާފޯވެފައިވާކަމަށް ވެއެވެ. މުސްކުޅި ފިރިހެނުންވެސް ކޮންމެވެސް ވަރަކަށް ދިޔައެވެ. ކުޑަކުދިންތައް މުޅިންހެންވެސް ދިޔައެވެ. ގޮސްގެން، އޭނާގެ ޝަޚްޞިއްޔަތު ފެނުނު ކަމަށްވެއެވެ. އޭގައި އަންހެންވެރިން އަތްލި ކަމަށްވެސް ބުނެވެއެވެ.

މިހެންވުމުން ސަންގުގެރިފުންމަނީ، ޕީއޭ.އަށް ދުންބުރާލާފައި ސަޕޯޓް ލިބޭކަމަށް ގޮވަމުންނެވެ.

Read more...

ޕަޞްލުންފީ ބަޖެޓް ވަލްއިޤްތިޞާދު ވަ އިންފުލޭޝަން

ދަންނައެ: މިއީ ބަޖެޓާއި އިޤްތިޞާދާއި އިންފްލޭޝަނުގެ ވާހަކަ ނަންގަތް ފަޞްލެވެ. ފަހެ، ބަޖެޓްގެ ދަރަންޏާއި، އިޤްތިޞާދީ ދެކޮޅުނުޖެހުމާއި، ބާޒާރުގައި ތަކެތީގެ އަގުއުފުލުމަކީ، މިޒަމާނުގައި އަށާރަ އާލަމު ބައްރު ހިއްކެވި ހިސާބުން އެއްވެސް ޤައުމެއްގައި ހިނގާކަމެއް ނޫނެވެ. ގަދަބަހުގައި ބުނެވުނޭ ޠޫފާނުގެ ކުރީގައި އެބާވަތުގެ ކަންކަން ހިނގިކަމަށް. މާތުރަ: އެޒަމާނަށް ދަންނަބޭކަލުން ނަންދެއްވަނީ ހިލައިގެ ޒަމާންކަމުގައެވެ. ބައެއް ރިވާއެއްގައި ވެޔޭ. މިފަދަކަމެއް މިފަހުޒަމާނެއްގައި ހިނގީ ސާމުކަރައިގަޔޭ. އޭގެ އަސަރު އަރަބިކަރަޔަށްވެސް ފޯރިޔޭ، އެއީ، ބުޚުތުނުއްޞަރު، މުޅި ޢަރަބީންގެ މައްޗަށް ފާކުރެއްވުމެވެ. ފަހެ، އެރާޖާ ފަލަސްޠީނު މުޅީން ސުންނަފާތި ކުޅައެވެ. އިލާއާޚިރިމާޤާލަ.

ދެންފަހެ، ދުނިޔޭގެ އެންހައި އިންސާނުން ރަންމޮހޮރީ މައްޗަށް އެރުވިގެން ދުނިޔެރަންވެ، ރަންތަށިންކައި، ރަންލޯވަށީން ފެންބޮއި، ރަންދާނުގައި ނިދައި އުޅެތެވެ. ދަތުރު ކުރަނީވެސް ރަން ސަވާރީގައްޔެވެ. އެހެންވިޔަސް، އީސާގެފާނުގެ ސަނަތުން ދެހާސްހަވަނަ އަހަރުން ފެށިގެން މިމާލެދީފުގެ މައްޗަށް ބޮޑުސިންގާ މުސީބާތެއް ފާކުރައްވަތްޕެވެ. އެއީ ބަޖެޓްގެ ދަރަންޏާއި، އިޤްތިޞާދީ ދެކޮޅުނުޖެހުމާއި، ތަކެތީގެ އަގު އުފުލުމެވެ. މިކަން މިހެންހަމަ ހިނގައިގަތުމުން އިޤްތިޞާދީ ދަންނަބޭކަލުން ވަކި ޖަމާޢަތެއް ހަދައި ވަކިވެގެންފޫއެވެ. ބުނެތެވެ. އަހަރެއަހަރެމެން މިތިބީ ތިޔަސަރުކާރަށް ފުރަގަސް ދީގެންނެވެ. ތިޔަ ސަރުކާރު ތިޔައޮތީ ފޭލިވެފައްޔެވެ. އަހަރުމެން ކަހަލަ އިލްމުވެރީންގެ ބަސްނާހައި، ތަންތަނުން ފެންނަހައި މީހުން ގާތްކޮށް އަޖްނަބީންގެ ބަހަށް ވިކުނީމާ، ކަންތައް ވަމުންދާގޮތް ތިޔަހަރަ ފެންނަނީއެވެ. މިހާރުވެސް މިއޮތީ ބޮޑުތަދު ލައިގެންފައެވެ. ކާޑަކަށްވާނީ މަގޫފަތެވެ.

ފަހެ، މިކަން މިހިސާބަށް ދިއުމުން، ދަރީންނަށް ކިޔަވައިދޭ އެދުރުން ވޮށުފިލާ އަޅައިދިނުން ހުއްޓާލައި، އެދުރުގޭތަކަށްގޮސް ގޭގައި ތިބެއްޖައޫއެވެ. އެމީހުން ބުނެތޭ ބަޖެޓާއި އިގްތިޞާދާއި އިންފްލޭޝަން މިހެން މިމަގަށް ހުންނަންޏަކާއި، އަހަރެ އަހަރެމެން ބޯގާނާކަށް ނުދާނޫއޭ. އަތިރިމައްޗަށްގޮސް ކަކުނި މެރިޔަސް އެއަށްވުރެ ރަނގަޅޭ. މިހެންވުމުން، ބޮޑުމަޖިލީހުގެ މަންދޫބުން ގޮވައިފޫއޭ. ވަޒީރުލްމާލިއްޔާގެ ހުރި ނުބައިކަން ބޮޑުކަމާއެވެ! މިހިރި މިހިރީއަކީ މިހައިރު މިދުނިޔޭގައި ވާކަންތަކެއް ނޫނެވެ. މިކަންކަން ރަނގަޅުކުރާން ހުރި މީހަކީ ވަޒީރުލްމާލިއްޔާއެވެ. ބަޖެޓާއި، އިގްތިޞާދާއި އިންފްލޭޝަނަކީ، ވަޒީރުލްމާލިއްޔާގެ ޖީބުގައި އޮންނަ އެއްޗެކޭ. އޭނާ އެހެން އެހަދަނީ ހަމަގަސްދުގައެވެ. ޤާލަލްމުތަރުޖިމް، މިކަންމިމަގަށް ހިނގާއިރުވެސް ޒަޢީމު އެއްވެސް ބަސްފުޅެއް ނީއްވަވައެވެ. އަލިފުހާ.

މިހިސާބަށް ވާހަކަ ދާއިރަށް އިޤްތިޞާދީ ދަންނަބޭކަލުންގެ މަޒުހަބުގެ އިމާމު ތެދުވެފައި ބުނެއްޕޭ. އަހަރުމެން ތިޔަބާވަތުގެ ޢިލްމު ކިޔެވީ އެމެރިކާ ވިލާތުންނޭ. އެތާގެ އެދުރުން މިބާވަތުގެ އެއްވެސް ފޮތަކަށް އެދުރެއްނުވެޔޭ. މިއީ މިހިރަ ވަޒީރުލްމާލިއްޔާ ހޯދައިގެންއުޅޭ ކަމެކޭ. އެއާއެކު، އަނެއް ދަންނަބޭކަލަކު ތެދުވެފާ ބުނެއްޕޭ. ވަޒީރުލްމާލިއްޔާ އެހެރީ ފޭލިވެފައެވެ.

ފަހެ، އަނެއްދުވަހު، އެވަޒީރުލް މާލިއްޔާ އިސްތިޢުފާ ދެއްވަތްޕޭ. އެދުވަހު އިރުއޮއްސިފާ އިރުއެރިއިރު، ބަޖެޓާއި އިޤްތިސޯދާއި އިންފްލޭޝަން އޮތީ، އިހުއޮތް ދަރަށް އޮބި، ރަނާއި ޖަވާހިރުން އަތްކަން އެޅިފައެވެ. ވަﷲޢައުލަމް.

Read more...

"ގެންދަވާނީ، ދައްކަވަން ހުރިތަނެއް ދައްކަވާފައެވެ."

އުމުރުދެބައިވެ، ލޯބޯ ކޮށިވެ، ޒަމާނަށް ބީރައްޓެހިވެ، ގައިބާރުދެރަވިއިރު، މިހިރަ ފެންނަ ކަންތައްތަކުން، އަޖައިބުވެ އަންތަރީސް ވާވަރުވެއެވެ. "ގެންދަވާނީ، ދައްކަވަންހުރި ތަނެއް ދައްކަވާފައެވެ."

އެކަމަކު، ހަމަޖެހިގެން ތަނެއްގައި އިނދެ ރަނގަޅަށް ފިކުރުކޮއްލަބަލާށެވެ. މިތަނުގެ ޙާލަތު މިހާރު މިހަރަ ފެންނަ ގޮތުންވިއްޔާ، ކުރިޔަށްއޮތް ފަސްއަހަރު ދުވަހަކީ، ނިކަމެތި ބަލިކަށި ތަޙައްދީ އާއި ޗެލެންޖާ ކުރިމަތިވާނެ ދަށުވަތުގެ ފަސްއަހަރުކަން ހަމަޔަގީނެވެ. ހުރިހާ ރޮނގަޅަކުންނެވެ. ދުނިޔެވީ ހުރިހާ ގޮތަކުންނެވެ.

މިއަދާ ހަމައަށް އައިއިރު، ދިވެހި އުއްމަތް މިއޮތީ، ނިއުޅެމުން ނިއުޅެމުންގޮސް، ނިއުޅިހުސްވާ ހިސާބުގައެވެ. މީހަކުގެ އަމިއްލަ ވިސްނުމަށް، މިތަނުގެ ވެރިކަން ކުރާތާ ތިރީސްއަހަރެވެ. ގަސްތުގައި ނަމަވެސް، ބޭއިޚްތިޔާރުގައި ނަމަވެސް، ކަންހިންގަމުން އައިސްފައިވާ ގޮތްތަކަށް ބަލާއިރު ފެންނަނީ ޤައުމުގެ މުސްތަޤްބަލް ހަލާކުގެ ތެރެއަށް ވެއްޓިފައިވާ ކަމުގައެވެ. މިތަޞައްވުރަކީ، ސިޔާސީ ބަދަލުތަކާއި، އިޞްލާޙުތަކުގެ ސަބަބުން، ފެންނަގޮތްކަމަށް ބުންޏަސް، ހަވަނަ ޙިއްސު އެއްބަހެއް ނުވެއެވެ. އޮޑިޓަރ ޖެނެރަލް ދައްކާވާހަކަތަކަށް ބަލާށެވެ. ރައްޔިތުންގެ މަޖިލީހުގެ ޚިޔާލާތުތައް ޙިއްޞާ ކުރާށެވެ.

ހަމައެކަނި މިދެމައްސަލައަށް ރިޢާޔަތްކުރިޔަސް، ކުރިޔަށްއޮތް ފަސްއަހަރާމެދު އުއްމީދު ކެނޑޭނެއެވެ. ދެން، ޤާނޫނުއަސާސީ ތަޞްދީޤުކުރުމުގެ މަރުޙަލާ އާއި، ރިޔާސީ އިންތިޚާބާމެދު ފިކުރުކޮއްލާށެވެ. ނޮވެމްބަރ 11 އާއި، ޤާނޫނުއަސާސީ އާ ދެމެދުހުރި ހުރަސްތަކާމެދު ޚިޔާލުކޮއްލާށެވެ. މުސާރައިގެ މައްސަލަތަކަށް ބެލިޔަސް، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކަށް ބެލިޔަސް، ދީނީ އަރާރުންތަކަށް ބެލިޔަސް، ސިވިލްދާއިރާގެ މައްސުނިގަނޑަށް ބެލިޔަސް ވަރިހަމައެވެ.

ޤައުމުގެ ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނި، އުފެއްދުންތެރިކަން ނެތުމާއި ސަރުކާރުގެ އިސްރާފު، ފަތުގެ މައްސަލަތަކާއި މާރާމާރީ، ރިކަރަންޓް ޚަރަދުބޮޑުވުން ލާޒިމްވާ ގޮތަށް ކުރެވިފައިވާ ޕްލޭނާއި، ސުނާމީގެ ގެއްލުންތައް ސަމާލުކަމަށް ގެންނާށެވެ. ކަށީހިފައި ބިސްފީކޮށްފައިވާ ކޮރަޕްޝަނާއި، ޢާއިލީޒާތީ ވެރިކަން ދެމެހެއްޓުމަށްޓަކައި ހިންގާ ކެމްޕޭންތަކާއި، ބޭއިންސާފާއި ނަހަމައިން ފެތުރިފައިވާ ފަސާދަ، ދިވެހި ފަސްގަނޑަށް ޒަހަރުލާފައިވާ މިންވަރު ހިތަށް ގެންނާށެވެ.

މިއަދު، ދިވެހި ޤައުމުން ފެންނަނީ، ހަނގުރާމަ ގަރަމުވެ، ސަފުތަކުގެ ތަރުތީބުއޮޅި، އެމީހަކާ އެމީހަކު ވާގޮތްވުމުން މައިދާން އޮންނާނެ ގޮތެވެ. މީގެ ނޭދެވޭ ހިތާމަވެރި އަސަރު، މިއަދަށްވުރެ ބޮޑަށް، ކުރިޔަށްއޮތް ފަސްއަހަރުގައި މިޤައުމު ޠަޙައްމަލް ކުރަން ޖެހޭނެއެވެ. ބުއްދިވެރި ޢަރަބި ބަހެއްގައި އޮންނަނީ "ތިމާގެ ރައުޔައިގެން އަމިއްލަވެގެންފިމީހާ ގެއްލި ހަލާކު ވެއްޖެއެވެ." މިފަދައިންނެވެ.

Read more...

"ގިތެލަށްވުރެން މާނުމިޒަ......"

އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އަރުވާލެވުނީ، މާންދޫގޭ ޢަބްދުﷲ ޢިމާދުއްދީނުގެ ގަޑުބަޑުގައި ބައިވެރިވުމުގެ ކުށުގައެވެ. އެދުވަސްވަރު ފަނޑިޔާރުކަމާއި ބަންޑާރަ ނައިބުކަން ކުރައްވަނީ، ޞަލާޙުއްދީނެވެ. ސީދީ މިނިވަންކުރީ ޤާނޫނުއަސާސީ އިޢުލާނު ކުރުމަށްޓަކައި، ނެރުނު ޢަފޫޢާއްމު ގައެވެ.

ޤާނޫނުއަސާސީ އިޢުލާންކޮށް، ޤާނޫނީ ސަރުކާރު އުފެއްދިއިރު، ޞަލާޙުއްދީނަށް ޖަސްޓިސް މިނިސްޓަރުކަން ލިބިވަޑައިގަތެވެ. އޭނާގެ ދަރިކަލުން މުޙައްމަދު ސަޢީދު ދީދީއަށް، އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައިގަތެވެ. ޞަލާޙުއްދީނުގެ އަޚު، ދަރަވަންދޫގޭ ޢަބްދުﷲ ދީދީއަށް ބަންޑާރަ ނައިބުކަން ލިބިވަޑައިގަތެވެ.

މިގޮތުގައި ވަރަށް ކުޑަދުވަސްކޮޅެއްވީތަނާ، މުޙައްމަދު ސައީދު ދީދީ ކުށްވެރިވެ، ފަނޑިޔާރުކަމުން ވަކި ކުރެވިއްޖެއެވެ. އެޔާއެކު، ބޮޑުފެންވަޅުގޭ ސީދީއަށް ފަނޑިޔާރުކަން ދެއްވައިފިއެވެ. ހަމަދާދި އަވަހަށް، ޤާނޫނު ވީދާލައި، މޮޓަރުބޯޓުގެ ގަޑުބަޑުގައި ޞަލާޙުއްދީން މަޤާމުން ވަކިކުރައްވައިފިއެވެ. މިދުވަސްވަރު، ސީދީ ހެއްދެވި ރައިވަރެއްގައި އޮވެއެވެ.
"ގިތެލަށްވުރެން މާނުމިޒަ-ތިތެޅުނު ގުގަނޑު ފަހުންޅީމަ-ށިތެލޭސާފު ރަނގަޅީމަ"

މިރައިވަރުގައި ވިދާޅުވަނީ "ގިތެޔޮގުޅީ މަތިގަނޑު ތެޅުނުފަހުން، މިހާރު ގިތެލަށްވުރެން ރަނގަޅީ ސާފުމަށި ތެލެވެ." (ސާފުމަށި ތެލަކީ ކަރާސީނު ތެލެވެ.) މިއިންދޭހަވާ އެއްޗަކީ، މޮޅު، މީރު ގިތެޔޮގުޅީގެ މަތިގަނޑު ތަޅައިގެން ދިއުމުން، ގިތެޔޮގުޅި ކަރުވެއްޖެޔޭ، އެހެންވީމާ މިހާރު އެ ގިތެލަށްވުރެން ކަރާސީނު ތެޔޮ މާރަނގަޅެވެ. ގިތެޔޮ ގުޅީ ބޭނުންހުސްވީމާ، ކަރާސީނު ތެޔޮވެސް ކަމުދާގޮތް ވެއްޖެއެވެ. މިއީ، ވަރަށް ބުއްދިވެރި ފަލްސަފާވެރި ވާހަކައެކެވެ.

ކިތަންމެ ތަޢުލީމީ، ކިތަންމެ މޮޅު މީހެއްކަމަށް ވިޔަސް، އެމީހާގެ މޮޅުކަން އޮންނާނީ ކުށްވެރިނުވެ، ފިތުނަފަސާދަ ނުއުފައްދައި، ޤައުމަށް ޚިދުމަތްދޭ ހިނދެއްގައެވެ. ތިމާގެ މޮޅު ތިމާއަށް ފެނި، އަނެކުންނާމެދު ޙަސަދަވެރިވެ، ފަސާދަކޮށް، ޤައުމީ ޚިދުމަތުގައި ކޮޅުފައިންޖަހައި، އެކަހެރިވެގަތުމުން، ނުވަތަ ކުށްވެރިވުމުން އެމީހާގެ މޮޅުކަމާއި ތަޢުލީމީ ފާސްތަކުގެ އަގެއް ނުހުރެއެވެ. އެދުވަހު، އަގު ހުންނާނީ، ކެރޭ ހީވާގި ސާބިތު، ޚިދުމަތްތެރި ތަޖްރިބާވެރި ހޭލުންތެރި ޚިދުމަތްތެރީން ގެއެވެ. މިއަދު، ރާއްޖެއިން މިކަން އެބަފެނެއެވެ.

Read more...

"އެންމެނުބައި ދެވަބާ"

އިންޑިޔާގެ ކެރެލާސްޓޭޓުގައި 1959 ވަނައަހަރުތެރޭ ހިނގައިގަތް ސިޔާސީ ފަސާދަޔާގުޅިގެން، އިންޑިޔާގެ ބޮޑުވަޒީރު ޖަވާހިރުލާލު ނެހުރޫ، ކެރެލާއަށް ވަޑައިގެން ރައްޔިތުންގެތެރޭ ދެއްވި ތަޤްރީރެއްގައި ވިދާޅުވިއެވެ. "ޤައުމެއްގައި އަށަގަންނާނޭ އެންމެނުބައި ދެވަބާއަކީ، ދީނީ ތަޢައްޞަބާއި، ނަސްލީ އިމްތިޔާޒެވެ." މިއީ، ކެރެލާގައި ހިނގަމުންދިޔަ ހަމަނުޖެހުމުގެ އަސްލަށް އިޝާރާތް ކުރައްވާ ވިދާޅުވި އެއްޗެކެވެ. މިތަޤްރީރު ދެއްވީ 7 ޖޫން 1959 ގައެވެ.

