އަމިއްލަ ނަފްސަށް މަލާމާތް ކުރުން

ތިމާގެ އަމިއްލަގޭގައި، ތިމާގެ ތައްޕަހުގައި ދިރިއުޅޭ، ތިމާގެ ހަލާލު އަނބިމީހާ، ތިމާއަށް ހަދާނަމޭ ހިތައްއެރިހާ ގޮތެއް ހަދާކަމަށް ތިމާގެދުލުން އިޢުތިރާފުވުމަކީ........... ތިމާގެ އަމިއްލަ މަސްދޯނީގައި، ތިމާ ހުންގާނުގައި ކެޔޮޅެއްގެ ހައިސިއްޔަތުން ހުއްޓާ، ދިޔަވަތުގައި އޮންނަ ސޮރު ބުނާ ހުރިހާގޮތަކަށް ދޯނީގެ މަސްވެރިކަމާބެހޭ އެންމެހާ ކަންކަން ކުރެވޭކަމަށް ތިމާ އެއްބަސް ވުމަކީ...... އަދި، ތިމާގެ އެއްބަފާ މީހާގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި، ތިމާމީހާ ފަތަފޮޅިފިހަންލީ ފަތްގަނޑަށް ވާވަރުވެސް ނުވެ، ވަކަރުގޭ މަސްގަނޑަކަށްވެ، މާދުރުން އައި ތިމާމީހާގެ ޖާނީ ދުޝްމަނެއް ބޭނުންހާގޮތަކަށް ޤައުމުގެ ކަންކަން ހިންގާކަމަށް ތިމާ ބުނެ ހާމަކުރުމަކީ، ޝައްކެއްނެތް ގޮތުގައި، އަމިއްލަ ނަފްސަށް މަލާމާތް ކުރުމެވެ.

ތިމާމެންގެ އަމިއްލަ ޕާޓީގައި ނަގާކިޔަންތިބީ، ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ވިއިރު، ތިމާމެން މަޖިލީހުގެ ޖަލްސާ ތަކުގައި ބައިހަދައިގެން އެއްމިޞްރާބަކުން އެންމެން ވަކާލާތުކުރާއިރު، ޕާޓީއެއް ހަދައިގެން، މަޖިލީހުގެ މެމްބަރުން ކަވަރުކޮށްގެން ނޫޅޭ މީހަކާ ދިމާއަށް އެއީ "ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރަކު ކޮންޓްރޯލް ކުރައްވާ، މަޖިލީހުގެ މައްޗަށް ނުފޫޒާއި ބާރު ހިންގަވަން މަސައްކަތްކުރައްވާ ބޭފުޅެއްކަމުގައި" ބުނުމަކީ، އަމިއްލަނަފްސަށް މަލާމާތް ކުރުމެވެ.

ހަމަ މިފަދައިން، ތިމާމެންގެ ޕާޓީގެފަރާތުން ހުށަހަޅައިގެން، މަޖިލިސް މެމްބަރުންގެ މުސާރަ އުޑާހަމައަށް އަރުވައި، އަދި ތިމާމެންގެ ޕާޓީގައި ހިމެނޭ މަޖިލިސް މެމްބަރުން އެކަމަށް ބާރުދީ ވަކާލާތުކޮށްގެން، އެމުސާރަ ފާސްކުރުވައި ހެދުމަށްފަހު، ތިމާމެންނަކީ، ބަޖެޓްގެ ރިކަރަންޓް ޚަރަދު ބޮޑުވެގެން، ބޮޑުތަދު ލައިގަންނާތީ، އިންފްލޭޝަން އަތުނުޖެހި އުދުހޭތީ ރޮއިހޭރޭ މީހުނަށްވެސް ވީތީ، މެމްބަރުންގެ މުސާރަ އުފުލައިލުން އެހެންމީހެއްގެ ބޮލަށް ފޫޅުކަނޑާލެވޭތޯ ބެލުމަށްޓަކައި "ފިނޭންސް މިނިސްޓްރީގައި ފައިސާ ހުންނަނީ ހަމައެކަނި ސިޔާސީ ކަންކަމަށް ޚަރަދު ކުރުމަށްބާއޭ" ބުނެ އަމިއްލައަށް ސުވާލު ކުރުމަކީ، ތިމާމެންގެ އަމިއްލަ ނަފްސަށް މަލާމާތް ކުރުމެވެ.

ހަމަ މިގޮތަށް، ތިމާމެންގެ ވެރިޔާގެ ބޮޑުބޭ ގައުމުގެ އިސްވެރިޔާ ކަމުގައި ހުއްޓާ، ތިމާމެންގެ ވެރިޔާ އެންމެ ރުޅިއަރާ އެންމެ ޢަދާވާތްތެރި އެންމެ ތާކުންތާކުނުޖެހޭ ކަމަށް ބުނާމީހާ އެދޭހާގޮތެއް ބޮޑުބޭގެ ސަރުކާރުގައި ވަމުންދާ ވާހަކަޔާ، "ކިތަންމެ ބޮޑެތި އަދަދުތަކުގެ ފައިސާވެސް މާލީ ވަޒީރުގެ މަސްލަހަތާ ގުޅިފައިވާ ސިޔާސީ ކަންކަމަށް ޚަރަދުކުރުމަށް ހިތަކަށް ދޫކުރެވެމުން ދާތަން" ފެންނަވާހަކަ ލިޔުމަކީ، އަމިއްލަ ނަފްސަށް މަލާމާތްކުރުމެވެ. އަދި، އޮފީސްއޮފީހުގެ ބަޖެޓް ފައިސާ ހިފަހައްޓައި ފިނޭންސް މިނިސްޓަރު ބޭނުންކުޅިއެއް ކުޅޭއިރު، އިޤްތިސާދީ ތަޢުލީމު ލިބިހުރި، ތިމާމެންގެ ބޮޑުމީހާ އަނގަ ކައިކާ ދުރުގައި ހުންނަކަން ސިފަވާގޮތަށް، ތިމާމެންގެ ނޫހުގައި ލިޔެ ޝާއިޢު ކުރުމަކީވެސް އަމިއްލަ ނަފްސަށް މަލާމާތް ކުރުމެވެ.

އެކަމަކު، ނޭނގޭ މީހަކަށް، ޖެހިޔަސް ނޭނގޭނެއެވެ.

0 ހިޔާލު:

ރާއްޖޭގެ ހަބަރުތައް

މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ

hit counter link

ސައިޓް ބޭނުން ކުރަމުންދަނީ

  © Blogger template Writer's Blog by Ourblogtemplates.com 2008

Back to TOP