ވެރިކަމުގެ ސިޔާސަތު

ރަސްކަމުގައި ނަމަވެސް، ޖުމްހޫރިއްޔާގައި ނަމަވެސް އަދި އެހެން ބާވަތެއްގެ ވެރިކަމެއްގައި ނަމަވެސް، ވެރިކަމުގެ ސިޔާސަތު ހިންގަނީ، އެކިވެރިން އެކިގޮތަށެވެ. އޭގެތެރޭގައި ޖަދަލުކުރުމުގެ ސިޔާސަތު، ބަދަލުހިފުމުގެ ސިޔާސަތު، ބިނާކުރަނިވި ސިޔާސަތު، ދަޅަދެއްކުމުގެ ސިޔާސަތު ހިމެނެއެވެ. ބަދަލުހިފުމާއި ޖަދަލު ކުރުމުގެ ސިޔާސަތަކީ ވެރިކަމުގެ ޝާނާއި ޝައުކަތު ދެއްކުމުގެ ތެރޭގައިވާ ކަމެކެވެ.

ދޮންބަންޑާރައިން ރާއްޖެ މިނިވަން ކުރެއްވުމަށްފަހު، ރަސްކަމަށް އިސްކުރެއްވީ، ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ އާމިނާކަނބާފާނެވެ. ވެރިކަން ހިންގަވަނީ ދޮންބަންޑާރައިންނެވެ. ކުޑަދުވަސް ކޮޅަކަށްފަހު، އާމިނާކަނބާފާނު ރަސްކަންދޫކޮށްލައްވައި، ފިރިކަލުން ގޮވައިގެން ފިރިކަލުންގެ ރަށަށް އައްޑުއަތޮޅަށް ވަޑައިގެންފިއެވެ.

ދުވަސްކޮޅަކަށްފަހު، މާލެއިން އެރަށަށްދިޔަ ޚަބަރަކާގުޅިގެން، ކަނބާފާނުގެ ދެމަފިރިކަނބަލުން ފިއްލަވައިގެން މަލިކަށް ވަޑައިގަތުމުގެ ދަތުރެއް ފެއްޓެވިއެވެ. މިކަން ދޮންބަންޑާރައިންނަން އެނގިވަޑައިގަތުމުން، އެދެކަނބަލުން ހޯއްދަވައިގެން ގެންނަވައި، ފެންފުށްޓަށް އަރުވާ ލައްވައިފިއެވެ.

ދޮންބަންޑާރައިންނަށްފަހު، ރަސްކަމަށް އިސްކުރެވުނީ ދިޔަމިގިލީ ދަރިކޮޅުގެ މުޙައްމަދު މަނިކުފާނު ހާޖީބަންޑާރައިންނެވެ. މިރަސްކަމުގައި، ދޮންބަންޑާރައިންގެ ދޮށީދަރިކަލުން ރަސްކަމަށް ވެރިވެވަޑައިގަންނަވާން އުޅުއްވާ ޚަބަރެއް ލިބިވަޑައިގެން، ދޮންބަންޑާރައިންގެ ހުވަފަތް އަނބިކަނބަލުންނާއި، ބޭފުޅުން، ފެންފުށްޓަށް އަރުވައިލައްވައިފިއެވެ. މިއީ ބަދަލުހިފުމުގެ ވަރަށް ރީތި މިސާލެކެވެ.

އޭގެފަހުން، ފެންފުށިން، އައްޑުއަތޮޅަށް އެޢާއިލާ ބަދަލުކުރެއްވިއެވެ. އެފަހަރު އަރުވާލެއްވީ، އައްޑޫ ހިތަދޫ "ރަސްގެދަރު" އަށެވެ. "އިހުއޮތްދަރަށް އޮބުނީއޭ" މުސްކުޅިން ބުނާގޮތަށް "ރަސްގެދަރަށް އޮބުނީއޭ" ބުނާންވެގެން އެސަރަހައްދަށް ރަސްގެދަރު ކިޔައިނަންދެވުނެވެ. ("އިހުއޮތް ދަރަށް އޮބުނީއޭ" ބުނަނީ، "އިހުއޮތްގޮތަށް އަލުން ބަދަލުވީއޭ" ބުނުމަށެވެ.) އާމިނާކަނބާފާނުގެ ޢާއިލާ ދޮންބަންޑާރައިންގެ ވެރިކަމުގައި (ރަސްކަން ދޫކުރައްވައި) އައްޑުއަށް ވަޑައިގަތީ، ދޮންބަންޑާރައިންގެ މައްޗަށް އެހެންމީހަކު ނުބެހެއްޓުމަށްޓަކައި، ބޮޑުން އުނދަގޫ ކުރުމުންކަމަށް ބުނެވެއެވެ. އެޢާއިލާވެސް ވަޑައިގަތީ އައްޑުއަށެވެ. ދޮންބަންޑާރައިންގެ ޢާއިލާވެސް އައްޑުއަށެވެ. އެހެންވީމާ "ރަސްގެދަރަށް" އޮބުނީއެވެ. ބަދަލުހިފުމާއި ޖަަދަލުކުރުމުގެ ރީތި ނަމޫނާއެކެވެ.