މިޙަޤީޤަތް މިއަދު، ދިވެހިރާއްޖެއިންވެސް ހާމަވަމުން އެބަދެއެވެ. މިއަދު ދިވެހިރާއްޖޭގެ ފަސާދަވެފައިވާ ސިޔާސީ މަސްރަޙަށް ވިސްނާއިރު، އަސްލަކަށް އޮތީތީ ފެންނަނީ ދީނީ ތަޢައްޞަބާއި، ނަސްލީ އިމްތިޔާޒެވެ. މިވާހަކަ ތަންކޮޅެއް ސާފުކޮށް ބުނަމާ ހިނގާށެވެ.

ނެހުރޫ އެވިދާޅުވި "ދެވަބާ" ޢިޞްޠިލާޙީ ގޮތުން މާނަކުރާއިރު، ދީނާއި މަޒުހަބުގެ ވާދަވެރިކަން ނުފެށި ސާފުކޮށް އޮތް ޤައުމެއްގައި، އެކަން ފެށިގެން އައުމާއި، ހަމަހަމަ އިޖްތިމާޢީ އަދި ޤާނޫނީ އިންސާފުވެރި ސިޔާސަތެއްނެތި ވެރިކަމުގެ ފަރާތުން ޢާއިލީ ޒާތީ ސިޔާސަތެއް ގެންގުޅުން، އޭގެތެރޭގައި ހިމެނޭނެއެވެ. މިދެވާހަކަ އެއްގަލަކަށް އަރުވާނަމަ، ދީނަކީ ސިޔާސީ އެންގަނޑަކަށް ހަދައިގެން ވެރިކަން ދިފާޢުކޮށް، އެތެރެކޯލާއި ގަނޑުވަރު ތެރޭގެ ޝާހީޚުދުމުޚުތާރު ވެރިކަން ހިންގުމަކީ އެއީކަމަށް ވާނެއެވެ. މިއަދު، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާވެސް ނިކަމެތިކަމެއް ފެށިގެން އައީ މީގެތެރޭންނެވެ.

މީގެ އަނެއްކޮޅަށް ވާހަކަ ދައްކާނަމަ، ޢަދުލު އިންޞާފު ޤާއިމްކޮށް، އިޖްތިމާޢީ ހަމަހަމަކަން އުފައްދައި، މަޝްވަރާގެ އުސޫލުން، ޤާނޫނީ ސަރުކާރެއް މިނިވަންކަމާއެކު ހިންގަމުންނުދާ ކޮންމެ ތަނެއްގައި، ކަންހިނގަމުންދާނީ، މިއަދު މިރާއްޖޭގައި ކަންހިނގަމުންމިދާ އުސޫލުންކަމަށް ބުނަންޖެހޭނެއެވެ. ދީނީ، މަޒުހަބީ، ނަސްލީ، ޤާނޫނީ ވާދަވެރިކަމަކީ ހުރިހާވެސް ނުބައެއްގެ ފެށުމެވެ.

މިއަދު، ރާއްޖޭގެ ކޮންމެމީހަކީވެސް، ދީނީ ވަކި ފިކުރެއް ގެންގުޅޭ މީހެކެވެ. ވަކިނަސްލެއްގެ ވަކި ޢާއިލާއެއްގެ ބޮޑުންނާއި އެމީހުނާ ތަބާވާ މީހުންނަށް ނޫނީ ހިންދަމައިލެވޭކަން ނެތެވެ. ޤާނޫނަކީ އިންސާފަކީ، ވަކިބައެއްގެ މަޞްލަޙަތަށް ރިޢާޔަތް ކުރެވޭ އެއްޗެކެވެ. ޙައްޤުބަސް ބުނާ، ނުވަތަ އާމީން ނުކިޔާ އެންމެންނަކީ ނިކަމެތީންނެވެ. މިޤައުމުގެ ފަސާދައިގެ އަސްލު އުފެދެނީ މީގެތެރެއިންނެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މި މަންޒަރެވެ.

މިރާއްޖޭގައި، ދީނީ ތަޢައްޞަބާއި، ނަސްލީ އިމްތިޔާޒުގެ ސަބަބުން އުފެދިފައިމިވާ ފަސާދައިގެ ނުރައްކާތެރިކަމުން، ޤައުމު ސަލާމަތްވާނެ ދުވަހެއްވެސް އަދި ނޭނގެއެވެ.

Read more...

ޑިއުޓީއާއި ޓެކްސް

މަޝްހޫރު މުސްކުޅިބަންޑާރައިން އަވަހާރަވެ، އެރަދުންގެ ހަގުދަރިކަލުން އިބްރާހީމް ނޫރައްދީނަށް ރަސްކަން ލިބިވަޑައިގަތީ 1882މ. ގައެވެ. އެއިރު ބޮޑުވަޒީރަކީ، ކަކާގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. ބޮޑުބަނޑޭރިއަކު ނުހުރެއެވެ. މިހެންވުމާއެކު، އިބްރާހީމް ނޫރައްދީން ރަދުން ސިޓީފުޅެއް ފޮނުއްވައިގެން، އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު މާލެގެންނަވައިފިއެވެ. ގެނެސް ބޮޑުބަނޑޭރިކަން ދެއްވައިފިއެވެ.

އޭގެ ދުވަސްތަކެއްކުރީން އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ސިލޯނުގެ ގާއްޔަށް ވަޑައިގެން ގޮތަށް، އެހާތަނާ ޖެހެންދެން ހުންނެވީ ގާލީގައެވެ. ސަބަބަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ބައްޕަ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު، ބޮޑުބަނޑޭރިކަން ދޫކޮއްލައްވައި، މުސްކުޅި ބަންޑާރައިންގެ ދުވަސްވަރު، ގާލީގައި ދިރިއުޅުއްވަމުން ގެންދެވުމެވެ. އަލިކިލެގެފާނު ވަޒީފާ ދޫކޮއްލައްވައި، މުއްސަނދިކަމާއެކު ގާލީގައި ވަޒަންވެރިވީ، ރާއްޖޭގެ ބޮޑުބާޒާރުގެ ވިޔަފާރި، ދާއިމީގޮތެއްގައި ބިދޭސީންނަށް ދިނުމާ ގުޅިގެންނެވެ. މިކަން ކުރެއްވީ، ބޮޑުވަޒީރު ކަމުގައި ހުންނެވި، ކަކާގޭ ޢަލީ ރަންނަބަޑޭރި ކިލެގެފާނެވެ. މުސްކުޅި ބަންޑާރައިންގެ ރުހުންފުޅާ އެކުގައެވެ. ބިދޭސީ ވިޔަފާރިވެރިން ރާއްޖޭގައި ވަޒަންވެރިވުމުން، ޢަލީ ދޮށިމޭނާ ކިލެގެފާނު ރާއްޖެ ދޫކޮއްލެއްވީއެވެ.

ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ދެއްވިއިރު، ހަމަޖައްސާފައިވަނީ ޑިއުޓީގެ އުސޫލެވެ. އެތެރެކުރާ މުދަލުގެ ބާރަބައިކުޅަ އެއްބައި، ސަރުކާރަށް ނަގާ ގޮތަށެވެ. މިބަޔަށް މިދެނީ ނަގުދެއްނޫނެވެ. މުދަލެވެ. ކާޑާއި ފޭރާންފަދަ ބާވަތްތަކެވެ. މިހެންވުމުން ސަރުކާރަށް ނަގުދުފައިސާ ލިބޭގޮތެއް ނުވެއެވެ. ނަގުދު ހޯދަނީ، ވޯރާއިންގެއަތުން ދަރަންޏަށެވެ. (މިހާރުނަމަ ލޯނެވެ.)

އިބްރާހީމް ނޫރައްދީންގެ ރަސްކަމަށްޖެހި، އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ގެންނަވައި ބޮޑުބަނޑޭރިކަން ދެއްވިއިރު، ވަރަށްބޮޑަށް، ވޯރާވިޔަފާރި ވެރިންނަށް ސަރުކާރު ދަރާ އޮތެވެ. ބާރަބައިކުޅަ އެއްބައިގެ ޑިއުޓީއަށް، ލިބޭ މުދަލުގެ ބައެއް ވިއްކިޔަސް، ސަރުކާރު ހިންގާނެ އެއްޗެއް ނުލިބޭނެއެވެ. ދަރަނި އަދާކުރެވޭނެ ގޮތެއްވެސް ނުވާނެއެވެ. މިހެންވުމުން، ބޮޑުބަނޑޭރި އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ގަސްތު ކުރެއްވީ، އަހަރަކު އަށްޑިހަހާސް ރިހިރުފިޔާގެ އަގަށް، މުޅި ވިޔަފާރި، އެއްކުންފުންޏަކަށް ވިއްކާލުމަށެވެ. ޑިއުޓީ ހުއްޓާލުމަށެވެ. ނަމަވެސް، ރަދުންނާއި، ބޮޑުވަޒީރު މިއުސޫލަކާ ރުހިވަޑައެއްނުގަތެވެ. ނޫރައްދީން ބަންޑާރައިން ރަސްކަމުން އިސްތިއުފާ ދޭންޖެހިވަޑައިގަތީ މިމައްސަލާގައެވެ. އެއީ 1886މ. ގެ އެންމެ ފަހުކޮޅެވެ. ދެން ރަސްކަން ލިބިވަޑައިގަތީ ކުޑަބަންޑާރައިންނަށެވެ.

މިރަސްކަމުގައި އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ގަސްތުކުރެއްވީ، ޑިއުޓީ ނެގުން ހުއްޓާލައި، ހުރިހާ ވޯރާއިން އަހަރަކު އެއްލައްކަ ރިހިރުފިޔާ ސަރުކާރަށް ދައްކާ އުސޫލު ހަމަޖެއްސުމަށެވެ. ނަމަވެސް، ރަދުންނާއި ބޮޑުވަޒީރު ރުހިވަޑައެއްނުގަތެވެ. ބޮޑުހުޅުގެ ޙާދިސާއާއި، ޙިމާޔަތުގެ ދަށަށް ދިއުން، އުފެދިއައީ، މިމައްސަލާގައެވެ. މިހިސާބުން ޓެކުހުގެ ވާހަކަ ހުއްޓުނީއެވެ. އަނެއްކާ މިހާރު މިއުޅެނީ ފެށިގެނެވެ.

Read more...

"ތަޢުލީމީ އޮނިގަނޑު"

މިނިސްޓްރީ އޮފް އެޑިޔްކޭޝަންގެ ފަންނީ މުއައްޒަފުންގެ "ތަޢުލީމީ އޮނިގަނޑު" އުފައްދަން ހާދަ ދުވަހެއްނަގައިފިއެވެ. އަންހެނަކު ބަލިވެ އިނދެގެންވެސް 9 މަހާ 10 ދުވަސް ފުރާ ކުއްޖަކު ވިހައެވެ. "ތައުލީމީ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑާއި މަސައްކަތު އޮނިގަނޑު" ހަދަން އުޅޭތާ ތިންއަހަރެވެ. މިއީ، މިދައުރުގެ ސަޤާފަތެކެވެ.

ޤާނޫނުއަސާސީ ހަދަން 17 އަހަރެވެ. އިސްލާޙީއެޖެންޑާއަށް ފަސްއަހަރެވެ. ޤުރުއާން ތަރުޖަމާ ނެރެން 30 އަހަރެވެ. ޗާޓްކުރަހަން 25 އަހަރެވެ. "ތަޢުލީމީ އޮނިގަނޑު" ގައި ފާލީސް ލާންވެގެން އެހެން ދެމިނިސްޓަރުންވެސް ބައިވެރި ކުރާން ޖެހިއްޖެއެވެ. އައްޑުއަތޮޅު ވިލިގިލީގައި ރިސޯޓެއް ހެދުމެކޭ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމެކޭ "ތަޢުލީމީ އޮނިގަނޑު" ހެދުމެކޭ ހަމައެއްގޮތެވެ. ދެން މިވަރުގެކަމެއް ފެނުނީ، ކޮލެޖް، ޔުނިވަރުސިޓީއަކަށް ބަދަލުކުރުމާއި، ސަރުކާރު މުއައްޒަފުންގެ ހެލްތު އިންޝުއަރެންސް ސްކީމު ހެދުމުގައެވެ. މިނިސްޓްރީ އޮފް އެޑިޔްކޭޝަނުން ކުރާ ކަންކަމެކޭ، ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ" އެކޭ ތަފާތެއްނެތެވެ. އެންމެ ވައްތަރީ ކޮމިޑީ ފިލްމަކާއެވެ. ކުޑަވަރެއްގެ ދެތިން މިސާލު ގެނެސްދެން ހެއްޔެވެ.

އއ.މާޅޮހު މަދުރަސާގެ އެސިސްޓެންޓް ހެޑްމާސްޓަރު ކަމުގައި ހުރިމީހާ، އަބަދުވެސް މަސައްކަތް ކުރަނީ މާލޭގައެވެ. އޭނާގެ މުސާރަ ފޮނުވަނީ މާޅޮހު އޮފީހަށެވެ. އޭނާގެ މަސައްކަތަކީ، ހުޅުލޭ އެއަރޕޯޓަށް އަންނަ ބިދޭސީ ޓީޗަރުން، އެތަނުންގެނެސް، މާލޭ ކުލީގޭގޭގައި ބައިތިއްބުމެވެ. އެގޮތަށް އުޅުނު ދުވަސްވަރު، މާޅޮހުގައި ހުއްޓާ ކުއްލިއަކަށް މާލެ އަންނަން ޖެހިއްޖެއެވެ. ދެން ޚަބަރު ލިބުނީ، މާލޭގައި މަސައްކަތްކުރާ ރަށްފުށު ޓީޗަރުންނަށް ހިޔާވަހިކަންދޭ، ވިލިމާލޭ އެދުރުވެހިން އއ.މާޅޮހު މަދުރަސާގެ އެސިސްޓެންޓް ހެޑްމާސްޓަރަށް ފްލެޓެއް ލިބިއްޖެ ކަމުގައެވެ. ވީއިރު، މާލޭގައި ކިޔަވައިދޭ ރަށްފުށު ޓީޗަރުން، އެއްގޭ އަސްކަނިދަށުން އަނެއްގޭ އަސްކަނިދަށުން ހިނގާތާ ވިހިފަންސަވީސް އަހަރެވެ. ރަނގަޅުދޯއެވެ. ދެން އެހެން ކަމެކެވެ.

އއ.މާޅޮހު މަދުރަސާއަށް ވަގުތީ ދެޓީޗަރުން ބޭނުންވެގެން އިޢުލާން ކުރުމުން، ޖީސީއީ. އޭލެވެލުން ފާސްވެފައިވާ ކުއްޖަކާއި، އޯލެވެލްގައި އިށީންދެ ސެޓްފިކެޓް ނުލިބޭ ކުއްޖަކު ސިޓީލިއެވެ. ވަޒީފާދިނީ، އޯލެވެލް ކުއްޖާއަށެވެ. އޭލެވެލް ކުއްޖާއާއި އޭނާގެ ބައްޕަ، އެޑިޔުކޭޝަނަށްގޮސް ޝަކުވާ ކުރުމުން، އެޑިޔުކޭޝަނުން ބުނިކަމަށްވަނީ "އޭނާއަށް އެހެންރަށެއްގެ ޓީޗަރުކަން ލިބިދާނެއޭ، އޭނާއަށް މާޅޮހު ޓީޗަރުކަން ދިނުމެކޭ، އަނދައަނދާހުރި އަލިފާން ގަނޑަކަށް ތެޔޮއެޅުމެކޭވާނީ އެއްގޮތެވެ." އަލިފާނާ ފެނާ ވަކިކުރަން މިއީ މޮޅުބައެއްކަން މިހާރު މިއޮއް އެނގެނީއެވެ.

މިކަމަކީވެސް އެއްކަލަ އެސިސްޓެންޓް ހެޑްމާސްޓަރުގެ ނުފޫޒެވެ. އޭނާ ޚާއްޞަ މަޖިލީހަށް ހޮވިގެން އެއްއަހަރު ވިއިރުވެސް ހުރީ، މާޅޮހު މަދުރަސާގެ އއ. ހެޑްމާސްޓަރުކަމުގައެވެ. ޝުކުރިއްޔާ!!

Read more...

ދުސްތޫރާއި، އިރުވަރު

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ، އޭރުގެ ރަދުން ތަޞްދީޤުކުރެއްވީ 1351 ޝަޢުބާންމަހު 17 (1932 ޑިސެމްބަރ 16) ވީ ހުކުރުދުވަހު 2 ޖެހިއިރުއެވެ. އިރުވަރުގެ ގޮތުން ބަލާއިރުއެއީ ރަނގަޅު ވަގުތެއްނޫނެވެ. އެޤާނޫނުއަސާސީ އިޢުލާންކުރީ، ޝަޢުބާންމަހު 23 (ޑިސެމްބަރ 22) ބުރާސްފަތިދުވަހު 9 ޖެހިއިރުއެވެ. ޑިސެމްބަރ 22 ދުވަހަކީ، އިރުވަރުގެ ގޮތުންބަލާއިރު، އަހަރުތެރޭ އަންނަ ނުބައި ދުވަސްތަކުގެ ތެރޭން އެއްދުވަހެވެ. އެޤާނޫނުއަސާސީ ދިރިދެމިއޮތީ ދިހަވަރަކަށް މަސްދުވަހުއެވެ.

މިހާރުމިއޮންނަ، ނޫ ޤާނޫނުއަސާސީ ފާސްކުރީ 1997 ނޮވެމްބަރ 6 (1418 ރަޖަބު 6) ވީ ބުރާސްފަތި ދުވަހުއެވެ. މިއީވެސް އިރުވަރުގެ ގޮތުން ބަލާއިރު ރަނގަޅު ދުވަހެއްނޫނެވެ. މިޤާނޫނުއަސާސީ ތަޞްދީޤުކުރީ ނޮވެމްބަރ 27 (ރަޖަބު 27) ބުރާސްފަތި ދުވަހުއެވެ. މިއީވެސް އިރުވަރުގެ ގޮތުން ބަލާއިރު، ރަނގަޅު ދުވަހެއްނޫނެވެ. މިޤާނޫނުއަސާސީ މިއޮތީ ދިހަވަރަކަށް އަހަރުއެވެ.

