ތިންނުކުތާ

"ޅެމުގެ މާނަ އޮންނަނީ ޅެންވެރިޔާގެ ބަނޑުގައި" ކަމަށް ބުނެވެއެވެ. ކިއްސަރުވަޑާން ދަސްވަނީ، މާވަޑިއަކު ބުނެދިނީމާ ކަމަށްވެއެވެ. މިކަންކަން މިހެންހުއްޓަސް، މުޖުތަމަޢުގެ އެންމެހާ އަފްރާދުން، ޢާއްމުކޮށް އެމައްޗަށް ޢަމަލުކުރަންޖެހޭ ޤާނޫނާއި ގަވައިދު ތަކަކީ، ވަރަށް ސާފު ސާދާ ޞަރީޙަބަހުން ޢިބާރާތް ކުރެވިފައިވާ އެއްޗަކަށް ވާންޖެހޭނެކަމަށް ފެނެއެވެ. ޅެމުގެ މާނައޮންނަހެން އެތެރޭގެ މާނައަކާ ބޭރުގެ މާނައެއް އޮންނަ، ކިއްސަރުވަޑާމަށް ވާހެން މީހަކު ބުނެދޭންޖެހޭ އެއްޗަކަށް، ޤާނޫނުއަސާސީ އާއި ޤާނޫނުތައް ވެގެންނުވާނެއެވެ.

ޤާނޫނުއަސާސީ އާއި ޤާނޫނުތަކަކީ، ޤައުމުގެ ހުރިހާ ރައްޔިތުން އެޔާ ތަބާވާންޖެހޭ، އަދި ތަބާ ނުވެއްޖެނަމަ ކުށްވެރިވެ ޢުޤޫބާތް ދިނުމުގެ ބާރުލިބޭ އެއްޗެކެވެ. ޅެމުގެ މާނައަކީ އެންމެން ކުރާ އެއްޗެއްނޫނެވެ. ކިއްސަރު ވަޑާމަކީވެސް އެންމެނަކު ދަސްކުރާ އެއްޗެއްނޫނެވެ. ވުމާއެކު، ޤާނޫނުއަސާސީ އާއި ޤާނޫނުތައް ހަދައި ތަޞްދީޤުކޮށް ޢަމަލުކުރަން ފަށާއިރު އޮންނަންޖެހޭނީ، ބިއްލޫރީގެ މިސާލުން އެތެރެ ފެންނަ ފަދައިން ބޭރުވެސް ފެންނަ ގޮތަށެވެ. އެންމެންނަށްވެސް އުނދަގުލަކާ ނުލައި މާނަކުރެވޭ ގޮތަށެވެ. މިހާރު މިއޮތީ، ސިވިލް ކޮމިޝަންގެ ޤާނޫނުއޮތް ގޮތުން، އެކޮމިޝަން ހިންގުމަށް ދަތިވެގެން، އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެވިފައެވެ. އެޤާނޫނާ މެދު، މަޖިލީހުން ކުރާނެ އެއްކަމެއްވެސް އޮތްކަމަކަށް ނުފެނެއެވެ. މުއައްޒަފުންގެ ޤާނޫނުވެސް މިފަދައެވެ.

މިފަދަ އަނެއްކަމަކީ، އިޞްލާޙުކުރެވުނު ޤާނުނުއަސާސީގެ މައްސަލައެވެ. މިހާރު މިހާރަށްވެސް، ސުޕްރީމްކޯޓަށް ދަޢުވަތު ދެވޭ ތިންނުކުތާ އެބައޮތެވެ.

ފުރަތަމަ ނުކުތާއަކީ، "މިޤާނޫނު އަސާސީ" އެވެ. މިޤާނޫނުއަސާސީ އަކީ ކޮބައިތޯ ބެލުމެވެ. ދެވަނަ ނުކުތާ އަކީ "ޙައްދު ކަނޑައެޅިފައިވާ ކުށެވެ." ދިވެހިރާއްޖޭގެ ޤާނޫނީ ގިއުގަނޑުގައި، ޙައްދުކަނޑަ އެޅިފައިވާ ކުށަކީ ކޮބައިތޯ ބެލުމެވެ. ތިންވަނަ ނުކުތާއަކީ "ވިޔަފާރި" އެވެ. ވިޔަފާރިއަކީ، ދީނީ ޝަރުޢީ ޤާނޫނީ ދާއިރާގައި ކޮބައިތޯ ބެލުމެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ އިންތިޒާމުތަކުގެ ކުރިން، މިތިންނުކުތާ ފެންމަތި ވާނެއެވެ.

މިތިންނުކުތާ ފެންމަތި ވުމާއެކު، ފުރަތަމަވެސް ޖެހޭނީ ސުޕްރީމްކޯޓުގައެވެ. މިއިންކޮންމެ ނުކުތާ އެއްގައިވެސް ދެމާނައެއް އެބައޮތެވެ. އެއްމާނައަކީ، ވަކި މީހަކަށް ސީދާކޮށް ފޮނުވާ ތީރެވެ. އަނެއް މާނައަކީ، ޑިމޮކްރަސީ އެވެ. ސުޕްރީމްކޯޓުން ކުރާނެ ޙުކުމެއްގެ އިންތިޒާރުގައި، ދެމާނަ އަޅައިގެން، ޤާނޫނު އަސާސީ ހަދައި ނިންމުމަކީ ބޮޑު މައްސަލައެކެވެ.

މިހާރު މިއީ ކުޑަމައްސަލައެއް ކަމަށް ހީވިޔަސް، ޤާނޫނުއަސާސީގެ މި ތިންނުކުތާ އަކީ، އިންތިޚާބީ ދުވަސްވަރުގައި ވަރަށް ބޮޑު ތިންމައްސަލައަށް ވާނެއެވެ.

0 ހިޔާލު:

ރާއްޖޭގެ ހަބަރުތައް

މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ

hit counter link

ސައިޓް ބޭނުން ކުރަމުންދަނީ

  © Blogger template Writer's Blog by Ourblogtemplates.com 2008

Back to TOP