ހާޖީ ބަންޑާރައިންގެ ރަސްކަމުގައި، އެރަދުން ޙައްޖަށް ވަޑައިގެން ހުންނަވަނިކޮށް، ހުރާ ދަރިކޮޅުގެ ބޭފުޅުން ރަސްކަން ބަދަލުކުރައްވާ، ދޮންބަންޑާރައިންގެ ބޮޑުބޭބެ ކޮއްކޮ ޝަމްޝުއްދީން(2) ރަސްކަމަށް އިސްވެ ވަޑައިގަތެވެ. ހާޖީބަންޑާރައިން އެނބުރި ރާއްޖެވަޑައިގަތުމުން ކަނޑުފެއްތީއެވެ. (އެކަމެއް ހިނގީ ޝައުބާން މަހެއްގެ 7 ވަނަ ރޭގައެވެ.) ބަދަލުހިފައި ނިމުނީއެވެ.

އެކަމަކު، ޞަލީބީ ހަނގުރާމައިން ފަތަޙަ ލިބިވަޑައިގަތުމުން، ހައްޔަރުވި ހުރިހާ ކާފަރުންނަށް ޞަލާޙުއްދީނުލް އައްޔޫބީ މަޢާފުދެއްވިއެވެ. އިބްރާހީމް ނާޞިރުގެ ވެރިކަމަށްފަހު މައުމޫނުގެ ސަރުކާރުން ނާޞިރާމެދު ކަންތައްކުރަނީ ކިހިނެއްހެއްޔެވެ.

Read more...

އިންސާފާއި ހަމަހަމަކަން

އިންސާނީ ފިޠުރަތުގެ ބިންގަލަކީ، އިންސާފާއި ހަމަހަމަ ކަމެވެ. މިޔާޚިލާފަށް އުފެދޭ އެއްވެސް މުޢާމަލާތެއްގައި ކާމިޔާބެއް ނެތެވެ. ތަޢުރީފު ލިބުމެއްވެސް ނެތެވެ. ދުނިޔޭގެ ކާމިޔާބު ޙަޟާރަތުތައް އައިސްފައިވަނީ މިބިންގަލުގެ މަތީގައި ބިނާވެގެނެވެ. އިސްލާމީ ތާރީޚުގެ އެންމެ މުހިއްމު ދައުލަތް ކަމަށްވާ ޢައްބާސީ ދައުލަތުގެ މަޝްހޫރު ޚަލީފާ ހާރޫނުއްރަޝީދަކީ، އިންސާފާއި ހަމަހަމަކަން ޤާއިމް ކުރެއްވުމުގައި ލާމަސީލު ވެރިޔެކެވެ.

ޚަލީފާހާރޫނުއްރަޝީދުގެ ރަސްކަމުގައި، ބަޣުދާދުގެ ރަށްފުށުގެ ގޭގެއަށް ދަންވަރުވަދެ، ވައްކަންކޮށް، ފޭރި އަދި، ޖާރިޔާއިންނާ މައްލަވަކޮށް (މިހާރުނަމަ ބިޓްހިއްލައި) އުޅޭ ދެމީހަކުގެ ޚަބަރު ރަސްގެފާނަށް ލިބިވަޑައިގަތެވެ. ޚަބަރުގެނައި މީހުން ދެންނެވީ، އެއީ، ޚަލީފާގެ ދެބޭފުޅުން ކަމަށްވާ، އަމީނާއި މައުމޫނު ކަމުގައެވެ. މިޚަބަރު އައްސަވައި، އެދެމީހުން އުޅޭ ހިސާބެއް ޔަގީންވުމުން، ރަސްގެފާނަށް ދެންނެވުމަށް އަމުރުކުރެއްވިއެވެ.

މިހެންވެފައި ވަނިކޮށް އެއްރެޔަކު، އެދެމީހުން އުޅޭ ހިސާބުގެ ޚަބަރު، ރަސްގެފާނަށް ލިބިވަޑައި ގެންފިއެވެ. އެހިނދު ހަތިޔާރުއެޅި ލަޝްކަރާއެކު، އެހިސާބުގަނޑަށް، ވަރަށް އަވަހަށް ދަތުރު ކުރައްވައިފިއެވެ. އޭރު، އެދެ މީހުން ވަދެއުޅޭގޭގެ ފިިރިހެންވެރިން ނުކުމެ މަގުމަތީގައި ތިއްބެވެ. އެދެމީހުން، އެގޭގައި ޖާރިޔާއިންނާ (މަސައްކަތްކުރާ އަންހެންކުދީންނާ) ސަމާސާ ބުނަމުން ގެންދެއެވެ.

މިކަން ޔަގީންވެ ވަޑައިގަތުމުން، ރަސްގެފާނުގެ ޖައްލާދު މަސްރޫރަށް އެންގެވީ އެގެޔަށް ވަދެ، ބައްތި ނިއްވާލައި، އެދެމީހަކުގެ ބޯކަނޑައިލުމަށެވެ. ދެން މަސްރޫރު، އެގެޔަށްވަދެ (ކަނޑީގެ އަލީގައި) އެދެމީހަކުގެ ބޯކަނޑާލައި، މަގުމައްޗަށް، ރަސްގެފާނުގެ ކުރިފުޅުމައްޗަށް ނެރެފިއެވެ.