މިހާރު މިއިޞްލާޙުކުރާ ޤާނޫނުއަސާސީ ފާސްކުރީ 26 ޖޫން 2008 (22 ޖުމާދުލްއާޚިރާ 1429) ބުރާސްފަތިދުވަހުގެ 9 ގަޑި 30 އެހާކަންހާއިރުއެވެ. މިއީ އިރުވަރުގެ ގޮތުން ބަލާއިރު ރަނގަޅުވަގުތެކެވެ. އެދުވަހަކީ އަދަނަކަތުން 10 ވަނަދުވަހެވެ. މިތުނަރާހިން 18 ވަނަ ދުވަހެވެ. ޝަރުޠާން (ކެންސަރ) ބުރުޖުން 5 ވަނަ ދުވަހެވެ. މިދުވަހު 9 ޖެހީމާ ހުންނާނީ ޒުހުރާ (ވީނަސް) ސާޢަތެވެ. މިއީ ލޯބީގެ (ހަންހާރަލިބޭ) ސާޢަތެކެވެ. ބުރާސްފަތިދުވަހު އިރުއަރާއިރު ހުންނާނީ މުޝްތަރީ (ޖުޕިޓަރ) ސާޢަތެވެ. މިއީ، ރަނގަޅު ސާޢަތެކެވެ. ބުރާސްފަތި ދުވަސް، ސަންސުކިރުތު ބަހުން މާނަކުރަނީ "ރަނގަޅު ކަންކަން އިލާހާ ހަމައަށް ގެންގޮސްދޭބާރު" ގެ ގޮތުގައެވެ. ރޯމަނުންގެ ގާތުގައި، ހަފްތާއިން ދެވަނައަށް އެންމެ ރަނގަޅު ދުވަހަކީ ބުރާސްފަތި ދުވަހެވެ.

މީގެއިތުރުން ޖޫންމަހު 26 ދުވަހަކީ ރަނގަޅު ދުވަހެކެވެ. ޖޫން 23 ދުވަހުން ފެށިގެން އިރު އަންނަނީ މެދުރޮނގާ ގާތަށެވެ. އިރު އުތުރަށްގޮސް އުތުރުކަނުގައި ޖެހުނީ ޖޫން 21 ދުވަހުއެވެ. 22 ދުވަހުވެސް އިރުހުރީ ހަމަ އެދަނޑީގައެވެ. އެއީ މެދުންއުތުރުގެ 23.28 ޑިގްރީއެވެ. ނަމަވެސް ޖުމާދުލްއާޚިރާ ("ފަހުއާޚިރު") މަހަކީ ރަނގަޅުމަހެއް ނޫނެވެ.

މިޤާނޫނުއަސާސީ، ތަޞްދީޤުކުރުމަށްޓަކައި، ފޮނުވާނެކަމަށް ބެލެވެނީ 3 ޖުލައި (29 ޖުމާދުލްއާޚިރާ) ބުރާސްފަތި ދުވަހެވެ. ފަހު އާޚިރު މަސް ހުސްވާދުވަހަކީ ނުބައި ދުވަހެކެވެ. މިއަށްވުރެ ރަނގަޅީ 6 ޖުލައި (3 ރަޖަބު) އާދީއްތަ ދުވަހެވެ. އެދުވަހުގެ 2 ގަޑި 10 ގެ ފަހެވެ. ނޫނީ ހެނދުނު 7 އާ 8 އާ ދެމެދެވެ.

މިޤާނޫނުއަސާސީ ތަޞްދީޤު ކުރާނެކަމަށް ފެންނަނީ 10 ޖުލައި (7 ރަޖަބު) ބުރާސްފަތި ދުވަހުއެވެ. އެއީ ރަނގަޅު ދުވަހެކެވެ. އެއީ ފުނޯސް ނަކަތުން 10 ޝަރުޠާނުން 19 މިތުނައިން 32 ދުވަހެވެ.

Read more...

ސިޔާސީބޯ

ސިޔާސީބޮލޭ ބުނެވޭ ބަހުގެ މާނައަކީ، ބޮލުގައި ބޮޑު އިސްތަށިގަނޑެއް އޮތުމެއްނޫނެވެ. އިސްތަށިގަނޑުގައި ފާޑުފާޑުގެ ކުލަ ޖެއްސުމާއި، ބޯބޭލުމެއްވެސް ނޫނެވެ. ބޮޑުހުޅިއެއް ޖަހާފައި އޭގެމަތީ ޙިޖާބު އެޅުމެއްވެސް ނޫނެވެ. މިތާގައި މަޖާޒީ ގޮތުން ބޮލޭ ބުނަނީ ސިކުނޑިއަށެވެ. ބުއްދިއާއި ވިސްނުމާއި ފިކުރަށެވެ. ސިޔާސީބޯ، މާނަކޮއްދެނީ، ސިޔާސީ ވިސްނުން (ނުވަތަ ސިޔާސީ މަކަރު) ހުރުމާއި ނެތުމެވެ.

މިސާލަކަށް، އެމެރިކާގެ ރައީސް ބީ.ކްލިންޓަންގެ ދެދައުރު ނިމުނުއިރު އެމެރިކާވަނީ ހުރިހާ ރޮނގަކުންހެން ތަރައްޤީވެފައެވެ. ނަމަވެސް، ރައީސް ބުޝްގެ ފުރަތަމަ ދައުރު ނިމޭކޮޅަށް އައިސް އަސުރުދަންމަތިވިއިރު، އޭގެ އިދިކޮޅުވަނީ ފެނިފައެވެ. ހުރިހާ ރޮނގަކުން ދަށަށް ގޮސްފައެވެ. އޭގެ ސަބަބުން، ޕާޓީއާއި ބުޝްވަނީ، އެމެރިކާގެ ސްޓޭޓްތަކުގެ ކުރިމަތީ ވެއްޓިފައެވެ. އެހިސާބަކީ، ބުޝްގެ ސިޔާސީ މަކަރު (ނުވަތަ ސިޔާސީ ވިސްނުން) ފެންމަތި ކުރި ހިސާބެވެ.

ބުޝްގެ ސިޔާސީ މަކަރުގެ ބޭނުމަކީ، ވެއްޓިފައިވާ ތާއީދު އަނބުރާހޯދުމެވެ. އެޕްލޭނުގެ ދަށުން، ފުރަތަމަވެސް، ފަލަސްޠީނުގެ ރައީސް ގޭބަންދުކުރީއެވެ. ދެން، ޢިރާޤު ތަޅާލައި ޞައްދާމު ވައްޓާލީއެވެ. އޭގެފަހުގައި، އަފްޣާނުގެ ޠަލާބާނުން ބަލިކޮށް، ބިންލާދިން އާއި، މުއްލާޢުމަރު ފަހާނަގާލީއެވެ. މިހިސާބަށް ދިޔައިރު، އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެއްޖެއެވެ. ވެއްޓިފައިވާ އިޤްތިޞާދާއި، ޓްރޭޑްސެންޓަރު ބިމާ ހަމަކޮށްލުމާއި، ޕެންޓަގަންގެ އެއްގުނަވަން ނެތިދިއުން، އެމެރިކާ ރައްޔިތުންގެ ހިތްތަކުން ފުހެވިއްޖެއެވެ. ބުޝްގެ ތާއީދު އޮތީ އަރައިފައެވެ. ނަތީޖާއަކީ، ބުޝް ދެވަނަ ދައުރަކަށް އިންތިޚާބު ވުމެވެ. މީގެ އަނެއްކޮޅަކީ، މެލޭޝިޔާގެ ބޮޑުވަޒީރު ބަދާވީއެވެ. އެތައްދައުރަކަށް ޕާޓީއަށް ކާމިޔާބު ހޯއްދަވައި ދެއްވި، މަހާތީރު މުޙައްމަދު، ބަދާވީއާ ބޮޑުވަޒީރުކަން ހަވާލު ކުރުމުން، ޕާޓީގެ ބޮޑުންތައް ވަކިވެ، ޕާޓީވެއްޓި، ބަދާވީގެ ކެރިއަރ އެއޮތީ ހުއްޓުމަކަށް އައިސްފައެވެ. މިއީ، ސިޔާސީ ބޯހުރުމާއި ނެތުމެވެ. މިރާއްޖެއާ ދިމާއަށް ނަޒަރެއްދޭށެވެ.

މިއަދު މިތިބަ މީހުންނާށް ފެންނަނީ، ރައީސްމައުމޫނުގެ ސިޔާސީ ބޯހުރިވަރެވެ. ރައްޔިތުންގެ މަންދޫބުންގެ ބޯނެތްވަރެވެ. ޤާނޫނުއަސާސީ އާއި، ޤާނޫނުތައް ހެދުމުގައެވެ. ރައީސްގެ އިޚްތިޔާރު ތަކާއި، ބަޖެޓާމެދުގައެވެ. ހަމައެކަނި ސިވިލް ސާވިސްގެ ޤާނޫނާމެދު ވިސްނާށެވެ. ސިވިލް ސާވިސްގެ ޤާނޫނާއެކު، ސިޔާސީ ދާއިރާގެ މުއައްޒަފުންގެ ޤާނޫނާއި، ސަރުކާރުގެ އެންމެހައި މުއައްޒަފުންގެ މުސާރައިގެ ޤާނޫނު ތަޢާރަފު ނުކުރެވުނު ކަމުގެ މޮޔަކަން މިއަދު މިއޮތީ ހާމަވެފައެވެ. މިއަދު، ސިވިލް ދާއިރާގައި، އެއްވެސް މުއައްޒަފަކު އުޅޭކަށް ބޭނުމެއް ނުވާނެއެވެ. މިހާރު ރެފަރެންޑަމްވޯޓެއް ނެގިޔަސް، ސިވިލް ޤާނޫނު އުވާލަން ފާސްވާނެއެވެ. މިއަދު، ސިޔާސީ ދާއިރާގެ މުއައްޒަފުންގެ މުސާރައިގެ ނިސްބަތަށް، ސިވިލް ދާއިރާގެ މުއައްޒަފުންގެ މުސާރަ ގެނެސްފިނަމަ، ރާއްޖޭގެ އިޤްތިޞާދު ވަގުތުން އިނދަޖެހޭނެއެވެ.

Read more...

"އަޅުވާ ކިޔުމަކީ އިސްތިރިއެކެވެ."

މިބަސް، އިހުގައި ކިޔައިއުޅެނީ "ލާދީ މޮށުމަކީ އިސްތިރިއެކެވެ." މިގޮތަށެވެ. މިހާރު މިޒަމާނަށްއައިސް، އެބަސް ތަރައްޤީވެގެން މިކިޔަނީ "އަޅުވާކިޔުމަކީ އިސްތިރިއެކެވެ." މިހެންނެވެ.

އަޅުވާކިޔުމޭ އޮތްބަހުގެ މުރާދަކީ، އަންހެނަކާ ފިރިހެނަކާ ދެމީހުންގެ ދެމެދުގައި އެއްވެސް ކަމެއް ނުހިނގަނީސް، އެދެމީހުންނާދިމާއަށް، އެދެމީހުން ހިތާވެގެން އުޅޭކަމަށް (އެހެން މީހުން) ކިޔުމެވެ. އިސްތިރިއޭ ބުނެވޭ ބަހުގެ މާނައީ، އަންހެނުންނާއި ފިރިހެނުންނާ ތަތްކުރާން ހަދާ ލޯބީގެ ފަންޑިތައެވެ. މިދެބަސް އެއްކޮށްގެން މިހަދާ މިސާލުބަހުގެ ދޭހައަކީ، މީހަކު ނުދެނެހުއްޓައި، އެމީހާ އެހެންމީހަކާ ހިތާވެގެން އުޅޭކަމަށް ކިޔުމަކީ ލޯބީގެ ފަންޑިތައެއް ކަހަލަ (ޔަޢުނީ، އެދެމީހުން ހިތާވެދާނެ) ކަމެކެވެ. މިއުސޫލުން ހިނގާ އެހެން ކަންކަމާމެދުވެސް، މިމިސާލު ބޭނުން ކުރެއެވެ.

މިސާލަކަށް، މީހަކު ސިޔާސީ ޕާޓީއެއް ނުހަދައި، ރިޔާސީ ކެންޑިޑޭޓަކަށްނުވެ، އިންތިޚާބަށް ކުރިމަތިލާނެކަމަށް އިޢުލާންނުކޮށް ހުއްޓާ އެމީހަކާ ދިމާއަށް ރައީސްކަން ހޯދަން މަސައްކަތްކުރާކަމަށް ގޮވުމަކީ ނުވަތަ ލިޔުމަކީ، އެމީހަކަށް އެކަން ލިބިދާނެކަމެކެވެ. މިހާރަކަށް އައިސް މިކަހަލަކަމެއް އެބަހިނގައެވެ. އެއީ، މާލީވަޒީރު އޮނަރަބަލް ޤާސިމް އިބްރާހީމަށް ނިސްބަތްކޮށް، ރައީސްކަން ހޯދަން އުޅޭކަމަށް ގޮވައި ލިޔެ ހެދުމެވެ. އެހާވަރަކަށް ޤާސިމު އިބްރާހީމާ ދިމާއަށް އެވާހަކަ ގޮވަންވީ ކީއްވެހެއްޔެވެ. އޭނާ ސިޔާސީ ޕާޓީއެއް ނުހައްދަވައެވެ. ރިޔާސީ ކެންޑިޑޭޓަކަށް ނުވެއެވެ. ރިޔާސީ ރޭހުގައި ވާދަ ކުރައްވާނެކަމަށް އިޢުލާނެއްވެސް ނުކުރައްވައެވެ. އެކަން ކޮށްގެން ތިބިމީހުންތިއްބާ އެމީހުނާ ދިމާއަށް އެވާހަކަ ނުގޮވައި ނުލިޔެ، ޤާސިމު އިބްރާހީމާ ދިމާއަށް ލިޔެ ހަދަނީ، ހިތްދަމައިގަންނަ ޖަޒުބާތެއް، ނޫނީ ޖެހިލުންވާގޮތެއް ހުންނަނީތާއެވެ. އަބަދުވެސް ޤާސިމް އިބްރާހީމާ ދިމާއަށް ވައްކަޅިން ބެލުން ނޫންކަމެއް ނުކުރެއެވެ.

މުސްކުޅީން ބުނާގޮތުގައި، ވައްކަޅީން ބަލަނީ ހިތާވާތީއެވެ. ހިތާވާނެ ނުވަތަ އަޅައިގަންނާނެ ސިފަތަކެއް ހުންނާތީއެވެ. އަންހެންކުއްޖަކު މާބޮޑަށް ދޮންނަމަ، ނުވަތަ އިސްތަށިގަނޑު މާބޮޑުނަމަ، ނުވަތަ އަނގަމަތި މާބޮޑަށް ރީތިނަމަ، ނުވަތަ ކަރުދޮށުގައި އިހިކަނދުރާގެ ރޫ ހުރެފައި ދޮންދޫމިހުރިނަމަ، ނުވަތަ ފޫކޮޅު ބޮޑުވެފައި ހިނގުން ރީތިނަމަ، ފިރިހެނުން އަޅައިގަންނަނާނެއެވެ. ވައްކަޅިން ބަލާނެއެވެ. ހިތްވެސް ކިޔާނެއެވެ. ޙަރަކާތްތަކުގައި ލޫޅާފަތި ގޮތްހުރެފައި، ވާހަކަދެއްކުމުގައި އޯގާތެރިކަން ހުރެފައި، ޠަބީޢަތުގައި މަޑުމައިތިރިގޮތް ހުރުމަކީވެސް މިފަދަ ކަމެކެވެ. ފިރިހެނުންގެވެސް މިކަހަލަ ސިފަތަކެއް ހުރެއެވެ.

އަހަންނަށް ހީވަނީ، ޤާސިމް އިބްރާހީމާ ދިމާއަށް އެވަރަކުން ވައްކަޅިން ބަލައި، އަޅުވާކިޔަނީ، އޭނާއަށްވުރެ މުއްސަނދިމީހަކު މިރާއްޖޭ ނެތިފައި، އޭނާއަށްވުރެ ބޮޑަށް އެހީތެރިވާ މީހަކުވެސް ނެތްއިރު، އޭނާއަށް މާލީވަޒީރުކަމާއި، ޚާއްޞަ މަޖިލިސްގެ ރައީސްކަން އޮތުމާއި، އެމްއެމްއޭގެ ގަވަރނަރގެ ޙައިސިއްޔަތުން ނޫޓްގައި ސޮއިކުރައްވާފައި ވުމުގެ ސަބަބުން، އެހެންހުރިހާ ދިވެހިންނަށްވުރެން ބޮޑަށް ޤާސިމު މަޝްހޫރުވީމާ ކަމުގައެވެ. އެކަމަކު، އަބަދު އަޅުވާ ކިޔަންޏާ.................

Read more...

އަނބިމީހާ

ދެމީހަކު އިނދެގެން އަހަރުވެސް ނުވަނީސް، އަނބިމީހާ ބަލިވެއިނދެ، ބައިގެންގޮސްފިއޭ. އެކަމަކު، އަނބިމީހާ ގަދަނުވަނީސް، ފިރިމީހާ ފުސްމޫނު ހަދާލައި ގެޔަށް ނައިސް ހުއްޓާލައިފިޔޭ. މިދެމަފިރީން ރުޅިވީ އަނބިމީހާގެ މާބޮޑު މައްސަލައެއް އޮވެގެނެއް ނޫނޭ. ވަލީވެރިމީހާގެ ކަންތަކާ ހެދިއޭ. ފަހެ، މިކަން މިހެން ހިނގުމުން، ފިރިމީހާ އެއްގޮތަކަށްވެސް އަނބިމީހާގެ ގެޔަކަށް ނުވަދެޔޭ، ކާންބޯކަށް ނުދެޔޭ، ހާލެއް ނުބަލައޭ، ރޭކުރާކަށްވެސް ނައުދެޔޭ.

މިކަމާހެދި، އަނބިމީހާ ކަންބޮޑުވެ، ފިރިމީހާ ހޯދަން މީހުން ފޮނުވާވެސް ނަޔޭ. ފިރިމީހާ ބުނެޔޭ، އަހުރެން ދާންވީ ތަނެއް ބުނެބަލަހަރޭ، ތިޔަގޭ އޮޅިގަނޑު ގިރާކޮއްފައެއް މަށެއް ނުވަންނާނަމޭ. އަނބިމީހާ އަންގަޔޭ، ތިޔައީ މަގޭ ހަލާލު ފިރިމީހާއޭ ދާންވީތަނެއް ބުނަނިކޮށް މަހިނގައި ދާނަމޭ. ބޮއްކުރާ ދޮށަށް އޮޑިކަނބާންވެސް މަމިހުރީ ތައްޔާރަށޭ، މަ ވަރަށް ލޯބިވެސް ވެޔޭ. އަހަރެން ކަލެޔާ އިނީ މީހަކު ބުނި ދެރަބަހަކަށްނޫނޭ، ހަމަ ހިތާވެގެނޭ. ތިޔަހެން ނުހަދާ އެކުއުޅޭން އަންނަހަރޭ.

މިކަމާހެދި، ފިރިމީހާގެ ރައްޓެހީން ކިޔަތޭ، މިޔަކީ މީހަކާ އިނދެގެން އުޅެވޭ ކަހަލަ އަންހެނެއްވާ ނޫނޭ، އަލަތު ފިރިމީހާއަށްވެސް ހެދީ އެހެނޭ، އަލަތު ލޯބިވެރިޔާ އާ މެދު، ކަންކުރީވެސް އެހެނޭ، އެއަންހެން މީހާގެ ވަލީވެރިމީހާޔާ، އޭނާގެ ގާތްތިމާގެ މީހުނާހެދި އެގެޔަކު ފިރިހެނަކަށް ނޫޅެވޭނެޔޭ.

މިމަގުން މިކަމެއް ހިނގަނިކޮށް، އަނބިމީހާގެ ވަލީވެރިޔާ ފަންސަވީސް ހޮޅުން ހަދާފައިވާ ރަށްމެދު ހޮޅުއަށްޓަށް ގޮސް ބުނެއްޕޭ، ތިޔަފާޑަކަށް އުޅޭނެ ކަމެއްނެތޭ، އިނދެގެން ރަނގަޅަށް އުޅޭން ނުކެރެންޏާ ވަރިކޮއްލަހަރޭ، އެހެންނޫނީ ރަނގަޅަށް ދެމަފިރިން އުޅޭން އަންނަހަރޭ. ރަށުގެ ވެރިކަމުގެ ފަރާތުންވެސް ފިރިމީހާ ކޮބައިތޯ ސުވާލު ކުރެޔޭ، އެމަންޖެއަކަށް ދޭނެ ޖަވާބެއް ނޭނގެޔޭ. މިއީ ދެން ކިހާބޮޑު ކަމެއްހޭ.

މިހެންކީތާ ހުކުރު ހަތްދުވަސްވެސް ނުވެ އުޅެނިކޮށް، އަނބިމީހާގެ ގެޔަށް، ވަލީވެރިމީހާ އާއި، އައުލާދު މީހުން އެއްވެ ސައްލާ ކޮއްފޫއޭ، މިކަމެއް ހަމަޖައްސާންވެގެން. ފަހެ، މިބައިމީހުން ކިޔައިފޫއޭ، ފިރިމީހާ އެގޮތަށް ގެއަށްނައިސް، ކާންބޯންނުދީ، ރޭނުކޮށް އުޅެންޏާ އަޅާލާނެ ކަމެއްނެތޭ، އަންހެންކުއްޖާ އެހެން ފިރިހެނަކާ ހަވާލު ކުރަމޭ އަންނަހަރޭ. މިހެން ކިޔާފައި، އެއަންހެން މީހާޔާ އަލަށް އިންނާން އުޅުނު ފިރިހެންމީހާ ގާތު ބުނެފޫއޭ. މިއަންހެން ކުއްޖާޔާ ހަވާލުވަހަރޭ. އެފިރިހެންމީހާ ބުނެއްޕޭ، އާނފަހެ، މަމިހިރީ ތައްޔާރަށޭ، މަ އެހެންމީހަކާ ނީނދެވެސް މިހިރީ ތިކަމަކާ ހެދިއޭ، އަލަތު ލޯތްބަކީ ކެނޑޭއެއްޗެއްވެސް ނޫނިއްޔާއޭ. ދެން، މިބައިމީހުން މިފިރިހެން މީހާޔާ އެއަންހެންކުއްޖާގެ ހުރިހާ ކަމެއް ހަވާލު ކޮއްފޫއޭ. އޭރު، ފިރިމީހާއަށް ދޮންކަޅުވެސް ނޭނގެޔޭ.

މިކަމެއް ނިންމީމާ، ފިރިމީހާގެ ރައްޓެހިން ކިޔަތޭ، މީހެއްގެ ރޯހަލާލު އަންބަކު، ތިޔަހެން ހިލޭ ފިރިހެނަކާ ހަވާލުކުރެވިދާނެހޭ، ތިޔައީ މުޅީން މަނާކަމެކޭ، ތިޔަހެން އުޅެގެން ކުއްޖަކު ވިހައިފީވިއްޔާ ލައްވާނީ ރަށްމެދަށޭ.

Read more...

"ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ"

ބުއްދިވެރީން ބުނެފައިވެޔޭ "ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެޔޭ". ގުޑުގުޑު އަޅަނީ ނުފުރި ހުންނަ އެއްޗިއްސޭ. ބާރަށް މަތި ޖަހައިފައި ހުންނަ އެއްޗެއް، ހަލުވައި އަރިކޮށް ތަޅުވާލިއެއްކަމަކު، ބަންޑަކުން ނުދާނެޔޭ. ބަންޑުންވާނީ، ބާރަށްމަތިނުޖަހައި ހުންނަ އެއްޗިއްސޭ. މިހާރު މިދުވަސްވަރު މިޙަޤީޤަތް ރަނގަޅަށް އެބަ ހާމަވެޔޭ.

މިހާރަކަށް އައިސް، ފާދޮންފަޅޮލާއި، ދިގުބައްޓާއި، ކިޔުކަންބާގެ އަގުމައްޗަށް ގޮސް އަތް ނުފޯރާވަރު ވުމުން، ރަނގަޅަށް ފުރައި މަތިޖަހައި ނުހަދާހުރި ދިޔާތަކެތި، ގުޑުގުޑުއަޅައި ބަންޑުންވާން ފަށަތްޕޭ. ފަހެ، މިކަމާމެދު ނޫސްވެރިން ވަރަށް ކަންބޮޑުވެޔޭ. ނޫސްވެރިން ބުނެތޭ މިހާރުހުރީ، ބަރާބަރަށް ފުރައި މަތިޖަހާފައިހުރި ދޭއްޗާއި، ނުފުރި، މަތިނުޖެހި ހުރި ދޭއްޗޭ. ފުރިފައިހުރި ދޭތި ހަމަހުރިގޮތަށް އެބަހުއްޓޭ. ނުފުރިހުރި ދޭތި ގުޑުގުޑު އަޅަނިއްޔޭ.

ގުޑުގުޑުނާޅާ ދޭތީންކުރެ އެކަކު، އެހައްދުވަހު ބޮޑުމަޖިލިސްގެ މަންދޫބުންގެ ބަނޑުހަނޑޫ ފަސްސަތޭކަ އިންސައްތައަށް ބޮޑުކުޅަ މަހާސިންތާއަށް ވަޑައިގެން ވިދާޅުބަސްފުޅު އިއްވެވި ކަމަށްވެޔޭ، ތިޔަވަރު ބޮޑެއްނޫނޭ. ތިޔަމިންވަރަށް ކޮށާރުގައި ހަނޑޫ އެބަހުއްޓޭ. އަނެކަކު، އިއްޔެ ރަންތަބަކަށް އެއްބައިވަންތަކަން އަޅައިގެން އައިސް ލަފާލި ބައިގަނޑުގެ ކޮންމެ ބޮލަކަށް ދެލައްކަ، ޔަޢުނީ ދުއިސައްތަ ހާސް ރަންމޮހޮރީ ޖީބުންނަގައި ދެއްވަތްޕޭ. ކުޅިބަލާން ތިބި މުސްކުޅިވަރުގެ މީހުން ކިޔަތޭ، އަމީރުޙަމްޒާ ވާހަކައިގައި އަންނަ ޢުމަރު ޢައްޔާރެކޭ މީނައެކޭ އެއްގޮތޭ، ސުންބުއްޔަށް އަތްކޮއްޕާލައި، ބޭނުން އެއްޗެއް، ބޭނުން ވަރަކަށް އެއޮއްދެނިއްޔޭ.

އެކަމަކު، ގުޑުގުޑުއަޅާ ދޭތީން ކުރެ އެކަކު ބުނެޔޭ. ފާފަޅޮލާއި ކިޔުކަންބާއާއި ދިގުބަށީގެ އަގު އަތްނުފޯރާވަރަށް އުފުލުނިއްޔާވާ ކުރާނީ ކީއްހޭ، އިންޓަރެސްޓާއި އެކްސްޗޭންޖާ ކުޅެލައިފި ވިއްޔާ، ކުޑަކުދީން ފުއްޕާހަމާ ކުޅޭއިރެކޭ ވާނީ އެއްގޮތޭ. ވަރަށް އަވަހަށް ތިރީސް ރިސޯޓަށް ދޮންމީހުން ނުގެނެވިއްޖެއްޔާ ދަރާވިކިދާނެޔޭ. ދަރަންޏަށް ދޭންޖެހޭނީ، މަގޭ ފޮރުވާފައި ހުރި ލާރިކޮޅޭ. އަނެކަކު އިއްޔެ ބުންޏޭ. ބަނޑުހަނޑޫދިނުމާ މަގޭވަހާލުވެގެން ހުރީ އަންޒަމާނު ރަސޫލު ޒަމާނުއޭ، އޭރު އެދުވަހު އެތެރެ ކުރާ މުދަލުން ބަންޑާރަ ފިހާރައަށް މަޢުމޫލު ނެގިޔަކަސް، މިހާރު މިއީ ފަހުޒަމާނޭ މިހާރު ނަގަންވާނީ ޖިޒީޔޭ. އޭރު އެޒަމާނު، މުއްސަނދިން މަހުޖަންވާ ބިންމައްޗަށްބަރު ފެންމައްޗަށްލުއި ވިޔަފާރީގެ ސިޔާސަތު އޮތަކަސް ވަރިހަމައޭ، މިހާރު މިފަހު ޒަމާނު އޮންނަންވާނީ، އަތްމައްޗަށް ލުއި އެނދުމައްޗަށްބަރު، ސަލާންދޭ މީހުން ރިސޯޓްހަދާ ސިޔާސަތޭ.

މިވާހަކަތައް އަޑުއަހާން ހުރެފައި، ކަންމަތީ ފިހާރާ މިނެކިރާމީހާ ބުންޏޭ، މިފިހާރާގައި ކަރާސީނު ތެލާއި ގިތެލާއި ފިއްލެޔޮ ހުރީ އެންމެ ދިހަދުވަހަށް ވާވަރަށޭ. ތެޔޮ ހުސްވެއްޖިއްޔާ ޖެހޭނީ ކުޅުޖަހާށޭ.

Read more...

އަޅިކެނޑިޔާއި ނަރުދަމާ

ދުނިޔެ ނިމުމުގެ ޢަލާމާތެއްގެ ގޮތުން، ބޮޑެތި މީހުން އެނދުއަށި ތަންދޮށު ހިނގާވަރަށް ކުރުވާނެ ވާހަކައާއި، ކުކުޅުފަތުން ރިޔާނަގައިގެން އޮޑިދޯނިފަހަރު ދުއްވާނެ ވާހަކަ މުސްކުޅީން ކިޔާ އުޅެތޭ. މިހާރު މިދުވަސްވަރު މިފަދަ އަލާމާތްތައް އެބަފާޅުވެޔޭ.

އޭގެ ތެރޭން އެއްކަމެކޭ، ވަންދޫ ގާތުގިރި ގޮއްވާލީމާ އެރި ވެލިތައް މައްޗަށްގޮސް، އޯޒޯން ފަށަލާގައި ހުރި ބާގަނޑުތައް ބެދި، ދިވެހިރާއްޖޭގެ ހޫނުމިން ދަށަށް ދިއުން. އެކަހަލަ އަނެއްކަމަކީ ފެންކުންފުނިން ބޮޑުއަގުގައި ފެން ވިއްކައިގެން ވާފައިދާގެ ބޮޑުވާހަކަ އިއުލާން ކުރީމާ، މުޅި ރާއްޖޭގެ ހުރިހާ ފެންވަޅުތަކުން ވޯޓަރސަޕްލައި ފެން ހިލޭ ލިބުމޭ. ދެން އޮތްކަމަކީ، އަހަރަކު ސެކަންޑުހޭންޑް 10 ޖަނަރޭޓަރު ރަށްފުށަށް ހަދިޔާކުރީމާ، މުޅިރާއްޖެއަށް ސައުވީސް ގަޑިއިރު ކަރަންޓްގެ އަލިކަން ލިބުމޭ. އަދިވެސް މިކަހަލަ ކަމެއް އެބައޮތޭ، އެއީ މިދާދި ފަހަކުން ބެޓްރީކާރެއް އިފްތިތާޙުކުރުމޭ، ހަމަ ކޮއްލާއިރަށް އިނާރޖީގެ މައްސަލަ ޙައްލުވެއްޖޭ. ޖަޕާނުގެ ސައެންސްވެރިން ރާއްޖޭގައި ދުއްވަން ލޮނުބޭނުން ކޮށްގެން ދުއްވާ ކާރުހަދަތްޕޭ. ދެން އިޢާދަ ކޮށް މުރާޖިޢާ ކުރާ ހަކަތަ އުފައްދައި ހައްދުން މަތީގައި ފަންކާތަކެއް އަނބުރާލީމާ، އޯޕެކުން އުފައްދާ ތެލުގެ އަގު ވެއްޓިއްޖެޔޭ.

މިކަންކަން މިހެން މިހެދީ، މިހަދަންއުޅޭ ބޮޑު ޑިމޮކްރަސީ ގެ މަގުޗާޓު ފޭލިނުވެ އޮތީމާ ހާޞިލް ކުރަންވެގެނޭ. މިކަން ނިންމާއިރަށް، ގަހަކުން ވަޔާ ހިކިފަތް ތަޅާލިހެން، ފެހިފަތާއި އެވޯޑުތައް އައިސް ލައިގެންފިޔޭ. ފެހިފަތްތައް ބުންޏޭ، ދެން ސަލްޓަންޕާކުގައި ހުރި ހުރިހާ ގަހެއް ކެނޑިޔަސް ހެވޭ މާލެ އޮންނާނީ ފެހިވެފައޭ. އެވޯޑުތައް ބުންޏޭ ޔޫރަޕާ އެމެރިކާއާ ޖަޕާނުން ކިތަންމެ ސީއެފްސީ ގޭހެއް ޖައްވަށް ފޮނުވިޔަސް ބިރެއްނުގަނެޔޭ، މޯލްޑިވްސްގެ އެންވަޔަރަންމަންޓް، އެބަހީ ތިމާވެށި އޮންނާނީ ރަނގަޅަށް ޙިމާޔަތްވެފައޭ.

ފަހެ، މިއަށްވުރެ ބޮޑު ޢަލާމާތަކީ އަޅިކެނޑިޔާއި ނަރުދަމާގެ ޢަލާމާތޭ. މީގެ ކުރިން އަޅިކެނޑިޔަކީ މެދަށް އަޑިކޮށް ފަތާކޮށް ހުންނަ އެއްޗެކޭ. ނަރުދަމާއަކީ ހޮޅިބުރަށް ހުންނަ އެއްޗެކޭ. އެކަމަކު، މިމަހު މިދާދި ފަހަކުން ތިލަދުންމަތިން އިޢުލާން ކޮއްފޫއޭ، އަޅިކެނޑިޔަކީ މީގެ ފަހުން، ކުކުޅު ބިސްބުރަށް އޮންނަ ކަޅު ހިލައެކޭ، ނޫނީ އޮފްއަރާ ވައްބުރު މާބުލްއެކޭ. އޭގައި ސިގިރެޓްބުރި ޖެއްސީމާ އެނިމުނީއޭ. ހަމަ އެއާއެކު އިއުލާން ކުޅައޭ ނަރުދަމާއަކީ، ވެއްޔާއި ގަލާއި ބެޓްރީބުރި އުކަމުން އާދަމުގެ ދަރިޔަކު މަގު ތަކުގައި ދެމުމޭ. ނޫނީ ހަޅޭއްލަވައި ގޮއްވަމުން ރަޖަމްކުރާ އުސޫލުން ގަންހިންގަމުން މޫދަށް ދަމާގެންދިއުމޭ. ދެން ހަޑިމުޑުދާރު ފެން ކޮންމެ ތަނަކަށް އެޅިޔަސް އެނިމުނީއޭ.

އަހަރެން ހިތަށްއަރަޔޭ، އިހުގެ މުސްކުޅިންބުނާ ފަހު ޒަމާނުގެ އަލާމާތްތައް ފާޅުވާންފެށީތާއޭ.

Read more...

"ކުޅޭށެ ކުރިކެޓް"

"ކުޅޭށެ ކުރިކެޓް"

"ކުޅޭށެ ކުރިކެޓް، ކުޅޭށެ ކުރިކެޓް، ބަހާއި ޢަމަލުން ކުޅޭށެ ކުރިކެޓް!
އުޅޭށެ އަންގާގޮތަށް އެކުރިކެޓް، ހިތާއި ރޫޙުން ކުޅޭށެ ކުރިކެޓް!

ދިފާޢުކުރަމުން ދެވޭޙަމަލަތައް، ނިފާޤު ގޮތްތައް މުޅިންމެ ދޫކޮށް
ހިފާށެ ދައްކާ އެރީތި ގޮތްތައް، ހިތާއި ރޫޙުން ކުޅޭށެ ކުރިކެޓް!

ކުރަންތިމާއަށް ޖެހޭކަމެއްގައި، ފުރަންދެން މިފެންނަ ވަޠަނުން
ދުރަށްނުގޮސްހުރެ އެރީތި މަގުގައި، ހިތާއި ރޫޙުން ކުޅޭށެ ކުރިކެޓް!"
..................................................................

އަލްމަރުޙޫމާ އާމިނަތު ޙުސައިންގެ މާނަފުން އަދި އަސަރުގަދަ މިދެތިންބައިތަކީ "ކުޅޭށެ ކުރިކެޓް" މިމައިގަނޑުނަމުގެ ދަށުގައި އެކުލަވައި ލައްވާފައިވާ ޅެމުގެ މައިގަނޑާއި، އެއްކަޑިއާއި، ބައިތުލް ޤަޞީދާއެވެ. މިދެތިން ބައިތު ހިތްމައްޗަށްއައީ، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް، ދިވެހި ޤައުމީ ޓީމު ކާމިޔާބު ކުރުމާ ގުޅިގެން މާލޭގެ މަގުތަކަށް އެއްވި މީސްތަކުން އުފާ ފާޅުކުރަމުން ދިޔަ ވަގުތެވެ.

އެއުފާ ފާޅުކުރެވެނީ، ކުޅިވަރުގެ ރޫޙުގައި ކަމަށްވިޔަސް، އެގޮސް ރައްދުވާނީ ޤައުމީ ލޯތްބަށެވެ. ކުރިކެޓް ކުޅޭށޭ ވިދާޅުވެ، ޝާޢިރާ އަމުނާލައްވާފައިވާ ޅެންވެރި ޚިޔާލުގެ މައްޗަށް އަޅެ، ވިސްނާލަބަލާށެވެ. އިޝާރާތްކުރައްވަނީ ކުރިކެޓަށްތޯ، ނޫނީ ޤައުމީ ލޯތްބަށްތޯ ނުވަތަ ޤައުމީ ޚިދުމަތަށްތޯ ފިކުރުކުރާށެވެ.

ޝާޢިރާ (ޅެމުގެ މާނަ އޮންނަނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނާ އުސޫލުން) ކުރިކެޓް ކުޅުމަށް އިލްތިމާސްކުރައްވަމުން "ބަހާއި ޢަމަލު އެއްގޮތްކޮށް، އަމުރަށް ކިޔަމަންވެ، ޤައުމީ ޚިދުމަތުގައި (ނުވަތަ ޤައުމުގެ ދިފާޢުގައި) ދެފުށްދެގޮތްކަން ދޫކޮށްލައި، ޠަބްޢީ ނުވަތަ އިންސާނިއްޔަވަންތަ ރިވެތި މަގުގައި ހިނގައި، ތިމާގެ ޙަޔާތުގައި ތިމާގެ މާޙައުލުން ތިމާއަށް ލާޒިމުކުރާ މަސްއޫލިއްޔަތު ކެރިހުރެގެން އޭގެ ގޮތުގައި އަދާ ކުރުމަށް" (މިތިންބައިތުގައި) ނަސޭހަތްތެރިވެވަޑައިގަން ނަވައެވެ. މާނައަކީ، ކުރިކެޓްކަމަށް ވިޔަސް، ޤައުމީ ޚިދުމަތްކަމަށް ވިޔަސް އަދި ޙަޔާތުގެ ކޮންމެ ކަމަކަށް ވިޔަސް، ތިމާ އަބަދުވެސް، ތިމާގެ ޒިއްމާތައް އިޚްލާޞްތެރި ކަމާއެކު އަދާކުރަން ޖެހޭނެކަމެވެ. ފުޓްބޯޅައިންވެސް ދަސްކޮށްދެނީ މިކަމެވެ. ފުޓްބޯޅައަށް ސަޕޯޓްކުރުންވެސް އޮންނަން ޖެހޭނީ މިއުސޫލުގައެވެ.