ރަސްގެފާނުގެ ކުރިފުޅުމައްޗަށް، އެދެބޯ ވައްޓާލުމުން، އެދެބޮލަށް ބައްލަވާފައި ވިދާޅުވިއެވެ. "މާތްﷲއަށް ޙަމްދުހުއްޓެވެ. މިރޭ، އަހަރެންގެ އިންސާފުވެރި ކަނޑީން، އަހަރެންގެ ދެދަރިން ސަލާމަތްވެއްޖެއެވެ." އެވަގުތު، ގޭގެވެރިމީހާ ދެންނެވިއެވެ. "މަނިކުފާނުގެ ދެބޭފުޅުން ކަމަށްވެސް ހީފުޅު ކުރެއްވީތޯއެވެ." ރަސްގެފާނު ވިދާޅުވިއެވެ. "ޚަބަރު ލިބުނީ، އަހަރެންގެ ދެދަރީންނާ އެއްގޮތް ސިފައެއްގައި އެދެމީހުން އުޅޭ ކަމުގައެވެ. އަހަރެން ގަސްތު ކުޅައީ، އެދެކުދީންނަކީ ޒުވާނުން ކަމަށްވާތީ، އެކަހަލަ ކަމެއްވެސް ކޮއްފާނެ ކަމަށާއި، އެދެކުދީން ކަމަށް ވިޔަސް، އެނުބައި ޢަމަލުން މިރަށް ސަލާމަތް ކުރުމަށެވެ."........ ވެރިއެއްގެ އިންސާފާއި ހަމަހަމަކަން ހުންނާންވީ ގޮތުގެ މިސާލެކެވެ.

މިއަދު، ދިވެހިރާއްޖެއިން ފެންނަމުންދާ މަންޒަރުތަކާ، އިސްވެބަޔާންކުރި ހާދިސާއާ، އަޅާކިރާލާށެވެ.

Read more...

ތަޖްރިބާއަށް ބަލާށެވެ. ވޭތުވީ ކޮންކަހަލަ ތިރީސްއަހަރެއް ހެއްޔެވެ.

ޙާޖީޢިމާދުއްދީން ސުވޭހު ކައިވެނިފުޅަށް ވަޑައިގެން، ސުވޭހުގައި ހުންނަވަނިކޮށް، އަތިރިގޭ ޢަބްދުލްމަޖީދުދީދީ (ރަންނަބަނޑޭރި ކިލެގެފާނު) އިސްވެހުންނަވައި، މުލީގޭ މަނިއްޕުޅު މުޙައްމަދު ޝަމްސުއްދީން، ރަސްކަމަށް އިސްކުރިއެވެ. އެހާތަނުން މައްސަލަޖެހޭގޮތް ވެއްޖެއެވެ. ހާޖީޢިމާދުއްދީން އެނބުރި ސިލޯނަށް ވަޑައިގެންފިއެވެ. އޭރު، ރާއްޖެ އޮތީ އިގިރޭސި އިސްތިޢުމާރުގެ ދަށުގައެވެ. ސިލޯނުގައި އޮތް، އިގިރޭސި ސަރުކާރުން، ރަސްކަން ބަދަލުވިގޮތް ތަޙްޤީޤު ކުރަން ގަސްތުކޮށްފިއެވެ.

ރަސްކަން ބަދަލުވީ މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި، މާލެއައީ، ލެފްޓިނެންޓް ގަވަރުނަރ އެވެ. މީނާ މާލެއައީ، އެޗްއެމްއެސް، ހައިފްލަޔަރ (މަނަވަރު) ގައި 1903 މެއި 16 ވަނަ ދުވަހުއެވެ. 17 ވަނަދުވަހުގެ މެންދުރު ލެފްޓިނެންޓް ގަވަރުނަރ މާލެފައިބައި، ރަސްކަން ބަދަލުވި މައްސަލަ ތަޙްޤީޤުކުރުމުގެ ދަރުބާރު ބޭއްވިއެވެ.

އެ ތަޙްޤީޤުގައި، މާލޭގެ ރައްޔިތުންނާއި، ފަޅުއޮޑިފަހަރުގެ މީހުން ދެދުރޯށި ދޭތެރެއަށް އެއްކުރެވުނެވެ. އަދި، ޙާޖީޢިމާދުއްދީންގެ ރީޖެންޓް މާންދޫގެ ދޮށީމަނިއްޕުޅާއި، ޝަމްސުއްދީން ރަދުން ގެނެސް، ރައްޔިތުންގެ ކުރިމަތީގައި ބައިތިއްބިއެވެ. ދެން، ލެފްޓިނެންޓް ގަވަރްނަރ، ރައްޔިތުންގެ ތެރޭގައި ހިންގައި، "ތިޔަބައިމީހުން ރުހެނީ ކޮންރަސްކަލަކާހޭ" އަހައި ސުވާލު ކުރަމުން ދިޔައެވެ. އެންމެން އެކުގައިހެން "ޝަމްސުއްދީނޭ، ޝަމްސުއްދީނޭ" ގޮވައި، ހަޅޭއްލަވަމުން ދިޔައެވެ. ތަޙްޤީޤަކީ އެއީއެވެ. ރައްޔިތުން ބޭނުންވާ ރަސްކަލަކު ބެލުމެވެ. އެދުވަހު ރައްޔިތުންބެލީ ތަޖްރިބާއަށެވެ.