ދުނިޔޭގެ ޙަޔާތުން އިންސާނާޔާ ކުރިމަތިވާ ކޮންމެ ކަމެއްވެސް އޮންނާނީ މިއުސޫލުގައެވެ. އިޚްލާޞްތެރިކަމާ ތެދުވެރިކަމާ ހީވާގިކަމާއެކު، ތިމާގެ މަސްއޫލިއްޔަތު އަދާކުރުމުގެ މަތީގައެވެ. ހުރިހާކަމެއްވެސް ގޮސްނިމޭނީ ޤައުމަށެވެ. ތިމާގެ ވަޠަނަށެވެ. އަބަދުވެސް ހަނދާންކުރަންވީ ޤައުމާއި ވަޠަނެވެ. އެޔާއެކު ތިމާގެ ނަފްސެވެ. ޤައުމު، ޤައުމެއްގެ ގޮތުގައި ތަރައްޤީވެ ކުރިއަރާނީ، ޤައުމުގެ ދަރިން، ޤައުމު ދެކެ ލޯބިވި މިންވަރަކުންނެވެ. "ކުޅޭށެ ކުރިކެޓް!"

Read more...

މަރުމަތީ ވަޞިއްޔަތް ނުވަތަ ގަރާރު

ކަކުލުހުޅުންނުލެނބޭތާ ފައްސިހިވެ، ބޯހިއްލާނުލާތާ ދޮޅަސްވެ، އުނަގަނޑުންނުދެމޭތާ ސާޅީސްވެ، އޮތްތަނަށް ދެވޭ ހާލަށް ދިއުމުން މަރުމަތީ ވަޞިއްޔަތް ކުރެތެވެ. މުދިމަކު މަރުމަތީގައި އޭނާގެ އަނބިމީހާގާތު ބުންޏޭ "އަހަރެން ނެތް ދުވަހަކުން މަންޖެ މީހަކާ އިންނާނޫ ތާއޭ" ދެން އެފިރިމީހާ މަރުވެ ހަތަރުމަސްވީތަނާ އެއްދުވަހަކު، ފިރިހެނަކު އެމަންޖެގާތު ބުންޏޭ "މީހަކާ އިންނާކަށް ނޫޅެމުހޭ" އެމަންޖެ ބުންޏޭ "އަހަރެން މީނީ ތާއެއްގެ މަތީގައޭ، މިގޭ މީހާ މަރުމަތީ ވަޞިއްޔަތް ކުރަމުން ބުންޏޭ މަނެތްދުވަހަކުން މަންޖެ މީހަކާ އިންނާނޫތާއޭ" ......... މަރުމަތީ ވަޞިއްޔަތަކީ މިކަހަލަ އެއްޗެކޭ. ބައެއްމީހުން މިޔަށް "ގަރާރު" ވެސް ކިޔަތޭ. ވަޞިއްޔަތަކީ "މަރުވުމަށްފަހު" ހަދާންވީގޮތެވެ.

އަހަރުމެން ކުޑައިރު، ފިރިހެނަކު މަރުމަތީ ވަޞިއްޔަތުގައި ބުނިކަމަށްވެއޭ "މަންޖޭވޭ! މިގޭގޯތީގައި ބިލެތާ ބަނބުކޭލާ، ރުކާ، ފަތްކެޔޮ އޮންނާނެޔޭ، ފޮށީގައި ލާރި ހުންނާނެޔޭ، އަހަރެން މަރުވީމާ މަންޖެ މީހަކާ ނީނދެ މަރުވަންދެން އިންނާށޭ" އެކަމަކު، ފިރިމީހާ މަރުވެ އިއްދަހަމަވާ އިރަށް މާޅަކުއްޖަކާ އިނދެފިއެވެ.

މިހާރު މިދުވަސްވަރުވެސް ބަފަޔަކު މަރުމަތީ ވަޞިއްޔަތެއް ކޮއްގެން އެބައުޅެއެވެ. އެޔަށް ކިޔަނީ ގަރާރެވެ. އެގަރާރުގައި ވެއެވެ. "ލޮބުވެތި ދަރިންނޭވޭ! އަހަރެން ކަލޭމެންނަށް ވާރުތަކޮށްނުދެނީ ކޮންކަމެއްހޭ، ދުމުގުރާތުވެސް ވާރުތަކޮށްދީފީމުއޭ، މިހާރު މިވާރުތަކޮށްދެނީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމޭ، އަހުރެން މަރުވާތާ ހަތްމަސް ވުމަށްފަހު، ކަލޭމެންކުދީންނަށް ހުރިހާ ވައްތަރެއްގެ މަޢުލޫމާތެއް ހުރިހާ ތަނަކުން ހުރިހާ ހިސާބަކުން ލިބޭހުއްޓޭ، އެކަމުގެ މިނިވަންކަން ހަންހުރަހަކާނުލައި ލިބިގެން ވާނެޔޭ، އެކަމަކަށް ވަކިއިރެއް ވަކިވަގުތެއް ނޯންނާނެޔޭ، މިމަޢުލޫމާތު ހޯދައި ލިބިގަތުމުގައި، ބެލުމާއި ހިއްލުމާއި ފާރަލުމާއި އަޑުއެހުމާއި ބީހުމާއި އަތްހޭކުމާއި ވަސްގަތުމާއި މިންނެގުމާއި ފޮޓޯކެނޑުމާއި މޫވީކުރުމާއި މިފަދަ އެންމެހާ ކަންކަން ހުއްދަވެ މިނިވަންވާ ހުއްޓެވެ. ސުކޭން ކުރުމާއި އެކްސްރޭނެގުމާއި ފޮޓޯކޮޕީހެދުމާއި މިފަދަމިފަދަ ކަންކަމާއި ޗެޓްކުރުމާއި އަޕްލޯޑްކުރުމާއި ޑައުންލޯޑް ކުރުމާއި މޮޑެލްކުރުމުގެ ހުއްދަވެސް ލިބިގެންވާހުއްޓެވެ. ފަހެ، މިކަންކަމުގައި ބުރުގަލެއް ޖަނގިޔަލެއް ބުރާއެއް އަންޑަސްކޯޓެއް ޓައިޓެއް ނެޕީއެއް ބުލައުޒެއް ޖީންސެއް ޓޮޕެއް ޓީސާޓެއް އިސްތިސްނާއެއް ނުވާހުއްޓެވެ. މިއީ ލިބަރަލް ރިފޯމް އެޖެންޑާގެ އަސާސެވެ. އަހުރެން މަރުވެ ހަތްމަސްވެ އިއްދަ ހަމަވުމުން ކަލޭމެން ކުދީން މިމިނިވަންކަމުގައި އަބަދަށް ދެމިތިބުމަށް ވަސިއްޔަތްކޮށް މިގަރާރު ނެރުމަށް ރިފޯމް ހަނދޭގިރިންނަށް އެންގީމެވެ."

މިގަރާރުލިޔެ، ވެރިރަށުގެ ބޮޑުގަނޑުވަރުގެ ބޮޑުފެންގަނޑުތެރޭގައި ސޮއިކޮށް ނެރުނުހިނދު މިކަމަށް ހިތްތެޅިތެޅި ތިބި ޒުވާން ރިޕޯރޓަރުން ބުނޫއޭ "ބަފާ ތިޔަގަރާރު ނެރުނެއްކަމަކު އުފަލެއް ނެތޭ، ބަފާ ދުނިޔޭގައި ހުއްޓާ ބަފާގެ މަޢުލޫމާތު ހޯދައި ލިބި ނުގަނެވޭ ތާނގައި ކީއްކުރާ ގަރާރެއްހޭ"

Read more...

ރިޔާސީ ނިއުކްލިޔަރ ހަތިޔާރު

މަލްޓިޕާޓީ ސިސްޓަމް މިދީބަށް ލެއްގުމާއެކު، ބޮޑުވެރިކަމާހެދި ހަނގުރާމަ ފެށިއްޖެޔޭ. ހަނގުރާމަވެރިން ބޭނުންވަނީ، ގަނޑުވަރާއި އަރުމާޒާއި އަރާމުޚާނާއާއި ބާލުޚާނާ އާއި، ބިންގާ އެޅުމާއި ހުޅުވައިދިނުމާއި ތަށިދިނުމޭ. މިއީ ކޮންފަދަ ފަޚުރެއްހޭ، ކިސްރާގެ ތަޚްތު ލިބުމަށްވުރެވެސް މިކަން މޮޅޭ.

މި މޮޅުނަން ހޯދުމަށްޓަކައި، ބައިބައި ގަނޑާއި ވަކިވަކިން އެބަމަސައްކަތްކުރެތޭ. ހަވޭލީ ކުރިބޯށި ކެނޑޭތޯ ކޮންމެ މީހަކުވެސް ވެވުނުވަރަކުން ޙަމަލާ ދެނިއްޔޭ. މިހިސާބަށް އެނގިހުރި ގޮތުންވިއްޔާ ހަތްފަރާތަކުން އެބަ ހަނގުރާމަ ކުރެޔޭ. މިހަތްފަރާތުންވެސް ގެންގުޅެނީ، ހަލާދަނޑިއާއި ސިލޭހަދަނޑިއާއި ގުރުޒޭ، ދެން ގެންގުޅެނީ އައްޑަނައޭ.

މީގެތެރޭން ހަތަރުފަސްބައިމީހުން އެކުވެ އެއްލަޝްކަރު ހަދައިގެންވެސް އުޅެއްޕޭ. އެކަމަކު، އެބައިމީހުންގެ ބޮޑުއެދުރުކަން ކޮންމެމީހަކުވެސް ބޭނުންވާތީ ކުޑަޒުވާބެއް ކޮއްފައި އޭތެރެއިން ދެބަޔަކު ވަކިވެސްވެއްޖޭ. ދެންތިބީ ތިންބައެކޭ. މިތިންބައި މީހުންވެސް އެދުރުކަމާއި މުރީދުކަން ހޯދުމުގައި ދެބަސްވެ އުޅެތޭ. މުރީދު ކަމާމެދު ދެބަޔަކު އެބަ ފައިވެސް ނަގައޭ. ހުރިހާވެސް މައްސަލައަކީ، މާކުޑަ، ކުޅިޖަހާ ކޮއްޓެއްގެ އެދުރަކު މިލަޝްކަރުގެ އެދުރުކަން ހޯދާން އުޅުމޭ. މިކަމެއްގެ ތެރޭންގޮސް މިލަޝްކަރުގެ އެއްކޮށްޓެއްގެ އެދުރަކު ބުނެއްޕޭ، ލަޝްކަރުގެ އެދުރުކަލޭގެފާނުކަން ދޭން ފެންނަ މީހަކު އެބަހުއްޓޭ. އެއީ ކަނޑިބަޑި ކޮއްޓެއްގެ މުރީދެކޭ.

މިހެންބުނާއިރަށް އެހެން އެދުރުން ކިޔައިފޫއޭ. މިލަޝްކަރުގައި ބައިވެރިނުވެ، މިލަޝްކަރާ އިދިކޮޅަށް ހަނގުރާމަ ކުރާ ކޮއްޓެއްގެ މުރީދަކަށް މިލަޝްކަރުގެ އެދުރުކަލޭގެފާނުކަމެއް ނުދެވޭނެޔޭ. އޭނާގެ އަތުގައި ކަނޑިބަޑި ހުއްޓަސް.

މިކަމެއް ބޭޒާރުވުމުން، އެމުރީދުމީހާ އުޅޭ ކޮށީގެ ބޮޑު އެދުރުކަލޭގެ މޭގުޑަތްޕޭ. ވަގުތުން އޭނާ ގޮވައިފިޔޭ، އަސްކަރީންނޭވޭ، މިކޮށީގެ ބޮޑުމުރީދު ގެންދާންވެގެން އެކުވެފައިވާ ޢަސްކަރީން އެބައުޅެޔޭ، މިއީ ކިހާބޮޑު ކަމެއްހޭ. އަވަހަށް އެމުރީދުތަކުރަށް މިކޮށީގެ ކުޑައެދުރުކަން ދެމާ އަންނަހަރޭ. މިކަމަށް، އެކޮށީގެ ޢަސްކަރީން ރުހިއްޖައޫއޭ.

މިޔާއެކު، މިތާކުއޮތް ކުޑަކޮއްޓެއްގެ މީހުން ރޮއިހޭރިގެންފިޔޭ. އަދި ގޮވައިފިޔޭ. ކުދީނޭވޭ. ބޮޑުކޮށީގެ ކުޑަ އެދުރުކަން، ބޮޑުމުރީދަށް ލިބިއްޖިއްޔާއި އެކޮށި ގަދަވާނެކަން ކަށަވަރޭ، އެމުރީދަކީ ކަނޑިބަޑިޔަށް ހެއްވެކޭ.

އަހަރެން ހިތަށް އަރަޔޭ، އެއީ ރިޔާސީ ނިއުކްލިއަރ ހަތިޔާރުތާއޭ.

Read more...

"ރަޙުމުކުޑަ ބަޔަކު"

ސަތާރަސަތޭކަ މުއައްޒަފުންނަށް އެއްދުވަހާ ހާރޓްއެޓޭކްޖެހި، ދުސްތޫރުހެދުމުގައި ލޮލުފިޔަނުޖަހާ ހިއްމަތްކުރާ ތިރީހަކަށް މެމްބަރުންގެ ދެކަމުންކުރެ އެއްކަންހުއްޓި، 65 އަހަރުވި އެތަކެއް ޓީނޭޖްކުދިން ކޮންމެ އަހަރަކު ދާއިރާއިން ބޭރުވާގޮތަށް މަދަނީ ޤާނޫނު އެކުލަވައި ހުށަހަޅައި ތާއީދުކޮށް ފާސްކޮށް ތަޞްދީޤުކޮށް މުދިސިއްކަ ގެއްސެވި މީހުންގެ ރަޙުމު، ނާޅި ކާއްޓަކަށްވުރެ ބޮޑެވެ. މަދަނީ ގޮޅިން ބަޔަކުނެރި، ސިޔާސީ ގޮޅިއަށް ވައްދާން އުޅެގަތީމާ އެކަމާ ދެކޮޅުހެދި 13 މެމްބަރުންގެ ރަޙުމު ޅަކުންނާރަކަށް ވުރެވެސް ކުޑައެވެ.

ނިދާންއޮށޯވެ ދެމަފިރިން ސަހާދަތްކީ އިރު އޮތީ ވަޒީފާގައެވެ. ހެނދުނު ދެމަފިރިން ތެދުވެ ގިފިއްޔަށްގޮސް ފެންވަރައިގެން ނުކުތްއިރު ވަޒީފާއެއް ނެތެވެ. މިހިރީކީ މީހުން ކަންކުރާ ގޮތެއްވާނޫނެވެ. އިންސާނުންނަކީ، އިންސާނިއްޔަތުކަމާއި ރަޙުމާއި އޯގާތެރިކަން ހުންނާންޖެހޭ ބައެކެވެ. އެކަނިމާއެކަނި ޤާނޫނު ހަދާ މީހާއާއި، ދީނާދިމާއަށް އަންނަ ހަރުކަށި ހަތިޔާރުތައް އައްޑަނަޔަކާ ނުލައި ހައްމަތަކުރާ މީހާއާއި، ދުސްތޫރުހެދުމުގައި ފުރާނަ ދުއްވާލަން ތެދުވި މީހުންނަށް އޮޅުމަކުން ވަގުތީ ގޮތުން އެކަހަލަ ނޭދެވޭ ގޮތަކަށް ކަންތައް ކުރާން ހެޔޮނުވާނެއެވެ.

މިހުރިހާ ނިކަމެތި އަނިޔާވެރިކަން ނައްތާލުމަށް ސަރުކާރުން ކުޅަ މަސައްކަތް، ރަޙުމު ކުޑަބަޔަކު ހަލާކުކޮށްލައިފިއެވެ. އެހެންވެ، ދުވަހަކުވެސް އުނގަށްލީ ހަތިޔާރުން އަތްދޫކުރާކަށް ގަސްތެއް ނުކުރެއެވެ. (ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭ އެޑޯލްފް ހިޓްލަރ ނާޒީޕާޓީގެ ޖަލްސާއެއްގައި ވާހަކަދައްކަމުން 1944 ޑިސެމްބަރުން 31 ދުވަހު ބުނެފައިވަނީ "ޖަރުމަނުން ދުވަހަކުވެސް ހަތިޔާރެއް ނުބަހައްޓާނަން" ކަމުގައެވެ. 1945 މެއިމަހު ފުރަތަމަދުވަހު ހަމަ އެޖަލްސާ ކުރި ބިންގަރާހުގައި ހިޓްލަރ އަމިއްލައަށް މަރުވިއެވެ. މެއިމަހު 8 ވަނަ ދުވަހަކީ ހަނގުރާމަ ހުއްޓުނު ދުވަހެވެ.)

ސިވިލް ސާވިސްގެ ޤާނޫނުގެ ސަބަބުން ސަތާރަސަތޭކަ މުއައްޒަފުންގެ ވަޒީފާއެއް ނުގެއްލެއެވެ. އެމީހުނަށް ބޮޑުމުސާރަ ލިބެއެވެ. ވަގުތުން ގަނޑުކޮށް އެތަކެއް ހާސްރުފިޔާ ލިބެއެވެ. ސިވިލްގެ ސަބަބުން ގެއްލުންވީ ދިވެހި އިޤްތިޞާދަށެވެ. ކޮންމެ މަޤާމަކަށް ޑަބަލް މުއައްޒަފުންލައި، ކޮންމެ މުސްކުޅިއަކަށް ގަނޑުކޮށް ފައިސާދީ، އަބަދުވެސް މިއުސޫލު އޮވެ، އަދި ސިވިލް އުފެދޭތީ އެތަކެއް ބައިވަރު ސިޔާސީ މަޤާމް އުފައްދައި މަދަނީ މުއައްޒަފުންނަށް ޑަބަލް ޕްރޮމޯޝަން ދިނުމުން ބަޖެޓްގެ ބެލެންސް ވަނީ ދަރަނިކޮޅަށް ވަރަށް ބުރަވެފައެވެ. މިކަން ފާހަގަނުކުރާތީ އަޖައިބު ވަމެވެ.

ދެން، ހަތިޔާރު ނުބަހައްޓައި ރަޙުމް ބޮޑުކުރާން އުޅޭ އުޅުން މިއަދު ސިފަވާނީ، ރިޔާސީ ކެމްޕޭންނޫން ދެން ކޮންއެއްޗަކަށް ހެއްޔެވެ. ރަޙުމުކުޑަ މީހުން އެނގޭބާވައެވެ.

Read more...