ހާޖީ ޢިމާދުއްދީންގެ ރަސްކަމުގެ ފަހުކޮޅު ސަރުކާރު ހިންގަވަން ތިއްބެވީ އަނބިކަނބަލުންގެ ގާތް ބޭފުޅުންކަމަށްވާ އެއްގަމުގޭ ބޭފުޅުންނާއި، ތިމާގެފުޅު ބޭފުޅުން ކަމަށްވާ މާންދޫގޭ ބޭފުޅުންނެވެ. ބޮޑުބަނޑޭރި މުލީގެ ދޮށީދީދީ އިސްތިއުފާ ދެއްވުމުން ބޮޑުބަނޑޭރިއަކީ، ހާޖީޢިމާދުއްދީންގެ ޅިޔަނު ތުއްތުއަލިދީދީއެވެ. ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނާއި، މާލޭގެ އެހެނިހެން ބޮޑުންނާ ގުޅުމެއްނޯވެއެވެ. އެބޭފުޅުން "ރާއްޖޭން ބޭރަށްކުރައްވާ އެކިއެކިދަރުރުފުޅުގައި 14 ހާސް 15 ހާސް ގެންދަވާފައިވެސް، ސަރުކާރަށް ކުޑަލާރިއެއްގެ މިންވަރުވެސް ނުގެންނަވާ" ކަމަށްވެއެވެ. "ދެންވާންފެށިގޮތަކީ، ގިނަފޮއި އަންނައިރު ބަނޑުދޭނެ ހަނޑުލެއް ސަރުކާރުގައި ތައްޔާރުވެފައެއް ނުހުރެއެވެ." ދެން ބުންބާ ފިހާރަތަކުން ދަރަންޏަށް ހަނޑޫ ގެނެސްގެން ބަނޑު ދެނީއެވެ. ރައްޔިތުން، ޝަމްސުއްދީނުރަދުން ޚިޔާރުކުރީ މިތަޖްރިބާއަށް ބަލައިގެންނެވެ.

މިއަދުވެސް ރައްޔިތުން މިއޮތީ މިތަޖްރިބާއަށް ބަލާންޖެހިފައެވެ. ވޭތުވީ ކޮންކަހަލަ ތިރީސް އަހަރެއް ހެއްޔެވެ.

Read more...

ޒަމާން ބަދަލުވެއްޖެއެވެ. ވިސްނުން ބަދަލު ކުރާށެވެ!

ދުނިޔޭގެ ޠަބީޢީ ޙާލަތު އަބަދު އެއްގޮތަކަށް ނޯވެއެވެ. ބަދަލުވެއެވެ. ފޮރޮޅެއެވެ. ދުނިޔެވެސް އެނބުރެނީއެވެ. ފޮރޮޅެނީއެވެ. މިއަދު މިފެންނަނީ އިއްޔެ ފެނުނު ގޮތްތަކެއް ނޫނެވެ. ޒަމާން ބަދަލު ވެއްޖެއެވެ. އެޔާއެއްގޮތަށް ވިސްނުންވެސް ބަދަލުކުރާށެވެ!

އިންސާނާގެ ވިސްނުން އަބަދު ހުންނަންޖެހެނީ އެއްމިޞްރާބެއްގައެއް ނޫނެވެ. ޒަމާނާ އެއްގޮތަށް ވިސްނުމުގެ މިޞްރާބު ބަދަލުކުރަން ޖެހޭނެއެވެ. ޙާލަތު ބަދަލުވުމުން، ގޮތްވެސް ބަދަލުކުރާން ޖެހެއެވެ. ހަވީރުފިންޏަށް ޤުދުރަތީ މަންޒަރުދެކިލަން އަތިރިމައްޗަށް ދާމީހާ، ރައްވިލާ އޮއްސުމުން ގެއަށްދެއެވެ. މައިމީހާގެ ގާތުން ކިރުފޮދެއް ނޫނީ ނުބޮވޭ ކުޑަދަރިފުޅު، ވަކިއުމުރަކަށް ދިއުމުން ކާންފަށައެވެ. ކަނޑުވެފައިވާ މީހާ، އެއްގަމަށް އެރުމުން ބޭނުންވަނީ ހީފިލުވާށެވެ. ޙާލަތު ބަދަލުވީމާ، ގޮތްވެސް ބަދަލުވަނީއެވެ.

މިއަދު ދިވެހީންނަށް އޮތީ، ވިސްނުން ބަދަލުކުރާން ޖެހިފައެވެ. ކުރީގެ އަޅުވެތި ފިކުރު ދޫކޮށް، މިނިވަން ފިކުރަށް އިންތިޤާލުވާން ޖެހިފައެވެ. އެހެންނޫނީ، ކާމިޔާބެއް ނުހޯދޭނެއެވެ. ސައްޔިދުނާ ޢުމަރުގެފާނު ވިދާޅުވިކަމަށް ރިވާ ވެފައިވެއެވެ.

"ޖާހިލިއްޔަ ޒަމާނުގައި އަހަރެން ވިޔަފާރި ދަތުރަކު ދިޔައީމެވެ. އަހަރެން ރަށުންނުކުތީ، އަޅުކަން ކުރުމަށްޓަކައި، ކަލާނގެ ހަދައިގެން އެ ހިފައިގެންނެވެ. މަންޒިލަށް މަޑުކޮއްފައި، ކަލާނގެ ނަގައި ބަހައްޓައިގެން އަޅުކަން ކުރަނީއެވެ. މިހެން އުޅެނިކޮށް، ދަތުރުގެ ކޮއްތު ހުސްވެއްޖެއެވެ. ދެން ބަނޑުހައިވެގެން، ކަލާނގެ އެއްއަތް ކާލައިފީމެވެ. އަނެއްފަހަރު އަނެއްއަތް ކާލައިފީމެވެ. މިހެންގޮސް، ބާޒާރަކާ ހަމައަށް ދެވުނުއިރު، ކަލާނގެ ކައި ހުސްވެއްޖެއެވެ. އަހަރެންގެ ހިތަށް މިހާރު އަރައެވެ. އަހަރެން އެއާ ތަބާވެ ސަޖިދަކުރާ ކަލާނގެ މިހަދަނީ ގޮދަންފުށުން ތެލުލައިގެނެވެ. އަހަރެން ވާގިއެދެނީ އޭގެ ކިބައިންނެވެ. ބަނޑުހައިވީމާ ކަނީ އެކަލާނގެއެވެ. އެންމެފަހުން، ކަލާނގެ ކައިހުސްވީއެވެ. އޭރު އެހެރީ ކޮންކަހަލަ ވިސްނުމެއް ހެއްޔެވެ. މިހާރު އަހަންނަށް ތެދުމަގު ފެނުމުން އެނގެނީ އަދި ޤަބޫލުކުރަނީ، އަހަރެން ތަބާވާ ފަރާތް ވާންޖެހޭނީ، ހުރިހާ ފަރާތަކަށްވުރެ ބާރުގަދަ ގަދަފަދަ ފަރާތަކަށް ކަމުގައެވެ." މިއީ ރަނގަޅު ފިލާވަޅެކެވެ.

މީގެކުރިން ދިވެހިން ހީކުރަނީ، މިދިވެހިބިމަކީ ވަކިބައެއްގެ އެއްޗެއް ކަމުގައެވެ. ތަބާވާންޖެހޭނީ އެމީހުނަށް ކަމުގައެވެ. މިއަދު، ބަލަންވީ އެހެނަކުން ނޫނެވެ. މިއަދު ބަލަންވީ، މިއީ އެންމެންގެ ޤައުމު ކަމުގައެވެ. ތިމާ ތާއީދުކުރަންވީ، ޤައުމަށް ހެޔޮއެދޭ އެހީތެރިޔާއަށް ކަމުގައެވެ.

Read more...

އިންސާނުންނާއި ޙައިވާނުން

ދުނިޔޭގައި މާތްﷲ އުފެއްދެވި ހުރިހާ އެއްޗަކީ (ނުވަތަ ޚަލްޤުކުރެއްވި ހުރިހާ ތަކެއްޗަކީ) މަޚްލޫޤުންނެވެ. އޭގެތެރޭގައިވަނީ ފުރާނަ އެޅުއްވި ތަކެއްޗާއި، ދިރުން ލެއްވި ތަކެއްޗާއި، ފުރާނައާއި ދިރުންނެތް ތަކެއްޗެވެ. މިސާލަކަށް، ހިލަގަނޑަކީ ދިރުންނެތް ފުރާނައެއްނެތް އެއްޗެކެވެ. ގަސްގަހާ ގެއްސަކީ ފުރާނަނެތް ދިރުންހުރި އެއްޗިއްސެވެ. ފުރާނަ އެޅުއްވި އެއްޗިއްސަކީ، އެއަށް ޙަޔާތެއްވާ ކޮންމެ އެއްޗެކެވެ. އެއީ އިންސާނުންނާއި ޖިންނީންނާއި، ވަލުޖަނަވާރާއި، މަސްމަހާމެއްސާއި، ދޫނިސޫފާސޫތްޕާއި، ފަނިފަކުސައެވެ. ޙައިވާނޭ ކިޔަނީ މިބަޔަށެވެ.

ޙައިވާނޭ ބުނެވޭ ބަހުގެ މާނައަކީ އެއަށް ޙަޔާތެއް ވުމެވެ. ޙަޔާތުގެ މާނައަކީ ފުރާނަ ލިބުމެވެ. ޙައިވިއްޔަތަކީ ފުރާނަ ހުރުމެވެ. ޙައިވީއަކީ ފުރާނަހުރި އެއްޗެތި މާނަކޮށްދިނުމެވެ. ބަޔަލޮޖީ ނުވަތަ ބަޔަލޮޖިކަލްއޭ ބުނަނީވެސް މިއުސޫލުންނެވެ. އެންމެހާ ޙައިވާނުން، ނުވަތަ ފުރާނަ އެޅުއްވި އެންމެހާ ތަކެތި، މައިގަނޑު ދެބަޔަކަށް ބެހެއެވެ. އެއީ ވާހަކަދައްކާ ޙައިވާނާއި، ވާހަކަ ނުދައްކާ ޙައިވާނެވެ. ވާހަކަދައްކާ ޙައިވާނަކީ އިންސާނާއެވެ. ވާހަކަނުދައްކާ ޙައިވާނަކީ، ދެންހުރި އެހެން ބައިތަކެވެ. ޖަނަވާރާއި ދޫނިސޫފާސޫތްޕާއި މަސްމަހާމެއްސާއި ފަނިފަކުސައެވެ.