"ފޮތެއް އެދުރެއް ނުވާނެ"

އިހުގައި ލިޔެފައިވާ ދީނީ ފޮތެއްގައި، ލޭގެ ވާހަކަ ނަންގަތް ބާބުގައި އޮވެޔޭ "މާތުރަ ފަޅައިލީމާ އޮހޮރޭނޭ ލެޔެއްނެތް މެހިކުރަފި ހޯނު ފަދަ ތަކެތި......." މިފަދަޔަކުން. މިބާބު ކިޔާމީހުން އެއިރު ހީކުރަނީ، މެހިކުރަފިހޯނު ފަދަ ތަކެތީގެ ބަނޑުގައި ފަޅައިލީމާ ލޭހުންނަ، މާތުރަކިޔާ ގުނަވަނެއް އޮންނަނީ ކަމުގައޭ. "މާތުރަ" އެއީ ކޮން އެއްޗެއްކަމެއް އެފޮތަކުން ނޭގެޔޭ.

ތަންކޮޅެއްފަހުން ލިޔެނެރުނު ފޮތެއްގެ ވުޟޫއާބެހޭ ބާބުގައި މޫނަށް ފެންލުމުގެ ސުއްނަތްތައް ބަޔާންކުޅައިރު އޮވެޔޭ "އިސްތަށިބޯ ތުނބުޅި ވިނަވައިލުމާއި......." މިފަދަޔަކުން. މިބާބު ދަސްކުރާ މީހުން ހީކުރެތޭ، މޫނަށް ފެންލާއިރު ތުނބުޅިޔާއި ބޯ ވިނަވާލާން ޖެހެނީ ކަމަށް. އަނެއްބަޔަކު ހީކުރެތޭ އިސްތަށިދިގުވެފައި ހުންނަ ހުރިހާ ތަނެއް، މޫނަށް ފެންލާއިރު ދޮންނާން ޖެހެނީ ކަމަށް. އެކަމަކު އެހުރިހާ ތަނެއް ދޮވެފީވިއްޔާ ވުޟޫގެއްލިދާނެކަމަށްވެސް ބަލަތޭ. އަނެއްބަޔަކު ހީކުރެތޭ "ވިނަވައި ލުމަކީ" ހުއިގަސްތަކާ ގުޅޭ ކަމެއްކަމަށް.

މިހެންމިވަނީ "ފޮތް އެދުރެއް ނުވާނެޔޭ" ބުނާ ހަރުބަހާ އެއްގޮތަށޭ. މިފަދަ ވާހަކަތައް އޮޅުންފިލުވުމަށްޓަކައި ދާންޖެހެނީ، ދަންނަމީހުން ގާތަށޭ. ދަންނަމީހުން އެހާ މަދޭ. ތިބެނީ ފުރަމާލޭގައޭ. އޭރު އެޒަމާނު އެހެންވިޔަކަސް މިހާރު މިއޮއް ތައުލީމީ ޒަމާނު އެހެން ވާންޖެހޭހޭ.

އޭރު ލިޔެފައިހުންނަ ދީނީ ފޮތްފޮތުގައި ހިނެއުމުގެ ވާހަކަ ނަންގަނެވިގެންވާ ބާބުގައި ވެޔޭ، ފިރިހެނުން ބޮޑު ޙަދަސަ އެރިގަންނައިރު، ޙަޝަފަތާއި ޤުލްފަތުގައި ފެންޖައްސާންޖެހޭ ވާހަކަ. އެއީ ކޮންތަނަކު އޮންނަ ކޮންގުނަވަނެއް ކަމެއް އެންމެން ނުދަނެތޭ. ދެން ޖެހެނީ އެދުރުންގާތަށް ދަހަރޭ. އަދި އެއިރު ކިޔައިއުޅެތޭ، އަންހެނުން ރޯދަމަހު ރޯދަޔަށްހުރެ މޫދަށް އެރެފީވިއްޔާއި ރޯދަ ގެއްލެޔޭ، އެހެންވެ އޭރުގެ އަންހެނުން މޫދަށް އެރުނަސް ރޯދައަށް ހުރީ ވިއްޔާ ފީނައި ފަތައި މިކަހަލަކަމެއް ނުކުރެތޭ، ބައެއް އަންހެނުން ދެކެނީ ބޮލުގެ އިސްތަށި ބުޑުތަކުން އެތެރެ ހައްޓަށް ލޮނުއެޅެނީ ކަމަށޭ، މިކަމުގެ ޙަޤީޤަތްވެސް ހޯދަންޖެހެނީ އެދުރުން ގާތަށް ގޮސްގެނޭ. މިހާރު މިޒަމާނު މިކަހަލަ ކަންކަން ނޭނގޭ ކުއްޖަކު އުޅޭހޭ.

އެކަމަކު، މިހާރުވެސް ފޮތަކާ ހެދި ބަޔަކު އެބަ ހިފަތޭ، އެފޮތް ލިޔުނު މީހާއަށް ރާއްޖޭގެ ވެރިކަން ލިބިއްޖިއްޔާ ރާއްޖޭގެ އެންމެތަކުންގެ މާތްދީން ހަލާކު ކޮއްފާނެޔޯލާއޭ. މިކަމާމެދު، ބޮޑުއެދުރާ ދީނީ ފަތުވާވެސް ނެރެތްޕޭ. އަހަރެން ހިތަށް އަރަޔޭ، ލިޔާ އެއްޗަކާ ބުނާ ބަހަކާ އެއްގޮތަށް ކަންވާނަމަ، މިރާއްޖެއަށް ބަނގުރަލެއް މިހާރަކު އެތެރެއެއް ނުކުރީހޭ. ފޮތްއެދުރުވާނީ ކިހިނަކުންހޭ.

Read more...

ހާރޓްއެޓޭކް ފިލާ

ކޮއްކޯފުޅުގެ ޕާޓްނަރުން ލައްވާ ސިވިލް ސާވިސްގެ ޤާނޫނު ވިލަރެސްކޮށް، މަޖިލީހަށް ހުށަހަޅުވައި، ސަރުކާރަށް ގިނަދުވަހު ޚިދުމަތްކުރެއްވި އޮނަރަބަލް ސަތާރަސަތޭކަ މުޙްތަރަމުންނަށް ހާޓްއެޓޭކް ޖެހޭނެ ފަދަޔަކުން، ސިވިލް ކޮމިޝަނުންގެ ބިލް ތަޞްދީޤުކޮށް، ގެޒެޓްކުރުމަށްފަހު، އެމީސްމީހުންނަށް ދޭނެ ވަގުތީ ލާރިގަނޑާއި ދާއިމީލާރިގަނޑު ތައްޔާރުކޮށް، އެކަންކަން ކުރާން ސިވިލް ކޮމިޝަނާ މަތިކޮށްފައި، ފިޔަންޖަހާންވެގެން ބިލަށް ޢަމަލުކުރާން ނުފެށެނީސް އަވަހަށް އިޞްލާޙު ހުށަހަޅައި، ރަޙުމުނެތް 13 މީހުން ބިލްކެންސަލް ކޮއްލާނެ ގޮތަށް ރާވައި، ފަންސަވީސް މީހުން ފޮނުވައި، ބިލްއެއްލާލުވައި، "މިއީ މީހުންކަންތައް ކުރާ ގޮތެއްނޫނޭ، ރަހުމުނެތް ބަޔަކު ސަރުކާރު ހަލާކު ކުރަނިއްޔޭ" ގޮވާފައި، ސަތާރަސަތޭކަ މުސްކުޅީން އެއްކޮށް، އަގުވަޒަން ކުރުމުގެ ގޮތުން ހާޓްއެޓޭކް ފިލާ ދީފިއެވެ.

އަހަރެން، މިގުރޫޕުގެ ބޭކަލެއްގާތު ކޮންދަތުރެއްހޭ އަހައިލީމާ ބުނީ "މާލެ ދަތުރެއް ލިބުނީމާ ވިޔަފާރި ކޮއްލާން ޖައްސާލީ" ކަމުގައެވެ. އަނެއްބޭކަލަކު ބުނީ "އަމުރަށް ކިޔަމަންވާން ޖެހޭނެ" ކަމުގައެވެ. އަހަރެން ހިތަށް އަރަޔޭ، ސަރުކާރުގައި ވިހިތިރީސް ފަންސާސް އަހަރު އުޅެފައިވާ ބޭކަލުންވެސް "ފިހިގަނޑާ ކުޅޭ" ވަރަށް ބޯގަޅިތާއެވެ. އެހެންނޫނިއްޔާ ދެންކޮން ކޮހެއް ހަދާކަށް ހެއްޔެވެ. ޖެއްސިހާލަށް ރަށުގައި މަޑުންތިބިނަމަ މާ ބޮލަށް ފަސޭހަ ވީހެވެ.

މީގެ މީހަކުގާތުގައި ތިޔައީ ކެންޕޭނޭ އަހަރެން ބުނީމާ ޗޮކެއް ކަނޑާފައި ބުނީ، "ޤުރުއާން މުބާރާތުގެ ކުދިން މިގޮތަށް ގެނަޔަސް ކެމްޕޭނަކަށްވީސް" ކަމުގައެވެ. އަނެކަކު ބުނީ "މަވާސަލާމޭ މަގޭ ގަލަމުން އެދިމާ ފާހަގައެއް ނުލާނަން" ކަމަށެވެ.

އަހަރެން މިވާހަކަ ދައްކާލި މީހަކު ބުނީ "އިންފްލޭޝަން މަތިވެ، ޚިދުމަތުގެ އަގު ބޮޑުވެ، ތެލުގެ ބާރު ބޮޑުވެ، ގޮތްހުސްވާ ހިސާބަށްގޮސް، ޚާރިޖީ ވަޒީރު ގަލްފުގައި ސަލާންޖަހައި، ސުޢޫދީ ވައްހާބީ ރަސްގެފާނަށް އާދޭސްކޮށް ހަދާއިރު، މިގަންނަނީ ކޮންސަކަރާތެއް" ހެއްޔޭއެވެ. އަހަރެން ބުނީމެވެ. "ކުރިން ކުރާނީ ކުރިން ކުރަންޖެހޭ ކަންތަކޭ" މިދިޔަ ހުކުރުދުވަހު ދީނުގެ މަގުގައި އަފްރާޝީމު ލިޔެފައި އޮތޭ، އެހެންވެ މިކުރަނީ ކުރިން ކުރާންޖެހޭ ކަންތަކެވެ. މަރުވި މީހާގެ ކަށުކަމާ ކެމީގެ ކަންތަކަށްވުރެ އިސްކަމެއް ދިރި ތިބީންނަށް އޮވޭ ހެއްޔެވެ.

ފޯރިޔާއެކު ކޮންޕިއުޓަރުން އޮފީސް ހިންގަހިންގާ ތިބި ސަތާރަސަތޭކަ ބޮޑުން ހާޓްއެޓޭކުގައި ނިމި ދިޔާމައި، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން ފިލާގައި ހާޓްއެޓޭކުގެ ވާހަކަ ލިޔެފައި ވޭބާވައެވެ.

Read more...

ނުބައިކަންތައްތައް ފިލުވާލުމަށްޓަކައި- އަންހެނުން

"ދަގަނޑުކެނޑޭނީ ދަގަނޑުންނޭ" - "ދަގަނޑު ކިޔަމަން ކުރާނީ އަލިފާނުންނޭ" ބުނެއުޅެއެވެ. މިއުސޫލުން "މުޖްތަމަޢުގައި މިހާރުހުރި ބޮޑެތި ނުބައިކަންތައްތައް އެންމެފަސޭހައިން ފިލުވައިލެވޭނީ، އަންހެނުންގެ ތެރޭގައި ދޮވެސާފުކުރުމުގެ ހޭލުންތެރިކަން އިތުރުކޮއްގެން" ކަމަށްވާތީ، އަންހެނުން ހޭލުންތެރި ކުރުމުގެ ސިލްސިލާ ޕްރޮގްރާމް އިފްތިތާޙުކޮށްފިއެވެ. ފޭރާމުގައި ޖެހިފައިހުންނަ "ބޮޑެތި ނުބައި ލައްތައް" ލައްފިލުވާ ޖަހައިގެން ސާފުކުރަން، ފިރިހެނުންނަށްވުރެ އަންހެނުން މާމޮޅުކަން، ތަޖްރިބާއިން އެނގޭނެންޏާއެވެ. މޮނިކާ ލުއިސްކީވެސް، އޭނާގެ ނިދާހެދުމުގައި ހުރި "ބޮޑެތި ނުބައި ލައްތަކެއް" ސަރިއަތަށް ހުށަހަޅާފައި ނޫނީ، ނުދޮވެ ބެހެއްޓިއެވެ.

އެއްޗެތިދޮންނަ ތަންތަން ހުޅުވައިގެން ދޮވެއިސްތިރިކުރި ޒަމާނުގައިވެސް އެތަންތާގައި އުޅެނީ ފިރިހެނުންނެވެ. އަންހެނުން އުޅެނީ ގޭތެރޭގައި، ދޮވެއިސްތިރި ކުރުމުގެ ބައިގައެވެ. އެއީ، ގޭތެރޭ (އެތެރިގެތެރޭ) ގެންގުޅޭ ފޭރާމުގައި "ބޮޑެތިނުބައިލައްތައް" މާގިނައިން ޖެހިފައި ހުންނާނެތީއެވެ. މިހާރުމިއުޅޭ އަންހެނުންނަށް އެއްޗެތި ދޮވުމުގެ ސީދާ ހޭލުންތެރިކަން ލިބިފައެއް ނުވާނެއެވެ. އެއީ މެޝިނުން ދޮންނާތީއެވެ. "ބޮޑެތި ނުބައި ލައްތައް" އެންމެ ފަސޭހައިން ފިލުވައި ލެވޭނީ، ދެއަތްދެއަތާލައި އުނގުޅައިގެންކަމަށް ވުމާއެކު، ދެއަތްދެއަތާލައި އުނގުޅައި ދޮވެސާފުކުރުމުގެ ހޭލުންތެރިކަން މިހާރުމިއުޅޭ އަންހެނުންގެ ތެރޭގައި އިތުރުކުރާން ޖެހުނީއެވެ.

މުޖްތަމައުގައި، މެޝިނުން އެއްޗެތި ދޮންނަތާ ތިރީހަކަށް އަހަރުވަނީއެވެ. އެހެންވެ، ލައްފިލުވާ ޖެހިޔަސް "ބޮޑެތި ނުބައި ލައްތައް" ފިލާގޮތްނުވެ، އިތުރަށް ހަރުދަނާވާގޮތް ވަނީއެވެ. އެލައްތައް ފިލުވާކަށް އެކަކުވެސް ނޫޅެއެވެ. ސާފުތާހިރުކަމާބެހޭ މަތީ މަޖިލީހެއް އޮތަސް، ބޮޑެތިނުބައި ލައްތައް ދުވަހުން ދުވަހަށް ވަނީ އިތުރެވެ. އެމީހުންގެ ބޮޑު ސޭޚު، މާކަންބޮޑުވެ ފޭރާންތައް ހަޑިވެއްޖިއްޔާ، މާތްކަލާނގެޔާ ވަކީލުކޮއްފައި އަޅައިނުލައި ހަނުހުންނަނީއެވެ. އެކަމަކު، ހަށިގަނޑު ވިއްކުމާއި، ތެޔޮދަމާތަންތަން ހިންގުމާއި، ޅައަންހެން ކުދީންނަށް، ބަންގާޅީންނާއި މުސްކުޅީން މައްލަވަކުރުން މާބޮޑަށް އިތުރުވެ ހަރުދަނާވީމާ، ހޭލުންތެރި ކުރާން ފަށައިވެސް ގަތީއެވެ.

ހަށިގަނޑު ވިއްކުމާއި، ތެޔޮދަމާތަންހިންގުމާއި، ޅައަންހެން ކުދިންނާ މައްލަވަ ކުރުމުގެ ސަބަބުން، ހެދުމުގައި އުނގުޅި ހަރުލާފައި ހުންނަ "ބޮޑެތި ނުބައި ލައްތައް" އެންމެ ފަސޭހައިން ފިލުވައި ލެވޭނީ (ނުވަތަ އުނގުޅުން ކުޑަކުރެވޭނީ) އަންހެނުން ހޭލުންތެރި ކޮށްގެންކަމަށް ވެއެވެ. އަދި މިނޫނަސް، އެތެރިގޭތެރޭން އުނގުޅޭ "ބޮޑެތި ނުބައި ލައްތައް" ވަގުތުން ވަގުތަށް ފިލުވައިލެވޭނީ، އަންހެނުން ހޭލުންތެރި ކޮށްގެނެވެ. މިކަމާ ގުޅޭގޮތުން، އެދުރު ދައިތަޔަކު، އަންހެންވެރީންނަށް ވަރަށް ބޮޑަށް ނަސޭޙަތްދީފިއެވެ. ސިލްސިލާ ޕްރޮގްރާމް ފެށުމުގެ ގޮތުން ދެވުނު މިނަސޭހަތް ބިނާވެފައި އޮތީ، ދަރީން ތަރުބިއްޔަތު ކުރުމުގައި "ބޮޑެތި ނުބައި ލައްތައް" އެންމެ ފަސޭހައިން ފިލުވައިލެވޭނެގޮތް ބުނެދިނުމާ ގުޅޭ ގޮތުންނެވެ. މިޕްރޮގްރާމް، މަހަކު އެއްރޭ އޮވެއެވެ. އެކަމަކު އަންހެނުންނަށެވެ. ތަންކޮޅެއްފަހުން، ފިރިހެނުންނަށްވެސް "ބޮޑެތި ނުބައި ލައްތައް" ފިލުވާނެގޮތް ބުނެދޭނެކަމަށް ބޮޑު ސޭޚު ބުންޏެވެ.

މިކަންނިމުނު ތަނުން، ޒުވާން އަންހެންކުއްޖަކު ބުނިކަމަށް ވަނީ "ބޮޑެސޭޚު އެހުރީ، ސާފުތާހިރުކަމާބެހޭ މަތީ މަޖިލީހުގެ ވެރިކަންނަގައި ބަލަށް އެހެލައިފައެވެ."

Read more...

ސީދީންތައް ދެރަވުން

ޝާހީ ޚުދުމުޚުތާރު ރަސްކަން އޮންނަ ތަންތާގައި އޮންނަނީ ޢާއިލީ ވެރިކަމެވެ. ސުޢޫދީ ޢަރަބިއްޔާ އާއި، ކުވޭތާއި، ޤަޠަރާއި، ޖޯޑުން އާއި، މޮރޮކޯ ފަދަ ޤައުމުތަކުގައި ބައްޕައަށްފަހު ދޮށީ ދަރިއެވެ. ދެން، ދަރީންގެ މިރިމިންޏަށެވެ.