ވާހަކަނުދައްކާ ޙައިވާނުންގެ ތެރޭން ޖަނަވާރަކީ، ހަތަރު މޮއްގަނޑުޖަހައި ބަނޑުބިމުން އުފުލައިގެން އުޅޭ ބާވަތްތަކެވެ. ދޫނިސޫފާސޫތްޕަކީ، ހިނގާބިނގާވެ އުދުހި އުޅޭ ބާވަތްތަކެވެ. މަސްމަހާމެއްސަކީ ފެނުގާ ދިރިއުޅޭ ބާވަތްތަކެވެ. ފަނިފަކުސައަކީ، އެއްގަމާއި ފެނުގައި ފިރުކިއުޅޭ ބާވަތްތަކެވެ. ވާހަކަދައްކާ ޙައިވާނަކީ، އަޝްރަފުލް މަޚްލޫޤާތުގެ ދަރަޖަދެއްވި އާދަމުގެ ދަރީންނެވެ. މިބަޔަށް "އިންސާން" ކިޔާފައިވަނީ ޢަރަބި ބަހުގެ "އުންސު" މިލަފްޒާ ގުޅުވައިގެނެވެ. އުންސުގެ މާނައަކީ، ގާތްކަން އެނގުމެވެ. އެންމެހާ ޙައިވާނުންގެ ތެރޭން ގާތްކަން ނުވަތަ މައިދަރި އަޚުވަންތަކަން ޙިއްޞާކުރާ އެއްޗަކީ އާދަމުގެ ދަރީންނެވެ.

އާދަމުގެ ދަރީންނަކީ، ސައްޔިދުނާ އާދަމް ޢަލައިހިއްސަލާމްގެ ދަރިކޮޅެވެ. އާދަމުގެފާނު ހެއްދެވީ މަށީންނެވެ. (ޖިންނީން ހެއްދެވީ އަލިފާނުންނެވެ.) އެންމެ ފުރަތަމަ އިންސާނަކީ އާދަމްގެފާނެވެ. ދެވަނަ އިންސާނާ ޙައްވާގެފާނު އުފެއްދެވީ، އާދަމްގެފާނުގެ ވާތުއަރިކަށިފުޅުގެ ކަށިކޮޅަކުން ކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ. ދުނިޔޭގެ އިންސާނީ ޙަޔާތް އުފެދުނީ، ޙައްވާގެފާނު އުފަންވުމާ ގުޅިގެންނެވެ. ޙައްވާގެފާނަށް "ޙައްވާ" ކިޔައިފައިވަނީ، "ޙައިވާން" މަލަފްޒާ ގުޅޭގޮތުން ކަމަށް ބުނެވެއެވެ. މިހެންމިކަން ހުރުމުން، ފުރާނަ އެޅުއްވި ހުރިހާ އެއްޗަކީ ޙައިވާނުންނެވެ. "ބަސްނުމޮށެވޭ ޙައިވާނެކޭ" ބުނަނީ، އިންސާނުންނާއި އެހެނިހެން ޙައިވާނުން ވަކިކުރުމުގެ ގޮތުންނެވެ.

އެހެންނަމަވެސް، ވަރަށްގިނަބަޔަކު ބަލަނީ، ޙައިވާނަކީ ހަމައެކަނި ވަލުޖަނަވާރު ކަމުގައެވެ. މިއީ، ވަރަށް ބޮޑުއޮޅުމެކެވެ. މަޚްލޫޤުންނަކީ، ދުނިޔޭގައި ޚަލްޤުކުރެއްވި އެންމެހާ ތަކެއްޗެވެ. ޙައިވާނަކީ، ދުނިޔޭގައި ހެއްދެވި ފުރާނަހުރި އެންމެހާ ތަކެއްޗެވެ. މީގެތެރޭން ބަސްމޮށޭ ޙައިވަނަކީ އާދަމުގެ ދަރީންނެވެ. ޖަނަވާރާއި، ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި ފަނިފަކުސައަކީ ބަސްނުމޮށެވޭ ޙައިވާނެވެ.

Read more...

ޤާނޫނުއަސާސީ ތަޞްދީޤުކުރެއްވި ދުވަހަށްޓަކައި ޝުކުރާއި ތަޢުރީފުގެ ޖިޒީއެއް

ރާގު: ޖަހާން ތޫހޭ ވޮހާންކީ
މިއީ ދިވެހިންގެ ޤައުމީ އާ ޙަޔާތުގެ އަލިވިލޭ ދުވަހޭ
މިއީ ދިވެހިންގެ މިނިވަން އާ ނަސީބުގެ މާފޮޅޭ ދުވަހޭ
* * * * * * * * *
މި މިނިވަން ސާފު ޤާނޫނީ ހިޔާވަހިކަން ލިބޭ މިފަޒާ
ދިމިޤްރާޠީ ޝަބިމްގެ ވިލާތަކުން ދުންފިނިވެގެން ތާޒާ
މިމިތުރުންނާ އެކީ ނަށަމުން އަލުން ހިނހިތުންވެލާ ދުވަހޭ