މިސާލަކަށް، ސަޢުދީ ޢަރަބިއްޔާ މިކިޔާ ޤައުމަކީ، ކުރީގެ ނަޖުދު ކަރަޔާއި ޙިޖާޒުކަރަޔާއި ހަޖުރުކަރަ އެއްކޮށް އެއްޤައުމަކަށް ހަދައި، ސުޢޫދީ ޢާއިލާއިން ވެރިކަންކުރާ ޤައުމެކެވެ. އާލުސުޢޫދުގެ ވެރިކަން ނަޖުދުކަރައިން ވެއްޓިގެން ދިއުމުން، އެޢާއިލާގެ މެމްބަރުން، އައްދިރުޢިއްޔާ ކިޔާ ކުޑަރަށެއްގައި އަމިއްލަ ވެރިކަމެއް ޤާއިމްކުރީ، މީލާދީ 18 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އޭގެފަހުން، ސުޢޫދީ ޢާއިލާގެ ޢަބްދުއްޢަޒީރު އާލުސުޢޫދުގެ ރަސްކަން 11 ޖެނުއަރީ 1926 ގައި، ޖިއްދާގައި އިޢުލާން ކުރެއްވިއެވެ. 1932މ. ވަނައަހަރު، މިހާރުމިއޮތް ކިންގްޑަމް އޮފް ސުޢޫދީ ޢަރަބިޔާ ވުޖޫދަށް އައެވެ. ފުރަތަމަ ރަސްކަލަކީ، ޢަބްދުލް ޢަޒީޒެވެ.

ޢަބްދުލްޢަޒީޒުގެ 35 ބޭފުޅުން ބޮޑުވެ ދުނިޔޭގައި ތިއްބެވިއެވެ. ޢަބްދުލް ޢަޒީޒަށްފަހު ރަސްކަން ލިބިވަޑައިގަތީ ސުޢޫދުބުނު ޢަބްދުލް ޢަޒީޒަށެވެ. ދެން، ފައިޞަލްބުނު ޢަބްދުލް ޢަޒީޒަށެވެ. ދެން، ޚާލިދުބުނު ޢަބްދުލް ޢަޒީޒަށެވެ. އެއަށްފަހު ހުންނެވީ ފަހްދުބުނު ޢަބްދުލް ޢަޒީޒެވެ. މިހާރު ޢަބްދުﷲބުނު ޢަބްދުލް ޢަޒީޒެވެ. ބޮޑެތި ހުރިހާ ރަށެއްގެ ގަވަރުނަރުކަމާއި، ވަޒީރުކަން ކުރައްވަނީ، އަދި މުހިއްމު ސަފީރުކަން ކުރައްވަނީވެސް، ޢަބްދުލްޢަޒީޒުގެ ބޭފުޅުންނެވެ. ކުވެއިތުގައިވެސް މިގޮތެވެ. މިއީ، ޝާހީރަސްކަމުގެ އުސޫލެވެ. ވެރިކަން ވާރުތަވުމެވެ. މިހާރު މިރާއްޖޭގައި މިއޮތް، ސީދީންގެ ވެރިކަންވެސް މިގޮތަށް ގެންދާން ހިތުލައިގެން އުޅުނެވެ.

ހުރިހާ ބާރުގަދަ މުއައްސަސާތައް ދީފައިވަނީ، އާލުސީދީންނަށެވެ. ބޭބެއަށްފަހު ކޮއްކޮ، ވެރިކަންކުރާ އުސޫލުންނެވެ. ނަމަވެސް، ބޭބެޒުވާންކަންމަތީ ހުއްޓައި، ކޮއްކޮ މުސްކުޅިވެއްޖެއެވެ. ޖެހިގެންހުރި ކޮއްކޮ، މެޓާނުކާން ބޮޑާ ހާކާފައި އިސްތިޢުފާ ދީފިއެވެ. މިހެންވުމާއެކު، އަދި ސުޢޫދީ ޢަރަބިޔާގައި ވައްހާބީން، ޖަނގިޔާނުލައި ޖުއްބާލައިގެން ތިބޭހެން ދިވެހީން ނުތިބީތީ، އާލުސުޢޫސުން ދެރަނުވިއެއްކަމަކު، އާލުސީދީން ދެރަވާގޮތް ވެއްޖެއެވެ. މިހާރަކު، އައިސްކޯނެއްހެން ދިވެހިރާއްޖެއާއި ދިވެހި ޚަޒާނާ، ސީދީންނަކަށް ނުބޮވެއެވެ.

އިރެއްގައި، ފިނޭންސް މިނިސްޓްރީއާއި، އެމްއެމްއޭ.އާއި، ޓްރޭޑްމިނިސްޓްރީއާއި، އެސްޓީއޯ.އާއި، ސްޓެލްކޯއާއި، މިފްކޯއާއި، އެމްއެސްއެލް.އާއި، އެއާރމޯލްޑިވްސް އާއި، އަލިފުށީބޯޓްޔާޑާއި، ފެންކުންފުންޏާއި، އެޓޯލްސް މިނިސްޓްރީއާއި، އޭޓީސީ. އާއި، ބޭންކް އޮފް މޯލްޑިވްސް، ސީދީންގެ ހިތްހިތަކަށް އޮތަކަސް، މިއަދަކު އެހެނަކުން ނޫނެވެ. މިއަދު ސީދީންތައް އެތިބީ "ބަބުރުހުސްވެ ފަންތޮއްޓަށް ޖެހިފައެވެ." ދެން ތެޅެވޭނީ "ނަކަސްތަޅާ ގޮތަށެވެ." މިހާރު ދައުލަތުގެ ޚަޒާނާ ބަނޑުއަޅަން ނުލިބޭތީ، ދެކޮއްކޯ އިން، ދެޕާޓީ ހަދަން، މީހުނާ ހަވާލު ކޮއްފައި "މަލަކާ މުހައްމަދު އޮތްހެން" ގޭގައި އެތިބީ ރޯލަރޯލައެވެ.

Read more...

"ރާއްޖޭގެ ތިންވަނަ ބޮޑުތަދު"

ރާއްޖެއަށް ބޮޑުތަދުގެ ދެތަދު އަތުވެއްޖެއެވެ. ފުރަތަމަ ބޮޑުތަދަކީ، ޙާޖީޢީމާދުއްދީންގެ ރަސްކަމުގައި ކުތިމަތިވި ތަދެވެ. އެދުވަސްވަރު، މާލޭ ބޮޑުބާޒާރުގައި ބުންބާމީހުން ވިޔަފާރިކުރާން ތިއްބަސް، އިޤްތިޞާދީގޮތުން ރާއްޖެއޮތީ ވަރަށް ދައްކޮށެވެ. އެކަމެއް ފެށުނީ، ޙާޖީޢިމާދުއްދީންގެ ބޮޑުވަޒީރުކަމުން، އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލޭގެފާނު ވަކިކުރައްވައި، ބޮޑުބަނޑޭރިކަމުން މުލީގޭ ދޮށީދީދީ ދުރުކުރައްވައި، ކަކާގޭ މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނަށް ބޮޑުވަޒީރުކަން، އެއްގަމުގޭ ތުއްތުއަލިދީދީއަށް ބޮޑުބަޑޭރިކަން ދެއްވި ހިސާބުންނެވެ. މިތަދު، ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި، ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ ނިމި، ދުނިޔެ ހަމަޖެހެންދެން ރާއްޖެ އިޙްސާސް ކުރިއެވެ. ދެންއައީ އުއްސަކުރު ޒަމާނެވެ.

އުއްސަކުރު ޒަމާނުގައި، ބޯމަތިން ކާޅުނުއުދުހޭ ތިޔާގި ކަންމަތީގައި ދިވެހީންތިއްބާ، ޙަސަންނޫރައްދީން (2) ގެ ރަސްކަމުގެ ދުވަސްވަރު، ދެވަނަބޮޑުހަނގުރާމަ ފެށުމުން ދެވަނަ ބޮޑުތަދު އައެވެ. މިތަދަށް ކިޔަނީ "ޙަސަންފަރީދު ތަދު" ގެ ނަމުންނެވެ. ޙަސަންފަރީދު އަވަހާރަވެ، މުޙައްމަދު އަމީންގެ ވެރިކަމުގައި، ދެވަނަ ބޮޑުހަނގުރާމަ ނިމި، ދުނިޔެ ހަމަޖެހުމުންވެސް، ރާއްޖެ ހަމައަކަށް ނޭޅެއެވެ. މިދުވަސްވަރަށް "ޖުމްހޫރީ ތަދު" ކިޔައެވެ. މިތަދު ނިމުނީ، ފުރަތަމަ ޖުމްހޫރިއްޔާ އުވާލައި، އެންމެފަހުގެ ރަސްކަން ފެށުމުންނެވެ. ރާއްޖޭގައި ފާހަގަކުރެވެނީ މިދެތަދެވެ. ފުރަތަމަ ބޮޑުތަދާއި ދެވަނަ ބޮޑުތަދެވެ. އަސްލު ބޮޑުތަދަކީ، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގެ ތަދެވެ.

މިދެތަދުގެ ދުވަސްވަރު، މުޅީންވެސް، ފަތްވިލާވެއްޔާއި ދަނޑުވެރިކަމުގެ ތަކެތި ކައިބޮއި އުޅޭންޖެހުނެވެ. ފޭރާމާއި ޒީނަތްތެރިވުމުގެ ސާމާނާއި، ގެދޮރުހެދުމުގެ ބާވަތްތަކުން ދިވެހިން މަޙުރޫމު ވިއެވެ. މިހާރު މިދުވަސްވަރު "ރާއްޖޭގެ ތިންވަނަ ބޮޑުތަދު" އަންނަ ވާހަކަ ނޫސްވެރިން އެބަދައްކައެވެ. އެކަމަކު، އިޤްތިޞާދީގޮތުން އަދި އެހާބޮޑު ދަށުވަތަކަށް ދިޔަކަމަކަށް ބޭރުފުށަކުން ނުފެނެއެވެ.

މާލޭގައި ދިހަބުރިއަށް ގެއެއް ޢިމާރާތްކުރާތަން ނުފެންނަހިސާބަކަށް ނުދެވެއެވެ. ބަނދަރުމަތި ފުރެންދެން އޮންނަނީ ސިމެންތިއާއި ހިލައާއި، ދަގަނޑާއި، ލަކުޑިއާއި ހިލަވެއްޔެވެ. ކޮންމެމީހަކުގެ އަތުގައި މޯބައިލް ފޯނެކެވެ. ޕްރައިވެޓް ކާރާއި ސައިކަލާހެދި އެކަނިވެސް ހިނގާބިނގާވެ އުޅެވޭ ވަރެއްނޫނެވެ. ލަގްޒަރީ ފިހާރަތަކާއި ޓެކްސްޓައިލް ޝޮޕިންގ ސެންޓަރުތައް ދުވަހުންދުވަހަށް ވަނީ އިތުރެވެ. މިހާރުވެސް ފަސްދޮޅަހަކަށް ރިސޯޓް އެބަހަދައެވެ. ކޮންމެ އަންހެނެއްގެ އަތްދަށުގައި ދަބަހެކެވެ. ކޮންމެމީހަކަށް ޑިސްއެންޓަނާއަކާއި ކޮންޕިއުޓަރެކެވެ. ސަތޭކަފޫޓްގެ ފައިބަރު ދޯންޏަކަށް ނޫނީ މަސްވެރިޔަކު ނާރައެވެ. ހުރިހާ ފުލައިޓެއް އަބަދުވެސް އޮންނަނީ ބިޒީ ވެފައެވެ. ދުވާލަކު ނޫހެއް އިތުރުވެއެވެ. ހޮޓަލެއްހުރިއްޔާ ފުރިބާރުވެފައެވެ. ދެންކޮން "ބޮޑުތަދެއް" އަންނަ ވާހަކައެއް ހެއްޔެވެ. ސިޔާސީޕާޓީ ގިނަވެގެން ތިޔާގިވަންޏާ މިތަނަށްވުރެ ތިޔާގި ތަނެއް ނޯންނާނެއެވެ.

Read more...

ސަމުގާ ގައި 32 ދަނޑި ހުރޭ

ސަމުގާއަކީ ކަނޑުދަތުރުކުރާ މީހުން މިޞްރާބު ބަލާއެއްޗެވެ. ދަނޑިއަކީ މިޞްރާބެކެވެ. ސަމުގާ މަސައްކަތް ކުރަނީ ދަގަތްފާނުގެ ބާރުގައެވެ. އަސްލުފަށަނީ އުތުރުންނެވެ. އުތުރަކީ ގަހާއެވެ. ދެކުނަކީ ކާލިއެވެ. އިރު މައްޗަކީ އަރާމުރިނގެވެ. ހުޅަގަކީ އޮއްސޭ މުރިނގެވެ. ސަމުގާގެ ގަހާއިން ކާއްޔަށް ދަމައިލެވޭ ޚިޔާލީ ރޮނގެއްގެ އިރުމަައްޗަކީ "އީރާނު" ފަޅިއެވެ. ހުޅަގަކީ "އަސްތަމާނު" ފަޅިއެވެ. މައިގަނޑު ގޮތެއްގައި ސަމުގާ ބަހާފައިވަނީ ހަތަރުބަޔަށެވެ. އެއީ އިރުއުތުރު، އިރުދެކުނު، ހުޅަގުދެކުނު، އަދި ހުޅަގުއުތުރެވެ. މިއިންކޮންމެ ދޭތެރެއެއްގައި 8 ދަނޑި ހުރެއެވެ. މައިގަނޑު ހަތަރުބަޔަކީ ނުވަތަ ގަހާ ކާލި ދެމުރިނގު އެއީ ކާރޑިނަލް ޕޮއިންޓްސްއެވެ. ކޮންމެބައެއްގައިވާ 8 ދަނޑިއަކީ އިންޓަރ މީޑިއަޓް ޕޮއިންޓްސްއެވެ.

މިޕޮއިންޓް ތަކަކީ ނުވަތަ ދަނޑިތަކަކީ، ވައިޖެހޭ މިޞްރާބުތަކެވެ. ގްރީސްގެ ހޯމަރ، ކާރޑިނަލް ޕޮއިންޓްތަކަށް ނުވަތަ ހަތަރުދަނޑި (ގަހާ، ކާލި، ދެމުރިނގު) ފާހަގަކޮށް ހަތަރުވަޔަށް ނަންދިނެވެ. އެރިސްޓޮޓަލް 12 މިޞްރާބު ފާހަގަކޮށް ބާރަދަނޑިއަށް ނުވަތަ ވަޔަށް ނަންދިނެވެ. ބީސީ 200 ގެ ކުރިން އިރަޓޮސްތީންސް 8 ދަނޑިއަށް މިމިޞްރާބުތައް މަދުކޮށް ނަންދިނެވެ. އެއިރުން ކާރޑިނަލް ޕޮއިންޓުތަކުގެ ތެރެއިން ކޮންމެ ބައެއްގެ މެދުތެރޭ ދަނޑިއެއް ފާހަގަކުރެވެއެވެ. ބީސީ 100 އަހަރުކުރިން، އެތަންސްގައި ހެދި ޓަވަރ އޮފް ވިންޑްސްގައި ވަނީ 8 ދަނޑިއެވެ. ގަދީމީ ގްރީސްގައި މިޞްރާބުތައް ފާހަގަކުރީ، އެކި ދިމަދިމާއިން ޖެހޭ ވަޔަށް ނަންދީގެންނެވެ. މިޞްރާބު ބެލުމުގައި އިންސާނުން ފުރަތަމަ ބެލީ ވަޔެވެ. މިހާރު މިިހިރަ ސަމުގާ އުފައްދައި، 32 މިޞްރާބު (32 ދަނޑި) ފާހަގަކުރީ ޔޫނާނީ ޙަޟާރަތުގައި ޔޫނާނީންނެވެ.

ދިވެހީން މިދަނޑިތަކަށް ކިޔައި އުޅޭ ނަންްތަކަކީ، ރާއްޖެއަށް ސަމުގާ އައިޒަމާނުއްސުރެ ކިޔާނަންތަކެކެވެ. އަނަންތައް، އީރާނު ފަޅިއާއި އަސްތަމާނު ފަޅީގައިވެސް ހަމައެއްގޮތެވެ. އުތުރަކީ ގަހާއެވެ. ދެން (ވައްބުރެއްގެ) އިރު މައްޗަށް ބަލާާށެވެ. ފަރުގަދި، ނާސި، ނާގާ ތިންދަނޑި ހުރެއެވެ. ދެން ހުންނަނީ ކާރޑިނަލް ޕޮއިންޓްގެ މެދެވެ. އެއީ އައްޔޫގުއެވެ. ދެން ގާސިލް، ސިމާގު، ތުރިއްޔާނު ތިންދަނޑިހުރެއެވެ. ދެން ހުންނާނީ އަރާމުރިނގުއެވެ. އަރާމުރިނގާ ނުލައި 8 ދަނޑި މިހާރު ހިނގެއްޖެއެވެ. ދެން އަރާމުރިނގުން ފަށައިގެން އިރުދެކުނަށް އަންނާށެވެ. ޖައުޒާ، ތީރު، އަގްރަބު، ތިންދަނޑިހުރެއެވެ. ދެންހުންނަނީ މެދުދަނޑިއެވެ. އެއީ ގަލްބުއެވެ. އޭގެ ދެކުނަށް، ހިމާރިޔަން، ސިއްލި، ސިއްލަވާރި ތިންދަނޑިހުރެއެވެ. އަރާމުރިނގާއެކު މިވީ 8 ދަނޑިއެވެ. ގަހާއިން ފަށައިގެން މިވީ 16 ދަނޑިއެވެ. ދެންހުންނާނީ ދެކުނު ކާއްޔެވެ. އެއީ، ސުހައިލުއެވެ. އަސްތަމާނުފަޅީގެ ހުޅަނގުދެކުނު ނިންމާނީ ސުހައިލަށެވެ.

އަސްތަމާނުފަޅި ބަލާއިރު، ފަށާނީ ގަހާޔާ ޖެހިގެން ހުޅަނގަށް ހުންނަ ދަނޑިންނެވެ. އެއީ، ފަރުގަދިއެވެ. ދެފަޅީގައިވެސް އެންނަން ކިޔާ ދަނޑިތަކެކެވެ. ރާއްޖޭގެ ނިސްބަތުގައި ގިބުލަ ވާޤިޢުވަނީ، ގާސިލް އަސްތަމާނަށެވެ. ކަރުދާސް ގަނޑެއްގައި ހަތަރެސްކަން ގޮޅިއެއް އަޅާށެވެ. އޭގެ ކޮންމެ ބިތެއްގެ މެދުން އެއްކުރާ ފާހަގައެއް ހެން ރޮނގު އަޅާށެވެ. އަދި ކަނުން ކަނަށް ގުނަކުރާ ފާހަގައެއްހެން ރޮނގުއަޅާށެވެ. ދެން އެއްބިތުގެ މެދުރޮގަކީ ގަހާ ކަމަށް ބަލާށެވެ. ކޮންމެ ދެރޮނގެއްގެ ދޭތެރޭ ހަތަރުބަޔަށް ބައިކޮށް ތިންރޮނގު އަޅާށެވެ. ދެން މިގޮޅި ވައްބުރަކަށް ހަދާށެވެ. އެހެރީ ސަމުގާއެވެ. ވަކިޕޮއިންޓެއްގެ މަތީގައި ހުރެފައި، އެއްދަނޑިއަކަށް ދުއްވާނަމަ، އާދެވޭނީ ފުރި ޕޮއިންޓަށެވެ.

Read more...

އިންފްލޭޝަންގެ ނައިބުކަމުން ކްކިންއޮއިލް ވަކިކޮށްފި

އިންފްލޭޝަނާ ދެކޮޅަށް ހަމަފާޅުގައި މިދުވަސްވަރަކަށް އައިސް މީސްމީހުން އުޅޭލެއް ވަރަށް ގިނައޭ. މިގޮތަށް ހަމަ، ވަންހަނާ ކަމެއްނެތި އިންފްލޭޝަނާ ތޮޅޭ ފަރާތްތައް، ސީޕީއައި އެވެކިޔާ ބާކޮޅަކުން ބަލަމުންވެސް ގެންދެޔޭ. މިގޮތަށް ބަލާމީހުން ބަލަބަލާފައި ބުނެތޭ، ބަޖެޓް ވަޅުގިފިލީ ފުޅަފުގައި ފަންޖަހައި މަތަރަސްދަމާފައި ހުންނަ ދޭސީކަމުން، ނިވައިކަމުގެ ސިޔާސަތު ފޭލިވީމާ ވާގޮތެކޭ މިއީ. މިހެން މިގޮތަށް މިކަން ހިނގާތާ ފަސްއަހަރޭ. އެކަމަކު މަހުންމަހަށް އިންފްލޭޝަން އަންނަނީ އުސްވަމުން ބޮޑުވަމުންނޭ. އަހަރުމެން ހަމަ ރޯމާ ދުވާލު ބަލާފައޭ މިބުނަނީ.

މިކަމެއް މިގޮތަށް ހިނގަމުން އަންނަނިކޮށް، ކުއްލިއަކަށް ޚަބަރު ލިބިއްޖެޔޭ، އިންފްލޭޝަންގެ ނައިބުކަމުން ކުކިންގއޮއިލް ވަކިކުރިކަމަށް. ކުކިންއޮއިލް ބުނެޔޭ އަހަންނަށް ފޮނުވި ސިޓީގައި އޮތީ އެންމެ ދެފޮޅުވަތޭ، އޭގައި އޮތޭ "އިނބަ ދަންނަހަރޭ، ދުވަހަކުވެސް ތެލާ ފެނާ އެއްވުމެއްނެތޭ، ކިތަންމެ ވަރަކަށް ކެއްކިޔަސް، ތިޔަހެން ކެއްކިވަރަކަށް ހިނދޭނީ ފެން އެކަންޏޭ ހީނުކުރަހަރޭ، ތެޔޮވެސް ހިނދޭނެޔޭ، ތެލުގެ ގުރޫޕުގައި ކިތަންމެ ގިނަބާވަތް ހުއްޓަސް، ބޮޑުމަހުތެލާއި ގިތެލާއި ގަރުމަށި ތެޔޮ ހުއްޓަސް މަށަށްހެވޭ، މިއީ ތިހެން ޖެހިތެލެއް ނޫނޭ، އިންފްލޭޝަންގެ ނައިބުކަމުން ކުކިން އޮއިލް ވަކިކުރައްވައިފިޔޭ"

މިކަމާގުޅިގެން ނޫސްވެރިން ކިޔަަތޭ، ޖުމްހޫރީ މޭވާ ތެއްލާން ވެގެން ޓުރާންސްޕޯޓް ކުކިންއޮއިލް އަޅާން ފެށިތާ ތިންދުވަހޭ، ތިންދުވަސް ވާއިރަށް އިންފްލޭޝަންގެ ނައިބުކަމުން އެގޮލާ އެވަކިކުރީއޭ، މިހިރީ އާދައިގެ ކަމެއްވާ ނޫނޭ، މިޔާއެކު، އިންފްލޭޝަނުގެ ދެފިޔަވަހިން ބާރަށް ބުނެތޭ، އަދިވެސް އިތުރު ބާވަތްތައް ކަނޑާނަމޭ، ތިޔަހެން ފާޑުފާޑުކުރި ސިޓީއުރަޔާއި ފައިބޯޅަވެސް ކަނޑައިލައިފީމޭ، ބަންޑާރަ ފިހާރާގައި އުޅުނު އުއްބައްތިއެއްވެސް ކަނޑައިފީމޭ، މިހެންމިހަދަނީ ރައްޔިތުންގެ ލާބަޔަށޭ، މިހެންނުހަދައި ހުރެގެން، މަގޭ ފޮށާނުބޭލުނަސް، އިނބަމެންގެ ރިޒުގެ ދަތިވެ އާއިލާތައް ރޫޅިދާނެތޭ. އިނބަމެންނަށް އެނގޭހޭ، މިއަށްވުރެ ސާފުތާހިރު މިއަށްވުރެ ވައިސާފު، މިއަށްވުރެ އަރާމު، މިއަށްވުރެ މުއްސަނދި އެއްތަނެއްވެސް ދުނިޔޭގައި ނެތްކަން. ދެން މިވަރާ ގާތްކޮއްލެވޭނެ ތަނެއްވެސް އޮތީ އޮޅުދޫކަރަޔޭ، މިތަނުގައި ނެތްކަމެއް އެތަނުގައި އެބައޮތޭ އެއީ، ވަކިވެގަތުމަށް އުޅޭ ބަގަ ބޮންގޮއްވުމޭ، މިސުވަރުގޭގައި އެކަހަލަ ކަމެއް އޮންނާނެހޭ، ނޯންނާނެޔޭ.

އެހެންވެގެނޭ، އިންފްލޭޝަނާ ދެކޮޅަށްތެޅޭ މީހުން ކަނޑާންމިޖެހެނީ، ދެން ތިޔަހެން އުޅެންޏާ ތެޔޮއަޅައިގެން ކާބޯތަކެތި ތެއްލުން މަނާކުރާ ގާނޫނު ފާސްކޮށްފާނަމޭ، އަދިވެސް ބޮޑު ކޯރަމް އޮންނާނީ އިންފްލޭޝަންގެ ގިފިލީގައްޔޭ.

Read more...

ވިޔަފާރި

ދިވެހިބަހުން ވިޔަފާރީގެ މާނައަކީ "ވިއްކުން" މިއެވެ. ޝަރީޢަތުގައި ވިޔަފާރީގެ މާނައަކީ "ޝަރްޢީ ހުއްދަޔާއެކު، އަގެއްހުރި އެއްޗެއް، ބަދަލުގައި އަގެއް އަތުލާފައި، އަބަދަށް މިލްކުކޮށް ދިނުން" މިއެވެ. ޤާނޫނު ނަންބަރ 6/91 "މުދާވިއްކުމާބެހޭ ޤާނޫނު" ގައި، ވިޔަފާރީގެ (މުދާވިއްކުމުގެ) މާނައަކީ "އެމުދަލުގެ މިލްކުވެރިކަން، ވަކި އަގަކަށް، ވިއްކާމީހާގެ ކިބައިން ގަންނަ މީހާއަށް ބަދަލުކުރުމަށް، ވިއްކާމީހާއާއި ގަންނަމީހާއާ ދެމެދުގައިވާ އެއްބަސްވުމެވެ."

ޤާނޫނުގައިވާ ގޮތުން "މުދަލުގެ ތެރޭގައި، ފައިސާނޫން ހުރިހާ، އުފުލޭ ތަކެތި ހިމެނޭނެއެވެ." ވިއްކާމީހާއަކީ "ވިއްކާ ނުވަތަ ވިއްކަން އެއްބަސްވާ މީހާއެވެ." ގަންނަމީހާ އަކީ "ގަންނަ ނުވަތަ ގަންނަން އެއްބަސްވާ މީހާއެވެ." ޝަރަޢީ އުޞޫލުން ބަލާއިރު، ޞައްޙަ ވިއްކުމަކީ "ވިޔަފާރިކުރާ ދެފަރާތަށް ފެނި އެނގިފައިވާ އެއްޗެއް ވިއްކުމެވެ." "ވިޔަފާރިކުރާ ދެފަރާތަށް ފެނި އެނގިފައިނުވާ އެއްޗެއް ވިއްކުން" ޞައްޙައެއް ނޫނެވެ. "އޮޅުން ފިލާވަރަށް، މުދަލުގެ ސިފައާއި ބާވަތް ބަޔާންކޮށް، ފަހުން ލިބޭގޮތަށް ކުރާވިޔަފާރި އަކީ، ސަލަމު ވިޔަފާރިއެވެ."

ޝަރީޢަތުގައި ވިޔަފާރީގެ ޝަރުޠަކީ، ވިއްކާމީހާއާއި ގަންނަމީހާ މާލީގޮތުން ތަޞައްރަފު ފުދިގެންވުމާއި މަޖްބޫރު ކަމެއްނެތުމެވެ. ވިއްކޭ އެއްޗަކީ އަގެއްހުރި (ފަހުންނަމަވެސް މަންފާއެއް ލިބޭނެ) އެއްޗަކަށްވުމާއި، ވިއްކާމީހާގެ މިލްކެއްކަމުގައިވުމާއި، ގަންނަމީހާއަށް ލިބިގަތުން އެކަށީގެންވާ އެއްޗަކަށްވުމެވެ. އަދި ދިނުމާއި ހިފުމުގައި މާނަ އެއްގޮތްވުމެވެ.

ވިއްކާމީހާއަށް މުދާ ވިއްކުމުގެ ޤާނޫނީ ޙައްޤު ލިބިފައިވާން ޖެހޭނެއެވެ. ވަގަށްނެގި މުދަލަކަށް ވެގެންނުވާނެއެވެ. ބޮލުއަޅުވައި ނުވަތަ ދަމައިގަނެ ހެދުން އޮވެގެން ނުވާނެއެވެ، އަގެއްހުރި އެއްޗެއް ނޫނީ ނުވިއްކޭނެއެވެ. އެންމެ ބިންބިފުކަކުން، ހަނޑޫފުކަކުން ވިޔަފާރިއެއް ނުހިންގޭނެއެވެ. ދޮންނުވާ ކެޔޮވަކެއް ގަތަސް ފަހުން ދޮންވެ، ބޭނުން ކުރެވޭ އެއްޗަކަށް ވާނަމަ ޞައްޙަވާނެއެވެ. ދުވެފައިދާ ކުކުޅެއް (ނާލާފުށީ ފަގީރަށް ގެރިދިން މިސާލަށް) ނުވިއްކޭނެއެވެ. އަތުންއަތަށް ވިޔަފާރީގެ ޙައްޤު ބަދަލު ކުރެވެންވާނެއެވެ. ދީފީމޭ ވިއްކައިފީމޭ އަދި ލިބިއްޖެޔޭ ބަލައިގެންފީމޭ ބުނާ ދެފަރާތުގެ ބަސް މުޠުލަޤުވާންވާނެއެވެ.

ވިއްކާމީހާގެ މިލްކަކަށްވުމޭ އޮތްބަހުގެ މާނައަކީ، މެނޭޖަރުގެ މިލްކުމުދަލަކަށްވުމެއް ނޫނެވެ. މުދަލުގެ ރަޖިސްޓްރީ ވެރިފަރާތަކީ ކޮންމެ ފަރާތެއް ކަމަށްވިޔަސް (ޤިރާޟުގެ ވިޔަފާރި އެއް ކަމަށް ވިޔަސް) މެނޭޖަރު އެމުދާވިއްކާހިނދު، އޭނާއަށް ލިބިފައިވާ އިޚްތިޔާރާ އެއްގޮތްވާ ގޮތުގެމަތީން، ޙައްޤުވެރި ފަރާތަކަށްވަނީ މެނޭޖަރެވެ. ގަންނަމީހާއާއި ވިއްކާމީހާޔާ ދެމެދު އުފެދޭ ދެބަސްވުމުގެ މަރުޙަލާގައި، މުދަލުގެ ވެރިފަރާތްކަމަށް ބެލެވޭނީ މުދާވިއްކާ މެނޭޖަރެވެ. އެކަމަކު، ވިޔަފާރިވެރިޔާ ކަމުގައި (ނުވަތަ ވިޔަފާރީގެ މިލްކުވެރިޔާ ކަމުގައި) ޢާއްމު އުސޫލުން (ޤިރާޟުގެ ވިޔަފާރިއެއް ކަމަށްވިޔަސް) ބެލެވޭނީ، މުދަލުގެ އަސްލު (ރަޖިސްޓަރީ) ވެރިފަރާތެވެ.

އިޞްލާޙުކުރެވުނު ޤާނޫނު އަސާސީގެ ރައީސުލް ޖުމްހޫރިއްޔާގެ ބާބުގެ 13 ވަނަ މާއްދާގެ (ހ) ގައިވާ "އަދި ވިޔަފާރިއެއްކޮށް" މިޖުމްލައިގެ ރައްދުވެރިޔަކީ ވިޔަފާރީގެ އަސްލު (ރަޖިސްޓަރީ) ވެރިފަރާތެވެ.

Read more...

"ޤާނޫނުތައް ޖިންނި މޮޔަވުން"

ދަންނައެ، މަލާއިކަތުންގެ ތަސްބީޙައިގެ އަޑުފުޅުން، އެހުމުން ވައްކަންކުރާ މާރިދު ޖިންނިތައް، ކީރިތި ރަސޫލާ ދުނިޔެއަށް ފައުޅުކުރެއްވުމާއެކު، އުޑުގެ ކައިރިޔަށް އަރައިގެން ދިއުން މަނާކުރެވުނޭ. އެއުރެން އުޑުގެ ކައިރިޔަށް ދަންޏާއި، ގިނިހިލައިންޖެހި ހަލާކުވެދެޔޭ. އެހެންވުމުން، ކަހީނުންނަށް ޚަބަރުގެނެސް ދިނުން ހުއްޓިއްޖެޔޭ.

އެހެނެއްކަމަކު، ޖިންނިތައް އެއުޅޭ ޢާލަމެއްގައި އަދިވެސް އެބައުޅެތޭ. އެއުރެން މިހާރު ބޮޑަށް ދަތުރުކުރަނީ ބިމުގައޭ. އެއިރު އެއުރެން ކަހީނުންނާއެކު، ފޮރިންއިންވެސްޓްމަންޓް ކުޅަހެން މިހާރު އިންވެސްޓްމަންޓް ކުރަނީ ސުކޫލުތަކުގައި އުޅޭ ބޮޑުވާދުވަސްވަރުގެ ދޮންރީތި ބިސް އަންހެންކުދީންނާ އެކުއޭ. ފޭލިގެ ޖަހައިގެން ތިބެނީ، ސުކޫލުގޯތީގައި ހުންނަ ވިރިއްކި ގަސްގަހުއޭ. ތަންކޮޅެއް ކުރިން އަލިފުއްޓޭ ކިޔުނު ޖަޒީރާގައިވެސް މިކަހަލަ ކުޅިއެއް ކުޅުނޭ، މިހާރު މިކުޅި ކުޅެނީ މާމަކުނުދުއޭ ކިޔާ މާދުރުގައި އޮންނަ ޖަޒީރާއެއްގައޭ. މިޖިންނިމެން އިންވެސްޓްކުޅަ ކުއްޖަކު ހޭނެތިފައި ގޮނޑުދޮށުގައި އޮއްވާވެސް ފެނިއްޖެޔޭ. މިއިންވެސްޓްމެންޓަށް ޖިންނި މޮޔަވުމޭ ބޫގަލްމާސްޓަރުން ކިޔަތޭ. މިއުރެންގެ އިންވެސްޓްމަންޓްގައި ބައިވެރިވާ ކުދީންގެ ސިކުނޑީގެ އިސްޕައިނަލް ކޯޑަށް ލޮޚުސާން ލިބޭ ކަމަށްވެޔޭ.

ފަހެ މިހައިރު، މިގޮތަށް މިރާއްޖޭގެ ޤާނޫނުތައްވެސް ޖިންނި މޮޔަވާން ފަށަތްޕޭ. އަހުރެން ހިތަށް އަރަޔޭ، މިޖިންނިމެން، ޤާނޫނުތަކާ އެކުވެސް ފޮރިންއިންވެސްޓްމަންޓް ކުޅައީ ތާއޭ. ބަލަގަ، މޮޅު ޤާނޫނީ މާހިރުން އެކުލަވައި، ޤާނޫނުހަދަން ފަސްކުޅަނދު ހަމަވާ އެދުރުން ޖަލްސާކޮށް އެޤާނޫނާމެދު ވާހަކަދައްކައި، ވަކީންމޮޅު އިތުރު ކުޑަ ކޮމިޓީއަކަށް ފޮނުވައި، ކޮށައިމަށައި އޮމާންކޮށް، ލާފެން ކޮށްގެން ގެނައިސް، އެދުރުންގެ މަޖިލީހުން ފާސްކޮށް، ވެރިމީހާ ސިއްކަމުދި ގައްސަވައި އެޔާ ތަބާވުމަށް ކޮލިފަތްތޫރަ ހިންގަވާ ޤާނޫނުތައް، އަމަލުކުރަން ފަށައިފާ ނުވަތަ އަމަލުކުރާން ވެގެން ބަލައިލާއިރު އޮންނަނީ އިސްޕައިނަލް ކޯޑުގެ ބައެއް އުނިވެ، ލޮޚުސާންވެފައޭ. އެއީ، އެޤާނޫތަކާއެކު، ޖިންނިމެން ފޮރިންއިންވެސްޓްމަންޓް ކުޅައީއޭ، މިހައިރު، ބޫގަލްމާސްޓަރުން ބުނެތޭ، ޤާނޫނުތައްވެސް ޖިންނި މޮޔަވަނީއޭ، ޤާނޫނުހަދާ ގޯތީގައިހުރި ބޮޑެތި ގަސްތައް ކަނޑައިލީމާ، ގޭތެރެއަށް ވަނީ ކަމަށޭ ވާނީ. ދުންބަހައްޓައިގެން ކިޔެވެލި ކިޔަވަން ވިއްޔޭ.

މިގޮތަށް ރިވާކުރާ ބޫގަލްމާސްޓަރުން ކިޔަތޭ، އާނފަހެ، ހައިރާނެއް ނުވާނެހޭ، ސިވިލްޤާނޫނޭ ނަމަކަށް ކިޔުނު ޤާނޫނު ހަދައި ފުރާފުރިހަމަކޮށް ޢަމަލުކުރާން ފަށައިގަތް ތަނުން ފަނޑިޔާރުގެއިން އެއެންގީ ނޫންހޭ، ތިބާމެންގެ ޤާނޫނު، ބޮޑުފޮތާ އަރާރުންވެޔޭ. އަނެއްކާ މިހައިރު މުއައްޒަފުންގެ ޤާނޫނުގެ ބޮޑުބައެއް އޮތީ ރޯގޯސްވެފައްޔޭ. ބޮޑުމުރީދު މީހާ އޭނާގެ ފިލާގައި ލިޔެފިޔޭ، މާތްކަލާކޯޔޭ އެއީ، ރާދަވާދުން ވަލުކަރުދާހުގައި ލިޔުނު އިރު ޖެހުނުކުށޭ. މާތުރަ، މިހިރި މިހިރީއަކީ، އިހުނަކު ވާކަންކަމެއް ނޫނޭ، މިއީ ހަމަ، އެޖިންނިމެންގެ ކަންތަކޭ، ޤާނޫނު ތައްވެސް ޖިންނި މޮޔަވަނީއޭ.

އަހުރެން ހިތަށް އަރަޔޭ، އަނެއްކާ މިހައިރު މިހަދާ ބޮޑު ދުސްތޫރު ނެރޭއިރު އަނެއްކާ ކޮންފަދަ ހާލެއްގައި އޮންނާނެބާއޭ. ތައްމަތު.

Read more...

ރާއްޖޭގެ ހަބަރުތައް

މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ

hit counter link

ސައިޓް ބޭނުން ކުރަމުންދަނީ

  © Blogger template Writer's Blog by Ourblogtemplates.com 2008

Back to TOP