ނުކުމެގެންދާ ހިނދުން ދުސްތޫރު އޭގެ ޝަބާބް މެޙެފިލްގައި
ޝުކުރުވެރި ބާނިތައް ފިރުމާހިނދުން ދީބުގެ މިސާޙިލްގައި
ރުކުރުވާ އަޑުތަކުން މަޖިލިސް ރައީސުގެ ނަންކިޔޭ ދުވަހޭ

ދިރޭ އުއްމީދުތައް، ކުރި އިންތިޒާރުގެ ރޭދުވާނިމިގޮސް
މިރޭވުން ހޫނު ޚުދުމުޚުތާރު އަދި އަޅުވެތި، އެކީ ނެތިގޮސް
ވިރޭ މިނިވަންކަމުގެ ނަލަދޯދިތައް ޖައްވުން ވިދާ ދުވަހޭ

ރިޔާސަތު ދައްކަމުންދިޔަ ޚިދުމަތާ ޙިކުމަތުގެ ޤުރުބާނީ
ސިޔާސަތުގައި އެވާސާބިތުކަމާ ކެރުމާއި އީމާނީ
ޚިޔާލަށް މުޅި ވަޠަންގެ އައިސް، ސަނާތަކުރާރުވާ ދުވަހޭ

ހަދާ، ޝާހީވިރާސީ މިލްކަކަށް ދިވެހިންގެ ނަލަބިންތައް
ޢަދާލަތު ވެރިކަމުގެ ރޭވުންތަކާ ގުޅުވާ، ނަގާ ހިތްތައް
ތަދާ އަނިޔާގެ މަންޒަރު ދެއްކި މަސްރަޙުބަންދުވާ ދުވަހޭ

ހުރަސްތައްހުރި ގިރާކުރަމުން ދިވެހި ޤައުމަށްޓަކާ ޤާސިމް
ކުރެއްވެވި ޚިދުމަތަށް ތަޢުރީފު ރައްދުކުރުން ވެގެން ލާޒިމް
ދުރަށް ނުމެގޮސް މަލުންފަރި ހާރުތައް، ޤައުމީ ގަތާދުވަހޭ

އަތުން ތިންބާރުގޮސް ޤާނޫނުދަށުގައި ބޯލަނބަންޖެހިފައި
ކަތުންނަށް ޙައްޤުތައްދީ، ޢަދުލު އިންސާފަށް ފެތެންޖެހިފައި
ރަތުން ކުރިހާ ތަޙައްދީނިމި، މުޅިން ފެހިކުލަ ފެވޭ ދުވަހޭ

މިއީ ފަހެ، އިންޤިލާބެއް ނޫންހެ، ޤާނޫނީސިޔާސީ އައި
މިއީ ޤާސިމްގެ ޚިދުމަތް ނޫންހެ އިޚްލާޞްތެރިކަމާއެކު އައި
މިއީ ދިވެހިންގެ ޢީދޭ، އަދި އުފާވެރި އެންމެ ފޮނި ދުވަހޭ

މިނުރާނީ ވުޖޫދު ފަތިސްވުމާއެކު އައި ޚިޔާލާތުން
މިރޫޙު އުފެއްދި "އިދިކޮޅު" މެމްބަރުންނަށް ހެޔޮ ވަކާލާތުން
މިމޫރިތި ޅެންބަހުން ވެދުމާސަނާ ބަރުތީލަވާ ދުވަހޭ

Read more...

ތަޞްދީޤުކުރުން އަވަސްވުން

ރެފަރެންޑަމަކަށް ނުގޮސް، އަލުން ވިސްނުމަށް ނުފޮނުވާ، ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ. ޚާއްޞަ މަޖިލީހުން އެފޮތް ތަޞްދީޤު ކުރުމަށްޓަކައި، ފޮނުވިތާ މަހެއްހާ ދުވަހުގެތެރޭ ތަޞްދީޤު ކުރާގޮތަށް ހަމަޖެހިގެން ދިއުމުގައި، ޤާނޫނީ ސިޔާސީ ސަބަބެއް އެބައޮތެވެ. އެކަމަކު، އެސަބަބާމެދު ވިސްނައި އެއްޗެއް ބުނާކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. އެއީ، ތަޞްދީޤުކުރުން އަވަސްކުރުމަށް އެދިއެދި ފެންބޮވައިގެންފައި ތިބިލެއް ބޮޑުކަމުންނެވެ. އިންނަހިތުން މަރުކުއްތާންޖެހިފައި ހުއްޓާ ކުއްލިއަކަށް، މިއަންނަ މަހުހަތެއްވާ ދުވަހު ކައިވެނިކުރަން ތައްޔާރުކުރާށޭ އަންހެންމީހާ ބުނީމާ، ކުއްލިއަކަށް އެހެން ބުނި ސަބަބު ހޯދާކަށް އެންމެ ފިރިހެނެއްވެސް ނޫޅޭނެއެވެ. ހިތަށްއަރާނީ، އަހަރެން ޗާލުކަމުން ނީނދެ ނުކެރެނީ ކަމުގައެވެ.

މިތާގައިވެސް މިވީ އެހެނެވެ. އިދިކޮޅު މީހުނަށް މިހީވީ، އަހަރުމެން އިޝާނަމާދަށް އަރާލާ، މަގުމަގަށް ޒުވާނުން ނެރިލާ، އިންޒާރުގެ ނޯޓިސް ފޮނުވާލާ ހެދީމާ، ހަމަބިރުން ކެތްކޮށް ނުލެވުނީ ކަމުގައެވެ. އެހެންވެ، މާއަވަސް ކޮއްލަން ޖެހުނީ ކަމުގައެވެ. އެކަމަކު، އަހަރެން ވިސްނަނީ އެހެން ނަޒަރަކުންނެވެ.

އަހަރެން ވިސްނާ ގޮތުގައި، ތަޞްދީޤުވުން އަވަސްވީ، ސިވިލް ޤާނޫނާ ހެދިއެވެ. ސިވިލް ޤާނޫނުން ބާރުހޯދައިގެން، ދެކަމުންކުރެ އެއްކަމެއް ނަގަންއެންގީމާ، ކަހާތަން ހިރުވާވެސް ނުލި ޑީއާރްޕީން، ސިވިލް ވަޒީފާއިން ވަކިކުރުމުން، ޙައްޤު ގެއްލިގެން އިންސާފު ހޯދަން ނައިބުގެއަށް ދިޔައީއެވެ. ނައިބު ކަލޭގެ ބަހަކީ، ޤާނޫނުއަސާސީއާ ޚިލާފަކަށް، އެއްޤާނޫނުވެސް ނުހެދޭނެޔޭ، ސިވިލް ޤާނޫނުން ބާރުހޯދައިގެން، އެމީހުން ޙައްޤުން މަޙުރޫމެއް ނުކުރެވޭނެޔޭ، ޤާނޫނު ތަޠުބީޤު ކުރުމަކީ ނައިބުގޭގެ އިޚްތިޞާޞްގެ ތެރޭގައިވާ ކަމެކޭ، އެމީހުންނަށް، މަޑުމަޑުން އަވަހަށް ވަޒީފާ ދޭން އުޅެހެރެވެ.

މިކަމާ ވިއްދައިގެން ސިވިލް މީހުން ފަނޑިޔާރުގެއަށް ދިއުމުންވެސް، ޖެހުނީ ހަމަ އެއްތަނެއްގައެވެ. މިހިސާބުން، ޙައްޤު ގެއްލުނުމީހުން، ޙުކުމް ތަންފީޒު ކޮށްދެހެރޭ ކިޔައިގެން ދެފައި ތަޅައިގެންފިއެވެ. ސިވިލް މީހުން ސުޕްރީމް މަރުޙަލާއަށް އިސްތިއުނާފު ކުރަން ދިއުމަށް ތެޅިގެންފިއެވެ. ނައިބުގޭން، ޙުކުމް ތަންފީޒުކުރަން ވެއްޖެޔޭ ގޮވާލައިފިއެވެ. މިހާތަނުން މިފެށުނީ އަސްލު މައްސަލައެވެ.

ސުޕްރީމް މަރުޙަލާގެ ވެރިޔަކީ، ރައީސް ކަމަށްވާއިރު، ސުޕްރީމުން ބުނަންއޮތީ ދެބަހެކެވެ. އެއްބަހަކީ، ސިވިލް ޤާނޫނު ރަނގަޅެވެ. ނައިބުކަލޭގެ ގޯހެވެ. ވަޒީފާދޭނެ ކަމެއް ނެތެވެ. އެހެންބުނެފިއްޔާ، ޕާޓީ ކުދިން މާޔޫސްވެ ހޮޑުލަވައިފާނެއެވެ. ދެން އޮތް އަނެއްބަހަކީ، ސިވިލް ޤާނޫނު ރޯގޯހެވެ. ބަންޑާރަ ޙަސަނު މަށަށް ކެހިދިނީއެވެ. ނައިބުކަލޭގެ ބަސް ޞިދުޤެވެ. އަވަހަށް، ނެގި ވަޒީފާ އަނބުރާދެހެރެވެ. މިހެން ބުނެފީވިއްޔާ، ޕާޓީ ކުދިން ހިނިފަޅައިގެން ދިޔަސް، ޤާނޫނުއަސާސީގެ ބާރުކަނޑުވާލި މީހަކަށް މީނާވެ، އެންމެ ބޮޑު ޚިޔާނާތުގެ ކުށުން ކުށްވެރިވެދާނެއެވެ. މިހެންވީމާ، ދެން ހަދާންއޮތް އެންމެ މޮޅު ފަންޑިތައަކީ، ތަޞްދީޤު ކުރުމެވެ. ސިވިލުން، ސުޕްރީމް މަރުޙަލާއަށް ހުށަނާޅަނީސް، އާޤާނޫނުއަސާސީ ތަޞްދީޤު ކޮއްލީމާ އެއޮތީ ހުރިހާކަމެއް ނިމިފައެވެ. ތަޞްދީޤު ކުރުން އަވަސްވީ މިހެން ވެގެނެވެ. އަލިފުހާ.

Read more...

ރާއްޖޭގެ ހަބަރުތައް

މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ

hit counter link

ސައިޓް ބޭނުން ކުރަމުންދަނީ

  © Blogger template Writer's Blog by Ourblogtemplates.com 2008

Back to TOP